ރާއްޖެއިން ދިޔަ ފަހުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި އިޓަލީ މީހާ ފުރުމުގެ ކުރިން މާލޭގައި ދެ ދުވަހު ހުރި ކަމަށް ކޮވިޑް-19 ގެ މީޑިއާ އޮފިސަރު އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ފުރުން ލަސްވުމާއި ގުޅިގެން އިޓަލީ މީހާ މާލޭގައި ހުންނަ މާގިރި ހޮޓަލުގައި ދެ ދުވަސްވަންދެން މަޑު ކުރި ކަމަށެވެ. އަދި އެ މުއްދަތުގައި ޔުނިވާސަލްގެ ޓިކެޓިން އޮފީހަށް ދިޔަކަމަށެވެ.
އެހެންވެ އެ ދެ ދުވަހުގެ ތެރޭގައި އޭނާއާއި މުއާމަލާތް ކޮށްފައިވާ16 މީހަކު ފާހަގަ ކުރެވިގެން ހޯމް އައިސޮލޭޝަންގައި ބަހައްޓާފައިވާ ކަމަށެވެ. އޭގެ ތެރެއިން15 ފަރާތަކީ މާގިރި ހޮޓަލުގެ މުވައްޒަފުންނެވެ. އަނެއް މީހާ އަކީ ޔުނިވާސަލްގެ މުވައްޒަފެކެވެ.
އެކަމަކު އެޗްޕީއޭއިން މިހާރު ނިންމާފައިވަނީ މީގެ ތެރެއިން ޔުނިވާސަލްގެ މުވައްޒަފު ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީއަށް ބަދަލު ކުރާށެވެ.
މަބްރޫކް ވިދާޅުވީ އިޓަލީ މީހާ ރާއްޖެއިން ދިއުމުގެ ކުރިން ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރަށް ދައްކާފައި ވުމާއި އަލާމާތްތައް ފެންނަ ހުއްޓަ ފުރުނު ގޮތާއި ގުޅޭގޮތުން ހޯދަން ޖެހޭ މައުލޫމާތުތައް އަދިވެސް ހޯދަމުން ދާކަމަށެވެ. މީގެ ކުރިން ހެލްތް މިނިސްޓަރުވެސް ވަނީ އެ މައުލޫމާތުތައް ހޯދާ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
މި މީހާ ރާއްޖެއިން ފުރާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އޭނާ ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި ކަން އެންގީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް