ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ހާޒިރު ކުރަން އެ ކޮމިޓީން ނިންމައިފި އެވެ.
އެ ކޮމިޓީއަށް އޭނާ ހާޒިރު ކުރަން ނިންމީ މަލީހު މަގާމުން ވަކި ކުރުމަށް އިތުބާރުނެތްކަމުގެ ވޯޓު ނެގި ދުވަހު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެ ދުވަހު ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރުގެ ވަޒީރުންނަށް ބިރު ދައްކަވާ ކަމަށެވެ.
މި މަހުގެ އެއްވަނަ ދުވަހު އޮތް އެ ޖަލްސާގައި ވާހަކަ ދައްކަމުން މަލީހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ވަޒީރުންނަށާއި ސަރުކާރަށް ބިރުދައްކަމުން ދާކަމަށާއި ތަކުރާރުކޮށް ސަރުކާރުގެ އެކި އެކި ވަޒީރުންނަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސް އަޅައި ބިރު ދައްކާ ކަމަށެވެ.
މަލީހު ވިދާޅުވީ ޖެންޑާ މިނިސްޓަރުގެ މަގާމުން ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވީ ވެސް މަޖިލިސް މެންބަރުން މަޖުބޫރު ކުރުމުން ކަމަށެވެ.
މަލީހުގެ އެ ވާހަކަތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ގަދަރާއި އެތަނުގެ މަސައްކަތްތަކަށް އުނިކަމެއް ލިބިދާނެ ކަމެއް ކަން ފާހަގަކުރައްވައި އެ މައްސަލަ ބެލުމަށް ކޮމެޓީއަށް ފޮނުއްވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
އެ ކޮމެޓީއަށް މަލީހު ހާޒިރުކޮށް ކުރައްވައި، ތުހުމަތުތަކުގެ ތަފްސީލު ހޯއްދެވުމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން އެވެ. އެއްވެސް މެންބަރަކު އެކަމަށް އިއުތިރާޒްކޮށްފައި ނުވާތީ މިއަދުގެ ކޮމެޓީ ނިންމާލީ މަލީހު ހާޒިރު ކުރާނެ ކަން ރިޔާސަތުން އެންގުމަށް ފަހުގަ އެވެ.
މިކަމާއި ގުޅިގެން މަލީހު ވިދާޅުވީ އޭނާ ކޮމިޓީއަށް ހާޒިރު ކުރަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް