ސިލްސިލާ ވާހަކަ: ޒާރާ - ހަތްދިހަ ނުވަވަނަ ބައި

ޒާރާގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުން ދިޔައެވެ. ޒާރާ ބިރުގަންނަނީއެވެ. ގަޑިން ބާރަޖެހުމާ ގާތްވެއްޖެއެވެ. ބާރަ ޖަހާއިރު ފަހުދު އަންނާނެއެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ. ޒާރާ ހާސްވަމުން...

09 Mar 2021 | 05:14

ޒާރާގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުން ދިޔައެވެ. ޒާރާ ބިރުގަންނަނީއެވެ. ގަޑިން ބާރަޖެހުމާ ގާތްވެއްޖެއެވެ. ބާރަ ޖަހާއިރު ފަހުދު އަންނާނެއެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ. ޒާރާ ހާސްވަމުން ދިޔައެވެ. ފަހުދު ދެކެ ޒާރާ ބިރުގަނެއެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް ފަހުދުގެ ހިތް ހަމަޖައްސާދޭން ޒާރާ ބޭނުމެވެ. ފަޟީހަތްވެ ބޭޒާރު ވުމަކީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ވޭންކަން އޭނާއަށް އެނގޭތީއެވެ. ފަހުދު ރުއްސައިގެން ނޫނީ ޒާރާއަށް ހަމަޖެހުމެއް ނެތްކަމަށް ޒާރާއަށް ގަބޫލު ކުރެވޭތީވެސް މެއެވެ.

ގަޑިން ދަންވަރު ބާރަ ޖަހައިފިއެވެ. ފަހުދު މިސްރާބު ޖަހާފައިވަނީ އޭނާގެ މަންޒިލާ ދިމާއަށެވެ. އާނއެކެވެ. ޒާރާގެ އެޕާޓްމަންޓާ ދިމާއަށެވެ. ހުޅުވުނު ލިފުޓުން ނިކުމެ އެއްވެސް ޚިހާލެއް ފިކުރެއް ނެތި އެޕާޓްމަންޓުގެ މައި ދޮރާ ދިމާއަށް އޭނާ ހިނގައިގަތެވެ.

ޒާރާގެ އެޕާޓްމަންޓް ދޮރުގެ އަތްގަނޑުގައި ހިފާ ފަހުދު އަނބުރާލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. އެވަރަށް ބުނުމުންވެސް ޒާރާ އޭނާގެ ބަސް ގަބޫލު ނުކުރީތާއޭ ފަހުދު ހިތަށް އެރިއެވެ. ދޮރުގައި މަޑުމަޑުން ފަހުދު ޖަހާލިއެވެ. ޒާރާ ފަހުދުގެ އިންތިޒާރުގައި ހޭލާ ހުރެދާނެކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ޒާރާގެ ހިލަމެއް ނުވިއެވެ. ފަހުދު މާޔޫސް ވާގޮތް ވިއެވެ. ރުޅި އާދެވުނެވެ.

އެވަރުން އަދި އުންމީދު ކަނޑާލާކަށް ފަހުދު ބޭނުމެއް ނުވިއެވެ. އެނބުރި ހިނގައިގަތީ ބޮޑުދައިތަގެ ބަޔަށް ދާށެވެ. ތަޅުދަނޑި ފަތިން އެ ދޮރުގެ ތަޅުދަނޑި ވަކިކޮއްލުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެނޫންގޮތެއް ދެން ނެތްކަން ފަހުދަށް އެނގެއެވެ.

ބޮޑުދައިތަގެ ތަޅުދަނޑިފަތި އޮންނަނީ ޓީވީ ރެކުގެ ވަތްގަނޑުތަކުގެ ތެރެއިން ކޮން ވަތްގަނޑެއްގައިކަން ފަހުދަށް އެނގެއެވެ. ބޮޑުދައިތަ އޮންނާނީ ނިދާފައިކަން ޔަގީންވާތީ ފަހުދު ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ. ތަޅުދަނޑިފަތި ހިފައިގެން ފަހުދު ގެއިން ނިކުމެ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ތެޅިތެޅިއޮތް ހިތަކާއެކު ފަހަރަކު ތަޅުދަނޑިއަކުން ތަޅު ހުޅުވޭތޯ މަސައްކަތް ކުރަން ފެށިއެވެ. މާ ގިނައިރު އެކަމުގައި ހޭދަކުރާކަށް ނުޖެހުނެވެ. ތަޅު ހުޅުވިއްޖެއެވެ.

ފަހުދަށް ބޭއިޚްތިޔާރުގައި ހިނިތުން ވެވުނެވެ. ތަޅުދަނޑިފަތި ޖީންސްގެ ޖީބަށް ލުމަށްފަހު ހަމަޖެހިލިއެވެ. ދޮރުހުޅުވާ އެތެރެއަށް ވަދެވުމާއެކު ފަހުދަށް ލިބުނީ މާޔޫސް ކަމެކެވެ. ސިޓިންރޫމުގައިވެސް އަދި އެހެންތަނެއްގައިވެސް އެއްވެސް އަލިކަމެއް ނެތެވެ. އެހެންކަމުން އެވަރަށް ބުނުމުންވެސް  ޒާރާ ނިދީކަން ފަހުދަށް ޔަގީން ވިއެވެ. އޭނާއަށް ރުޅި އާދެވުނެވެ. ބަދަލު ހިފުމުގެ ރޫހު އޭނާގެ ހިތުގައި އުތުރިގެންފިއެވެ. ފޯނުގެ ސްކްރީންގެ ފަޑު އަލިކަމުގެ އެހީގައި މަޑުމަޑުން ޒާރާގެ ކޮޓަރީ ދޮރާ ފަހުދު ކައިރިވެލިއެވެ. އެ ދޮރުވެސް ހުރީ ތަޅުލާފައެވެ.

ދެން ހަނދާނީ ކިހިނެތް ބާވައެވެ. އެފަދަ އަނދިރީގައި އެ ދޮރުގެ ތަޅުދަނޑި ހޯދައިގެން ދޮރު ހުޅުވަން އުޅުމަށްވުރެ ޒާރާއަށް ގޮވުން މާ ރަނގަޅުވެފައި ފަސޭހަ ވާނެކަމަށް ފަހުދަށް ގަބޫލު ކުރެވުނެވެ.

ފަހުދު މަޑުމަޑުން ދޮރުގައި ޖަހާލިއެވެ. ބާރަށް ޖަހައިފިނަމަ ޒިލީ އަށް ހޭލެވިދާނެތީއެވެ. ކިތަންމެ މަޑުން ޖެހިކަމުގައި ވިޔަސް ޒާރާއަށް އެ އަޑު އިވުނެވެ. ވާނީވެސް އެހެންތާއެވެ. އެފަދަ އަޑެއް އިވިދާނެކަމަށް އޭނާއަށް އިންތިޒާރު ކުރެވޭތާ ކިތަންމެ އިރެކެވެ. ޒާރާގެ ހިތް ތެޅިގަތެވެ. ފަހުދު އައީކަން ޔަގީނެވެ. މައިދައިތައަށް ހޭލެވުމުގެ ކުރިން ދޮރު ހުޅުވަން ޒާރާ ބޭނުންވިއެވެ. އަވަސް އަވަހާ އެނދުން ތެދުވެގެން ދޮރާ ދިމާއަށް ހިނގައިގަތެވެ. މައިދައިތަ އޮތީ ފުން ނިދީގައިކަން ޒާރާއަށް އެނގެއެވެ.

ޒާރާ ދޮރު ހުޅުވާލިއެވެ.

''ފަހަރި.....ކީއްވެ................'' ފަހުދުގެ އަނގަމަތީގައި ޒާރާ އަތް އެޅިއެވެ. ފަހުދުގެ އަޑު ހަމަހިމޭންކަމުގެ ތެރެއަށް ހިނދިގެން ދިޔައެވެ. ޒާރާ ކޮޓަރިން ނިކުތުމަށްފަހު ދޮރުފަތް ދޮރާ ކައިރިކޮއްލިއެވެ. އަދި ފަހުދު އަތުގައި ހިފައިގެން އަނދިރިގެ ތެރެއިން ސިޓިންރޫމް ދޮރާ ދިމާއަށް ހިނަގައިގަތެވެ. ފަހުދު ހުރީ ވާނުވާ ނޭނގިފައެވެ. ޒާރާ އެގޮތަށް ކަންތައް ކުރަންޖެހޭ އެއްވެސް ސަބަބެއް ފަހުދަކަށް ނުވިސްނުނެވެ.

''ފަހަދު ............... ދޭ ނިދަން.................'' އެޕާޓްމަންޓް ދޮރުން ފަހުދު ނެރުމަށްފަހު ޒާރާ އެދުނެވެ. ފަހުދަށް ލިބުނު ހައިރާންކަން ކިތަންމެ ހާވެސް ބޮޑެވެ.

''ނުދާނަން............... އެހާ އަވަހަށް ދާކަށް ނޫނޭ އަހަރެން މިއައީ................ ތީ ދެން ކޮންގޮތެއް ........... ފަހަރި ދައްކާ އެއްވެސް ވާހަކެއްގަ ................'' ފަހުދުގެ އަޑު ގަދަވާން ފެށުމުން އަނެއްކާވެސް ޒާރާ ފަހުދުގެ ތުންފަތް މަތީގައި އިނގިލި ޖައްސާލިއެވެ.

''އިމްރާން މަންމަ މިރޭ އޮތީ އަހަރެންގެ ކޮޓަރީގަ........... އެހެންވެ މިބުނީ ފަހުދު މިރޭ ދެން ދާށޭ................'' ޒާރާ ބެލީ މަޑުމައިތިރި ކަމާއެކު ފަހުދަށް ވިސްނާދެވޭތޯއެވެ.

''އެ ކީއްވެ............ މިވީ އެއްވެސް ރެއެއްގަ މިތާކު ނުނިދައެއްނު ............. މިރޭ މިތަނުގަ އޮންނަންޖެހޭ ސަބަބެއްވެސް އޮންނާނެ.......... އަހަރެން މީ މޮޔައެއް ކަމަށް ފަހަރި ހީނުކުރާތި............. ތީ ހަމަ ފަހަރިގެ ރޭވުން............'' ފަހުދު ރުޅިއައެވެ.

''ނޫނޭ........ އަހަރެން ބުނެގެނެއް ނޫން............... ދެން ވަންނަނީ އިނގޭ............ މައިދައިތައަށް ހޭލެވިގެން ނިކުމެދާނެ............. އަހަރެން ބިރުގަނޭ...............'' ޒާރާ އެތެރެއަށް ވަނުމަށްޓަކައި އެނބުރުނެވެ. އެހެން  ނަމަވެސް ފަހުދު ހުރީ އެވަރު ވިސްނައިގެންނެވެ. އަވަސް އަވަހާ ޒާރާގެ އަތުގައި ހިފެހެއްޓިއެވެ.

''ނުވަދެވޭނެ................ މަޑުކުރޭ..............'' ފަހުދު ކުރީ އަމުރެވެ. އެ އަޑުގައިވަނީ އިންތިހާ ރުޅިވެރިކަމެވެ. އެއީ ފަހުދުގެ ނުފެންނަ ފަރާތެވެ. އޭނާގެ ހަގީގީ ސިފައެވެ. ފަހުދަކީ ރުޅިގަދަ މީހެކެވެ. ކޮންމެކަމެއް އޭނާ ބޭނުންވާގޮތަށް ވާން ބޭނުންވާ މީހެކެވެ. ކޮންމެ ގޮތެއް ހަދާފައިވިޔަސް އޭނާގެ ބޭނުންތައް ފުރިހަމަކުރަން ބޭނުންވާ، އަމިއްލަ އެދުން ބޮޑު މީހެކެވެ.

''ފަހުދު............... ދޫކުރޭ............. އެހެންނޫނީ ދެމީހުންވެސް ފަޟީހަތް ވެދާނެ.......... މާ ރީއްޗެއް ނުވާނެ އޭރަކުން.......... ފަހުދު ލަދު ނުގަތަސް އަހަރެން ލަދުގަނޭ............'' ޒާރާ މޫނު އަނބުރާލަމުން ފަހުދަށް އާދޭސް ކުރިއެވެ. އެހެންނަމަވެސް ފަހުދަށް އެ އާދޭހުގެ އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އޭނާ ޒާރާގެ އަތުން ދުލެއް ނުކުރިއެވެ.

''ލަދު ގަންނާނީ ފަހަރި............ މިރޭ ތިކުރިކަމަކުން މިހާރު ފަހަރިމަތިން ފޫހިވެސް ވެއްޖެ.......... މިއަދު އެހާ ރީތިކޮއް ހުރިހާ ކަމަކަށް އެއްބަސްވެފަ .......... ކީއްވެ މަށަށް އޮޅުވާލީ............. ތި ކުރިކަންތަކުގެ ބަދަލު ފަހަރިއަށް ލިބޭނެ........... ހަނދާކުރާތި................'' ފަހުދު ވާހަކަދެއްކީ މަޑުން ކަމުގައި ވިޔަސް އޭނާ ރުޅިގަދަވެފައިވާ މިންވަރު ޒާރާއަށް އިހްސާސް ކުރެވުނެވެ.

ޒާރާ ހާސް ވަނީއެވެ. އެ ފިނި މެންދަމުގެ ފިނި ފިނި ވައިރޯޅިތައް އޭނާގެ އަށިގަޑުގައި ބީހެމުން ދިޔަނަމަވެސް އެވައިރޯޅީގައިވާ ފިނިކަން އޭނާއަށް އިހްސާސް ކުރެވޭހެނެއް ހިޔެއް ނުވެއެވެ. އޭނާގެ ނިތްކުރިން ފާއްދާލާފައިވާ ދާތިކިތަކުން އޭނާ ހާސްވެފައިވާ މިންވަރު އަންގައިދެއެވެ. އަތްފައި ފިނިވެފައި ވީނަމަވެސް ހަށިގަނޑުން ހޫނު އަރަމުންދާ ކަމުގެ އިހްސާސް ޒާރާއަށް ކުރެވެމުން ދިޔައެވެ.

''ހިނގާ އަހަރެންގެ ރޫމަށް...............'' ފަހުދު ޒާރާގެ އަތުގައި ހިފާ ދަމާލިއެވެ. ލިފްޓާ ދިމާއަށެވެ.

''ފަހުދު މޮޔަވީތަ............... ތީ އަހަންނަށް ނުކުރެވޭނެ ކަމެއްކަން ހަމަ ރަނގަޅަށް ފަހުދަށް އެނގޭނެ...........'' ފަހުދުގެ އަތުތެރެއިން ޒާރާގެ އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ޒާރާ ބުންޏެވެ.

''ފަހަރިއަށް ކުރެވޭނެ ............ ކުރަން ޖެހޭނީ......... އާދޭ..............'' ފަހުދު ހުރީ ގޮތް ދޫކުރާގޮތަކަށް ނޫނެވެ. އޭނާގެ ރާގު ހަރުކައްޓެވެ. އެ ހިތުގައި އިންސާނިއްޔަތުކަމޭ މިކިޔާ އިހްސާސްވެސް ނުވަނީ ހެއްޔެވެ. ޒާރާއަށް ރޮވެން ފެށިއެވެ. ފަހުދު އޭނާގެ އަތުގައި ހިފަހައްޓާފައިވާލެއް ބާރުކަމުން އަތަށް ދަތުވަމުން ދިޔައެވެ.

''މިރޭ ޖެހޭނީ ދާން.......... ހެޔޮ ކޮންމެ ގޮތެއް ވިޔަސް........... އަހަރެން ރޭގަ އެވަރަށް މޮޔަކޮށްފަ......... ތިޔަހެން ސަލާމަތެއް ނުވެވޭނެ........... އަހަރެން މި އެދެނީ ކުޑަކުޑަ ވަގުތުކޮޅަކަށް.......... އެވަރު ކޮށްދެވެންވާނެ...... އެހެން ނޫނީ ފަހަރިއަށް ހަމަ ރަނގަޅަށް އެނގޭނެ ދެން ވާނެ ގޮތް................ދޯ......'' ފަހުދު ޒާރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ބުނެލިއެވެ.

''ފަހަރި ވާނީ ބޭޒާރު.......އެގޮތްތަ ބޭނުމީ.............'' ފަހުދުގެ މޫނު ޒާރާގެ މޫނާ ޖެހޭހާ ކައިރި ކޮއްލިއެވެ.

ފަހުދުގެ ނޭވާ އެޅުނީ ސީދާ ޒާރާގެ މޫނަށެވެ. އެ ނޭވާއިން ދުވީ މީގެ ކުރިން ދުވަހަކުވެސް ޒާރާއަށް ދުވާފައިނުވާ ފަދަ 'ފާޑެއްގެ ނުބައި' ވަހެކެވެ. ބޭއިޚްތިޔާރުގައި ޒާރާއަށް މޫނު އަނބުރާލެވުނެވެ. ފަހުދާ ދުރަށް ޖެހިލެވުނެވެ. ކޮށި އަރާގޮތްވެސް ވެއްޖެއެވެ. ފަހުދުގެ މޭގާއަޅާ ކޮއްޕާލެވުނެވެ. ޒާރާގެ ހަށިގަނޑުގައިހުރި  ހުރިހާހާބާރެއް އޭނާގެ އަތަށް އައިސްފައިވާހެން އޭނާއަށް ހީވިއެވެ. ޒާރާ ކުރި ހަރަކާތުގެ ސަބަބުން ފަހުދު އަރި އަޅާލިއެވެ. އެފަދަކަމެއް ޒާރާ ކޮއްފާނެ ކަމަށް ފަހުދު ހުރީ ވިސްނައިގެން ނޫންކަމުން ފަހުދަށް އޭނާގެ ހަށިގަނޑު ކޮންޓްރޯލް ކުރާނެ ފުރުސަތެއް ނުލިބުނެވެ. ފައި ކައްސާލާ ޓައިލްސް މައްޗަށް ފަހުދު ވެއްޓުނެވެ. ޒާރާ އަވަސް އަވަހަށް ދުވެފައި ގޭތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ދޮރު ތަޅުލުމަށްފަހު ތަންޑުވެސް އަޅުވާލިއެވެ. އަދި އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. ބާރުބާރަށް ތެޅެމުންދިޔަ މޭގައި އަތް ޖައްސާލެވުނެވެ. ހާސްވެ ގޮތްހުސްވެފައިވާ ޒާރާގެ ނަޒަރު ހުއްޓުނީ މައިދައިތަ ނިދާފައި އޮތް ސޯފާއެނދާ ދިމާއަށެވެ.

---------------------------------------------------------------------------------------------

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 11 މާރިޗްވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ.....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް