މަރުގެ މެޗަކަށް މިރޭ ރޮނާލްޑޯ ނުކުންނަނީ ބޮޑު އިތުބާރަކާ އެކު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުތައް މިރޭ ފެށޭއިރު، އެންމެ ފޯރިގަދަ އަދި ބަލާހިތްވާ ކުޅުމެއް ފެނިގެންދާނެ މެޗެއްކަމަށް ގިނަ ބަޔަކު ގަބޫލް ކުރަނީ މިރޭ ޕޯޗުގަލްގެ ޕޯޓޯ އ...

09 Mar 2021 | 09:06

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުތައް މިރޭ ފެށޭއިރު، އެންމެ ފޯރިގަދަ އަދި ބަލާހިތްވާ ކުޅުމެއް ފެނިގެންދާނެ މެޗެއްކަމަށް ގިނަ ބަޔަކު ގަބޫލް ކުރަނީ މިރޭ ޕޯޗުގަލްގެ ޕޯޓޯ އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ބައްދަލުކުރާ މެޗެވެ.

މިރޭގެ މެޗަކީ ޔުވެންޓަސް ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަށް ކޮންމެހެން ވެސް މޮޅުވުން މަޖުބޫރު މެޗެކެވެ. ޕޯޓޯ ކަޓުވާލާ ކުއާޓާއަށް ދާން ބޭނުންނަމަ މިރޭގެ މެޗު 0-2 ގެ ނަތީޖާއިން ޔުވެންޓަސް މޮޅުވަން ޖެހެއެވެ.

މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ބުނެފައިވަނީ މިރޭ ޕޯޓޯ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި މިރޭ ޔުވެންޓަސް ނުކުންނައިރު މެޗާއި މެދު އޮތް އިތުބާރުވެސް ބޮޑު ކަމަށެވެ.

ޔުވެންޓަސް ވަނީ ގަދަ 16ގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 1-2 ގެ ނަތީޖާއަކުން ޕޯޓޯ އަތުން ބަލިވެފައެވެ. ޕޯޓޯ އާއި ދެކޮޅަށް ރަށުން ބޭރުގައި ޅުނު ފުރަތަމަ ލެގުގެ މެޗުން ބަލިވެ މުބާރާތުން ކެޓުމުގެ ބިރުހީވެފައި އޮތް ޔުވެންޓަސްއަށް މިރޭގެ ދެވަނަ ލެގުގެ މެޗުން މޮޅުވާނެ ކަމުގެ އުންމީދު ކުރާ ކަމަށް ޔުވެންޓަސްގެ ކޯޗު ޕިރްލޯވެސް ވަނީ ބުނެފައެވެ.

ކުއާޓާ ފައިނަލުގެ ޖާގައެއް ޔުވެންޓަސް އަށް ލިބެން އޮތީ މިރޭ ޕޯޓޯގެ މައްޗަށް ކުރިހޯދައިގެންނެވެ. މިރޭގެ މެޗުން 0-2 ގެ ނަތީޖާއަކުން ޕޯޓޯގެ މައްޗަށް ޔުވެންޓަސް އިން ކުރިހޯދައިފި ނަމަ އެ ޓީމަށް ކުއާޓާގެ ފުރުސަތު ޔަގީންވީ އެވެ.

" އަހަރެމެންގެ ކޮންފިޑެންސް ރަނގަޅުކުރަން ބޭނުން ނަމަ ވިސްނަން ޖެހޭނީ ޕޮޒިޓިވްކޮށް. އަހަރެމެން ރަނގަޅުކުރަން ޖެހޭ. ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން މި މެޗަށް ނުކުންނަން ޖެހޭނީ. މިރޭގެ މެޗުން މޮޅުވެގެން ކުއާޓާއަށް ދެވެން އޮތްއިރު އަހަރެމެންނަށް އެކަން ނުކުރެވިއްޖެ ނަމަ އެއީ ލިބޭނެ ލަދުވެތިކަމެއް،" ޔުވެންޓަސް ކޯޗު ޕިރުލޯ ބުންޏެވެ.

ޗެމްޕިއަންސް ލީގު ތަށި 1996 ވަނަ އަހަރު ކާމިޔާބުކުރި ފަހުން ޔުވެނަޓްސް އަށް މި މުބާރާތުގެ ތަށި މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ.

ވޭތުވެ ދިޔަ ޗެމްޕިއަންސް ލީގުގެ ތިން ސީޒަނުގައި ވެސް އެޓީމަށް ކުއާޓާ ފައިނަލަށް ވުރެ އިތުރަށް ކުރިޔައް ދެވިފައެއް ނުވެއެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގު މުބާރާތުން ޔުވެންޓަސް ކަޓާފައިވަނީ ވެސް ގަދަ 16 ވަނަ ބުރުންނެވެ. އެޓީމު ކެޓީ ފްރާންސްގެ ލިޔޯންއާއި ވާދަކޮށް ބަލިވެގެންނެވެ.

ޕޯޓޯ އަދި ޔުވެންޓަސް ޗެމްޕިއަންސް ލީގުގެ ކުރިމަތިލުންތަކައް ބަލާއިރު، މި ދެޓީމު މިހާތަނަށް ހަ ފަހަރެއްގެ މަތިން ވަ ނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން ހަތަރު ފަހަރު ޔުވެންޓަސް ކާމިޔާބުކޮށްފައިވާއިރު، ޕޯޓޯއަށް ކާމިޔާބު ހޯދިފައިވަނީ އެންމެ ފަހަރަކުއެވެ. އަދި އެއްމެޗުން އެއްވަރުވެފައިވެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ޕޯޓޯ އަދި ޔުވެންޓަސް ބައްދަލުކުރާ ފޯރިގަދަ މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް