އއ. މާޅޮހުގައި ކޯވިޑް-19 ވެކްސިން ޖެހި މީހަކު ކުއްލިއަކަށް މަރުވުމާއި ގުޅިގެން އެކަން ތަހުގީގު ކުރަން ފަށައިފި އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މަރުވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވާކަން އެނގުނީ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ހަބަރު ހުސްވެގެން ކ. ހިންމަފުށީ ސިއްހީ މަރުކަޒަށް ގެންދިއުމުންނެވެ.
އެމިހާ މަރުވެފައިވަނީ މިއަދު ހެނދުނު 9:13 ހާއިރު އެވެ.
އެމީހާ ކޮވިޝީލްޑް ވެކްސިން ޖަހާފައިވަނީ އިއްޔެ މާޅޮހު ސިއްހީ މަރުކަޒުންނެވެ.
އެޗްއީއޯސީން ބުނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެމީހާ މަރުވެފައިވަނީ ވެކްސިން ޖެހުމުގެ ސަބަބުން ދިމާވި މައްސަލައަކުންތޯ ބެލުމުގެ ތަހުގީގު ހެލްތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. އެކަމަކު މިފަދަ ކުއްލި މަރުތަކަކީ ކޯވިޑް ވެކްސިން އާއި ގުޅުން ނެތް މަރަކަށް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.
ކޯވިޑް ވެކްސިން ޖެހި އުމުރުން 92 އަހަރުގެ މީހަކުވެސް މިދިޔަ މަހު ފަހުކޮޅު މަރުވެފައިވެ އެވެ. އެމީހާ މަރުވީ ވެކްސިން ޖެހިތާ ތިން ދުވަސް ފަހުން ކަމަށްވާތީ އާއިލާއިން ވަނީ އެމީހާ ހާލު ސީރިއަސްވީ ވެކްސިން ޖެހި ފަހުން ކަމަށް ބުނެފަ އެވެ.
ހެލްތް މިނިސްޓްރީން އެ މަރުވެސް ތަހުގީގު ކުރަމުންދާއިރު މިހާތަނަށް އޭގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް