ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމުން ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ފިޔަވަޅުތަކެއް އަޅައިފި އެވެ.
ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެެ ބައްދަލުވުމުގައި އެބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އިއްޔެއިން ފެށިގެން ބޭންކުގެ ހުރިހާ އޮފީސްތަކާއި އޭޓީއެމް ސެންޓަރުތަކާއި ބްރާންޗް ތަކުގައި ސެނިޓައިޒާ ބަހައްޓާފައިވާ ކަމަށެވެ. އަދި އެހުރިހާ ތަނެއް ސާފުކުރުމާއި ޑިސްއިންފެންކްޓް ކުރުން ގަވައިދުން ކުރަމުންދާ ކަމަށެވެ.
މުވައްޒަފުންގެ ރައްކާތެރި ކަމަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މާބަނޑު މުވައްޒަފުންގެ ރައްކާތެރިކަން ދަނީ ކަށަވަރު ކުރަމުންނެވެ. އަދި ބޮޑު ބައްޔަކަށް މިހާރު ވެސް ފަރުވާކުރަމުންދާ މީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު ބަދަލުކުރަންޖެހޭ ހާލަތުތަކުގައި އެ ކަން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއަކީ މި ސަރަހައްދުގެ ގައުމުތަކުގައި ހިންގާ ބޭންކުތަކުގެ ތެރެއިން މުވައްޒަފުންގެ ކަންކަން އެންމެ ހަރުދަނާ ބޭންކެވެ.
ބީއެމްއެލްއިން ބުނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ގައުމުގެ އިގްތިސާދަށް ދިމާވެދާނެ ގޮތްޖެހުންތަކުން ސަލާމަތް ކުރުމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ބޭންކުން ހޯދައިދޭނެ ކަމަށެވެ.
ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޕޮސިޓިވް ވެފައިވަނީ ހަތަރު މީހުންނެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ދެ ޓޫރިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް