ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވިކަން ރާއްޖެއިން ފުރިފަހުން އެންގި އިޓަލީ މީހާ ފުރުވާލި އިރު ބަލިކަން އެނގި ހުރެ އެކަން ކުރި ބަޔަކު ހޯދަން ތަހުގީގެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ފުލުހުންނަށް އަންގަވައިފި އެވެ.
ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭ ތުހުމަތުތައް ހޯދައި، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީގެ ހައިސިއްޔަތުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެމީހާ އަކީ އެންމެ ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް ފެތިރެމުންދާ ގައުމަކަށް ނިސްބަތްވާ މީހެއްކަން އެނގި ހުރެ އޭނާ ފޮނުވާލީ ކޮންމެސް ބަޔަކު ގަސްދުގައި ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މިކަމާ ގުޅޭގޮތުން ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުނުކަން އިއުލާން ކުރި ދުވަހުން ފެށިގެން މިއަދާ ޖެހެންދެންވެސް ސަރުކާރުން ބުނަމުންދަނީ އެމީހާ ބަލިވެ ހުއްޓަ ފުރުނު ގޮތެއް ހޯދަމުން ކަމަށެވެ.
https://twitter.com/HuShameem/status/1237039101213200386
ޕީޖީ އޮފީހުން މިރޭ މީޑިއާގައި ބުނީ، ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު އިޓަލީ މީހާގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހާމަނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ޅ. އިން ޕީޖީ އަށް ލިބިދޭ ބާރުގެ ދަށުން ފުލުހުންނަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.
އެމީހާ ރިސޯޓުން ފުރީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާ ރާއްޖެ އައިސް އުޅުނީ10 ވަރަކަށް މީހުންގެ ގްރޫޕަކާއި އެކު އެވެ.
ކުރެއްދޫ ރިސޯޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ރިސޯޓެކެވެ. އެ ރިސޯޓު މިވަގުތު އޮތީ ރަށުގައި ތިބި އެންމެންނާއި އެކު ކަރަންޓީންކޮށްފައި އެވެ. އެރަަށަށް އަރާ ފޭބުމަކީ މަނާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް