އޭޑީކޭ ހޮސްޕިޓަލުން ކޯވިޑް-19 ޕީސީއާރު ޓެސްޓު ހަދައިދޭ އަގު ތިން ވަނަ ފަހަރަށް ހެޔޮކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އަގަށް މިފަހަރު ގެނައި ބަދަލާއި އެކު މިއަދުން ފެށިގެން ދިވެހިންނަށް ޕިސީއާރު ޓެސްޓެއް 700 ރުފިޔާއަށް ހެދޭނެ ކަމަށެވެ. އަދި ޓޫރިސްޓުންނަށް 45 ޑޮލަރަށް ޓެސްޓު ހެދޭނެ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ޕީސީއާރު ޓެސްޓު ހެދޭ އަގު ހެޔޮކުރަން ނިންމީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންނަށް ވީހާ ވެސް ފަސޭހައިން އަދި ކުޑަ އަގެއްގައި ޕީސީއާރު ޓެސްޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
ހަމައެއާ އެކު ދުނިޔޭގެ ބާޒާރުގައި ވެސް ޕީސީއާރު ޓެސްޓު ހަދަން ބޭނުންވާ ތަކެތީގެ އަގު ހެޔޮވެ، އެތަކެތި ހޯދަން ފަސޭހަވެފައިވާ ކަމަށް ވެސް އޭޑީކޭއިން ބުނެ އެވެ.
ޕީސީއާރު ޓެސްޓުގެ އަގުތަކަށް ކުޑަކުރީ އެކަމުގެ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އެންމެ ފުރަތަމަ އެ ހޮސްޕިޓަލްގައި ކޯވިޑް ޕީސީއާރު ޓެސްޓެއް ހަދައިދީފައިވަނީ 1،500 ރުފިޔާ އަށެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު 16 ވަނަ ދުވަހު އެ އަގުވަނީ 1،200 ރުފިޔާއަށް ދަށްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް