ބޭންކް އޮފް މޯލްޑިވްސް (ބިއެމްއިލް) އިން ރަހުނަކާއި ނުލާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ލޯނު ދޫކުރަން ފަށައިި އެވެ.
"ވޯކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ" ގެ ނަމުގައި ދޫކުރަން ފެށި މި ލޯނަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ތައާރަފް ކުރި ފެސިލިޓީއެއް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ލޯނު މިހާރު ހިންގަމުން ގެންދާ ވިޔަފާރިއެއް ފުޅާ ކުރުމަށް ނުވަތަ އަލަށް ވިޔަފާރިއެއް ފަށަންވެސް ދޫކުރާނެ އެވެ.
ބީއެމްއެލް "ވޯކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ" ގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމަޔަށް ފައިސާ ދޫކުރާނެ އެވެ. މި ފެސިލިޓީ ދަށުން ޑިމާންޑް ލޯނާއި އޯވާޑްރާފްޓްސް އާއި ބޭންކް ގެރެންޓީ އާއި ލެޓާ އޮފް ކްރެޑިޓް އަދި ޓްރަސްޓް ރިސީޕްޓް ޑިމާންޑް ލޯނަށް އެދި ހުށަހެޅޭނެ އެވެ.
މި ފެސިލިޓީގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ތެރޭގައި އެވެ. އަދި މިހާރު ހިންގަމުންދާ ވިޔަފާރިތަކަށް މިދިޔަ ތިން އަހަރު ހޯދާފައިވާ އެވަރޭޖް ސޭލްސްގެ 20 ޕަސެންޓާ ހަމައަށް ފައިސާ ލިބޭނެ އެވެ.
މީގެ އިތުރުން ބީއެމްއެލްއިން މިއަދު ވަނީ ހޯމް ކޮންސްޓްރަކްޝަން ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ބަހައްޓަން ޖެހޭ ވަރު 30 ޕަސެންޓުން 20 ޕަސެންޓަށް ކުޑަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް