ރައްޔިތުންގެ މަޖިލީހުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރުމާއި އެކު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނަވަން ފަށައިފި އެވެ.
އިއްޔެ ބޭއްވި އިދިކޮޅު ކޯލިޝަންގެ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތެއްގައި މަލީހު އިންނަވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައި އެވެ. މަލީހު އިދިކޮޅު ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި އިރު އޭނާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.
އެކަމާއި ގުޅޭގޮތުން މިއަދު މީޑިއާގައި މަލީހު ވިދާޅުވީ އޭނާ އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންނެވީ ނޫން ކަމަށެވެ. އެ ޖަލްސާއަށް ވަޑައިގެން ކައުންސިލް އިންތިހާބުގެ އިދިކޮޅު ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވީ ބަރުލަމާނީ ނިޒާމާއި ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ އިއްޔެގެ ހަފްލާއަކީ ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކު ސިޓީ ކައުންސިލަށް ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ޖަގަހައެއް މާލޭގައި ހުޅުވުމުގެ ހަފްލާއެއް ކަމަށެވެ. އޭނާ ވިދާޅުވީ އަދިވެސް އެއީ ޖޭޕީގެ މެމްބަރެއް ކަމަށާއި އެ ޖަލްސާއަށް ވަޑައިގެންނެވީ ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ރަށުގެ ޒުވާނުން ދިން ދައުވަތަށް ކަމަށެވެ.
މަލީހް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކުން އޭނާގެ ތާއީދު އޮންނާނީ އިދިކޮޅުގެ ކެންޑިޑޭޓުންނަށެވެ. އެއީ، ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބެން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ.
މަލީހު މިނިސްޓަރު ކަމުން ވަކި ކުރަން ހުށަހެޅީ ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ނަހަދާ ކަމަށް ބުނެ އެވެ. އަދި އިންޓަނެޓް އަގުހެޔޮ ނުކުރުމަކީވެސް މައްސަލައެއްގެ ގޮތުގައި އެމްޑީޕީން ވާހަކަ ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް