ކޮވިޑް-19 އަޔަނުދޭން ވަކި ގައުމަކުން މީހުން އައުން ހުއްޓުވަން ނުޖެހޭނެ: ނަޝީދު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އަދި ރާއްޖެއިން ފެނިފައިވާ ކޮރޯނާ ވައިރަސް އަޔަނުދޭން، ވަކި ގައުމަކުން މީހުން އައުން ހުއްޓުވަން ފިޔަވަޅު އަޅަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ ...

09 Mar 2020 | 05:26

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އަދި ރާއްޖެއިން ފެނިފައިވާ ކޮރޯނާ ވައިރަސް އަޔަނުދޭން، ވަކި ގައުމަކުން މީހުން އައުން ހުއްޓުވަން ފިޔަވަޅު އަޅަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާއަށް ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އިގްތިސޯދަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އިޓަލީން މީހުން އައުން މަނާ ކުރުން އެންމެ ރަނގަޅު ނޫން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައި އެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި މެންބަރުން ފާޅު ކުރެއްވި ހިޔާލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވައިރަސްއާ ގުޅޭ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އަޅާނެ ފިޔަވަޅުތަކަކާ ގުޅޭ ގޮތުން ދެ ވިސްނުމެއް މެންބަރުންގެ ތެރޭގައިވާ ކަމަށެވެ. އެމަނިކުފާނު ދެކިވަޑައިގެންނަވާ ގޮތުގައި ވަކި ގައުމެއްގެ މީހުން އައުން މަނާ ކުރާނަމަ ހުރިހާ ގައުމަކާމެދުވެސް އެ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމުތަކުން މީހުން އައުން ހުއްޓުވާލައިގެން އެ ވައިރަސް ރާއްޖެ ނައިސް ހުއްޓުވޭނެތޯ އެއީ އުފައްދަން ޖެހޭ ސުވާލެއް ކަމަށެވެ. ނަޝީދު ވިދާޅުވީ ޔޫރަޕް ބައްރުން އިޓަލީން މީހުން ރާއްޖެ އައުން މަނާ ކޮށްފައިވީއިރު އިޓަލީން އެ ބައްރުގެ އެހެން ގައުމުތަކަށް ދަތުރު ކުރެވޭ ކަމަށެވެ. އަދި އެ ގައުމުތަކުން މީހުން ރާއްޖެއަށް އާދެވޭ ކަމަށެވެ.

"އިޓަލީގެ ބޯޓު ފަހަރު އެބަ ދޭ ޖަރުމަނަށް، އިނގިރޭސިވިލާތަށް، ޔޫރަޕުގެ އެހެން ގައުމުތަކަށް، އަދި އެ ގައުމުތަކުން ރާއްޖެއަށް އަދިވެސް ބޯޓުތައް އެބަ އާދޭ. ހުއްޓާލަންޏާ އެބަ ސާފުވޭ ހުއްޓާލަން މި ޖެހެނީ މި ހުރިހާ ކަމެއް ކަން. ހުއްޓާލަންޏާ ހުއްޓާލަން މި ޖެހެނީ ހުރިހާ ގައުމެއްގެ ބޯޓު ފަހަރު ކަން. މި ވައިރަސް އަޔަ ނުދިނުމަށްޓަކައި ހުއްޓާލާ ކަމަށް ވަންޏާ މި ބަލި ދާ ހުރިހާ ތަނެއްގެ ދަތުރުތައް ހުއްޓާލަން ޖެހޭ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގިނަ މެންބަރުންގެ ނަޒަރުގައި ސަރުކާރުން އަޅާފައި ވަނީ އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ. އެކަމަކު ވެސް މި ގޮތަށް ދަތުރުތައް ކުރުން މަނާ ކުރުމާ ގުޅިގެން އިގްތިސާދަށް އަންނާނެ ލޮޅުމަކާ ގުޅޭ ގޮތުން ބައެއް މެންބަރުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މި ވަގުތު ބަލި މީހަކު ފެނުމުން އޭނާ އެކަހެރިކޮށް އެ ރަށަކަށް މީހުން އައުން ބަންދު ކުރާ ކަމަށެވެ. އޭގެ އިތުރަށް ވެސް ކަންކަން ބައްޓަން ކުރަން ޖެހޭ ކަންކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއެޗްއޯއިން ލަފާ ދީފައިވާ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެ ޖަމިއްޔާގެ ރިޕޯޓަށް ހަވާލާދީ ވިދާޅުވީ ގެއާއި ހެލްތު ސެންޓަރުގައި ވެސް ފަރުވާ ދެވޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ.

ލޮލު ރޯގާ އާއި އަރިދަފުސް ރޯގާ ޖެހުމުން ރޯގާއިން ސަލާމަތް ވުމަށް މަސައްކަތް ކުރާ އުސޫލުން ކޮރޯނާ ވައިރަސް އިން ވެސް ސަލާމަތް ވާން ފިޔަވަޅުތައް އެޅޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ދުނިޔޭގައި އެ ވައިރަސް ފެތުރޭއިރު ވައިރަސް އިން ފަރުވާލިބި ރަނގަޅުވާ ނިސްބަތުން އެކަން ސާފުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް