ކޮވިޑް-19: ކުރެއްދޫ ރިސޯޓުން އަނެއްކާވެސް ދެ މީހަކު ވައިރަހަށް ޕޮސިޓިވް ވެއްޖެ

ކުރެއްދޫ އައިލެންޑް ރިސޯޓުން އަނެއްކާވެސް އިތުރު ދެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން މިރޭ ބުނީ ޕޮސިޓިވް ވެފައިވަނީ ދެ ބިދޭސީ މުވައްޒަފުން ކަމަށެވެ. އެންމެ ފުރަތަމަ ރާއްޖެއ...

09 Mar 2020 | 16:39

ކުރެއްދޫ އައިލެންޑް ރިސޯޓުން އަނެއްކާވެސް އިތުރު ދެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ޕޮސިޓިވް ވެފައިވަނީ ދެ ބިދޭސީ މުވައްޒަފުން ކަމަށެވެ. އެންމެ ފުރަތަމަ ރާއްޖެއިން ވައިރަސްއަށް ޕޮސިޓީވްވި އެ ރިސޯޓުގެ ދެ މުވައްޒަފުންނަކީވެސް ބިދޭސީންނެވެ.

މިއާއެކު ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ ހަޔަކަށް އަރާފައި އެވެ. އަނެއް ދެމީހުންނަކީ އއ. ސޭޑީޒް ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ފަތުރުވެރިންނެވެ.

މި އެންމެންވެސް މިވަގުތު ތިބީ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީގައި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން އެޗްޕީއޭއިން ދަނީ ޕޮސިޓިވްވި ފަރާތްތަކާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަމައެކަނި ކުރެއްދޫ ކޭސްއާއި ގުޅުން ހުރި173 މީހަކު އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެމީހުން ރާއްޖޭގެ ހަތް ސަރަހައްދަކަށް ދަތުރުކޮށްފައިވާ ކަމަށާއި، އެ ސަރަހައްދުތަކާއި އެ ރަށްތަކުގައި ދިރިއުޅޭ މީހުން ބަލިވުމުން ޑޮކްޓަރަށް ދައްކާ މިންވަރު ގަވައިދުން ހެލްތް ސެންޓަރުތައް މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ. އަދި ގުޅުން ހުރި ފަރާތްތަކުގެ އާއިލާތައްވެސް މޮނިޓާ ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ޝައްކު ކުރެވޭ ކަމެއް ފާހަގަވީ ށ. ފޯކައިދޫ އާއި ޅ. ހިންނަވަރުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ފޯކައިދޫގައި ނުވަ މީހަކު ގޭގައި އައިސޮލޭޓް ކޮށްގެން ފަރުވާ ދިނުމަށް ފަހު އޭގެ ތެރެއިން ކުރެއްދޫގައި މަސައްކަތް ކުރި މުވައްޒަފު ވަނީ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައި އެވެ.

އަދި ހިންނަވަރުން ޝައްކު ކުރެވުނު ކުރެއްދޫ މުވައްޒަފަކުވެސް ވަނީ ފަރުކޮޅުފުށީ ކަރަންޓީނަށް ބަދަލުކޮށްފައި އެވެ. ހިންނަވަރުން އިތުރު މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ހެލްތް ސެންޓަރުތަކުން މި ބައްޔަށް ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް