ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވާ އަދި ޝައްކު ކުރެވޭ މީހުންނަަށް ފަރުވާދިނުމަށް81 ހާސް ސިއްހީ އޮފިޝަލުން ތަމްރީން ކުރެވިފައިވާ ކަމަށް ކޮވިޑް-19 ގެ މީޑިއާ އޮފިސަރު، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ފަރުވާ ދިނުމަށް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އެގޮތުން ރަނގަޅު ކަރަންޓީން ފެސިލިޓީ އާއި ފަރުވާދޭނެ އޮފިޝަލުން ތިބީ ތައްޔާރަށް ކަމަށެވެ.
ކަރަންޓީން ފެސިލިޓީގެ ގޮތުގައި ކުރީގައި ރިސޯޓު ހިންގި ކ. ވިލިވިރުގައި30 ކޮޓަރީގެ32 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވީ އެތަނުގައި ވއިރަސް ޖެހޭ މީހުންނަށް އެއްވެސް އުނދަގުލަކާއި ނުލާ ހިދުމަތްދީ އުޅެވޭ ވަރަށް އެ ރަށް ތައްޔާރު ކުރީ ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނެވެ.
އޭނާ ވިދާޅުވީ ރާއްޖެ މިހާރު މިއޮތް ހާލަތަކީ ރާއްޖެ އެތެރެވާ މީހުންގެ ފުރިހަމަ ސްކްރީނިންއެއް ކުރަންޖެހޭ ފަދަ ހާލަތެއް ނޫންކަމަށެވެ. މިހާރު ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކެއްގައި ތާމަލް ކެމެރާ ބޭނުންކޮށްގެން ރާއްޖެ އަންނަ މީހުން ސްކްރީން ކުރަމުންދާ ކަމަށާއި މިއަށްވުރެ ސްކްރީނިން ވަރުގަދަ ކުރަންޖެހޭ ހާލަތަކަށްވެސް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.
އަދި ރިސޯޓުތަކުގައި ތިބި ޓޫރިސްޓުންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ކަމާ ބެހޭ ފަރާތްތަކާއި ހިއްސާ ކުރުމަށް އަންގާފައިވާނެ ކަމަށެވެ. އެ މައުލޫމާތު ރިސޯޓުތަކުން އަމިއްލަ އިސްނެގުމަށް ހިއްސާ ނުކޮށްފި ނަމަ އެ އިދާރާއަކުން ރިސޯޓުތަކަށް ގުޅައިގެން ހޯދަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުނު ފަހުން މިހާތަނަށް24 މީހަކު އެ ވައިރަސްއަށް ޓެސްޓު ކޮށްފައިވެ އެވެ. އެޗްޕީއޭއިން ބުނީ މިހާތަނަށް ވައިރަސްއަށް ޕޮސިޓިވްވީ ހަތަރު މީހުން ކަމަށާއި ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި އަށް މީހަކު އަދި ކަރަންޓީންގައި ދެ މީހަކު އެބަތިބި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް