ވެރިކަން ކުރާ އެމްޑީޕީން ގަބޫލު ކުރާގޮތުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރި ރައީސުންގެ ތެރެއިން ރައްޔިތުން ދެކެ އެންމެ ލޯބިވާ، އޯގާތެރި، ރައްޔިތުންގެ އިހުސާސްތައް އެންމެ ރަނގަޅަށް ދަންނަ ރައީސެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ މިންވަރާއި ތަރައްގީއަށް ކޮށްދޭން ޖެހޭ ކަންކަން އަދި ރާއްޖޭގެ ސިއްހީ ނިޒާމަށް ގެންނަން ފެންނަ އެންމެ ރަނގަޅު ބަދަލު އެނގިވަޑައިގެންނަވަނީ ރައީސް ނަޝީދަށެވެ. އެކަމަކު މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅު ރައީސް ނަޝީދު ދައްކަވަނީ ރައްޔިތުންގެ އިހުސާސާއި ސީދާ ދެކޮޅު ވާހަކަތަކެކެވެ.
48 ގަޑިއިރު ތެރޭގައި ރާއްޖޭގައި މިވަގުތު ތިބި ހަތަރު ބިދޭސިއަކު ވައިރަހަށް ޕޮސިޓީވް ވުމުން ރައްޔިތުންގެ މެދުގައި ހާސްކަން ވަނީ އިތުރުވެފަ އެވެ. އަދި އޭގެ ތެރެއިން ދެމީހަކާއި ގުޅުން ހުރި173 މީހަކު ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަތިބި ކަމަށް ހެލްތް މިނިސްޓްރީން އިއުލާނު ކުރުމުން ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.
ހެލްތް މިނިސްޓްރީން އިލްތިމާސް ކުރަމުންދަނީ ރައްޔިތުން ހާސްނުވެ ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށެވެ. އަދި ސަރުކާރުން ވައިރަސް ކޮންޓްރޯން ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް ވައިރަސް ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ދޮރުތައް ބަންދު ކުރަމުންދާ ކަމަށެވެ.
އެކަމަކު މި ވައިރަސްގެ ބިރު ރާއްޖެއަށް ބޮޑުވާން ފެށީންސުރެ ނަޝީދުގެ ވާހަކަފުޅު ބައްޓަން ކުރައްވަމުން ގެންދަވަނީ އެހެން މިސްރާބަކަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި އުޅޭ ބައްޔެއް ކަމަށް ވަންޏާ ރާއްޖެ މި ބަލި އަންނާނެ. މިއީ ރައްޔިތުން ހާސްވާންވީ ކަމެއް ނޫން. ކޮވިޑް-19 އަޔަނުދޭން ވަކި ގައުމަކުން މީހުން އައުން ހުއްޓުވަން ފިޔަވަޅު އަޅާކަށް ނުޖެހެ. ކަރަންޓީން ކުރުމަށް ރަށް ބަންދު ކުރާކަށް ނުޖެހޭނެ، ކޮރޯނާ ވައިރަސްއަށް ސިއްހީ މަރުކަޒުތަކުގައި ފަރުވާ ދެވޭނެ،" މިއީ މި ބައްޔާއި ގުޅޭގޮތުން ނަޝީދު ދައްކަވާފައިވާ މުހިންމު ރައްޔިތުންގެ ސަމާލުކަން ހުއްޓުވު ވާހަަކަފުޅުތަކެވެ.
އެންމެ އާދަޔާ ހިލާފު ވާހަކައަކަށް މިއަދު ވިދާޅުވީ ލޮލު ރޯގާ އާއި އަރިދަފުސް ރޯގާ ޖެހުމުން ރޯގާއިން ސަލާމަތް ވުމަށް މަސައްކަތް ކުރާ އުސޫލުން ކޮރޯނާ ވައިރަސް އިން ވެސް ސަލާމަތް ވާން ފިޔަވަޅުތައް އެޅޭނެ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވި އިރު މުޅި ދުނިޔޭގައި ކަރަންޓީން ފެސިލިޓީތައް ގާއިމްކޮށް މި ބަލި ޖެހޭ މީހުން އެކަހެރިކޮށް ފަރުވާދެމުން ދަނީ ކީއްވެހެއްޔެވެ.
ނަޝީދު ހުރިހާ ކަމެއްގެ މިސާލު ނަންގަވާ ޔޫރަޕްގެ ގައުމުތަކުގައި ވަކި އުސޫލަކުން މި ބައްޔާއި މެދު އަމަލު ކުރަމުން ދަނީ ބަލީގެ ސީރިއަސްކަށް ބޮޑުވުމުންނެވެ. އިންޑިއާގެ ކެރެލާގައި އާއި އެމެރިކާގެ ނިއުޔޯކްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ރައްޔިތުންގެ ފުރާނައަށް މި ބަލި ޖެހުމުން ނުރައްކާތެރިކަން ބޮޑުވުމުންނެވެ.
ނަޝިދުގެ މިފަދަ ވާހަކަފުޅުތަކުން ރައްޔިތުން ތިބީ މިހާރު އިތުރު ހާސްކަމެއްގެ ތެރޭގައި އެވެ. ނަޝީދުގެ މި ވާހަކަފުޅުތަކާއި އެއްގޮތަށް ސަރުކާރުން ބަންދުކޮށްފައިވާ އިޓަލީ އާއި ޗައިނާގެ ވައިގެ ދޮރުތައް ހުޅުވާލައިފި ނަމަ ކޮންޓްރޯލް ނުކުރެވޭ ވަރަށް ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދެކޭ ރައްޔިތުން މަދެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް