ގާނޫނަށް ގެނައި ބަދަލާއި އެކު ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު ކަނޑައަޅައިފި

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ކާޑުގެ ބާވަތްތައް ވެއްކޭނެ ކޮންޓްރޯލް އަގު ކަނޑައަޅައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ގާނޫނު ނަމްބަރު 1/...

09 Mar 2021 | 10:59

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ކާޑުގެ ބާވަތްތައް ވެއްކޭނެ ކޮންޓްރޯލް އަގު ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ގާނޫނު ނަމްބަރު 1/96 މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގެންނަ ފަރާތްތަކަށް ހިމާޔަތް ކުރުމުގެ ގާނޫނު މިދިޔަ މަހުގެ 28 ވަނަ ދުވަހު އުވިފައިވާ ކަމަށެވެ. އަދި މިހާރު އަމަލު ކުރަމުން ދަނީ 12/2020 މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނަށް ކަމަށެވެ.

ކާޑުގެ ކޮންޓްރޯލް އަގުތައް ކަނޑެޅީ އެ ގާނޫނުގެ 65 ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ. އިކޮނޮމިކް މިނިސްޓްރީން އާންމު ކޮށްފައިވަނީ ކާޑުގެ ބާވަތްތައް ވަކިވަކިން ނުވަތަ ރީޓެއިލްކޮށް ވިއްކޭނެ ކޮންޓްރޯލް އަގުތަކެވެ.

ކާޑުގެ ބާވަތްތައް ވިއްކޭ ކޮންޓްރޯލް އަގުތައް:

އާދައިގެ ހަނޑޫ: 4.80 ރުފުޔާ

އާދައިގެ ހުދު ހަނޑޫ: 4.82 ރުފިޔާ

އާދައިިގެ ފުށް: 3.80 ރުފިޔާ

މިއީ މީގެ ކުރިންވެސް ކާޑުގެ ބާވަތްތައް ވިއްކި އަގެވެ. އެންމެ ފަހުން ގާޑުގެ އަގަށް ބަދަލު ގެނެސް މިއަގުތައް ހަމަޖައްސާފައިވަނީ 2019 އޭޕްރިލް އެއް ވަނަ ދުވަހު އެވެ.

ރީޓެއިލް އަގުގެ އިތުރުން އެކި ސަރަހައްދުތަކުގައި ކޮންޓްރޯލް ކުރެވިފައިވާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދުތައް ހާމަކޮށްފައިވެ އެވެ. ހއ، ހދ، އަދި ނ އަތޮޅުގެ ރަށްތަކުގައި ކިލޯއަކަށް ކާޑުގެ ބާވަތްތައް ވިއްކޭނެ އެންމެ މަތީ އަގެއްގެ ގޮތުގައި ކަނޑައަޅައި ކޮންޓްރޯލް ކުރެވިފައިވާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދަކީ، 1.02 ރުފިޔާ އެވެ.

ރ. ބ. ޅ. ކ. އއ. އދ. ވ. މ.  ފ. ދ. އަދި ތ. އަތޮޅުގެ ރަށްތަކަށް ކޮންޓްރޯލް ކުރެވިފައިވާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދަކީ، ކިލޯއަކަށް 0.82 ލާރިއެވެ. ލ. އަތޮޅާއި، ގއ. ގދ. ޏ. އަތޮޅުގެ އިތުރުން ސ. އަތޮޅުގެ ރަށްތަކަށް ކޮންޓްރޯލް ކުރެވިފައިވާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދަކީ، ކިލޯއަކަށް 1.21 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް