ކޮވިޑް-19: ނޫސްވެރިއެއްގެ އެންމެ ރިޕޯތަކުން އެތައް ބަޔަކު ހާސްކަމުގެ ތެރޭގައި!

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް ސަރުކާރުން ގެންދަނީ ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ. ސަރުކާރަށް މި ބަލި މުޅި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ...

09 Mar 2020 | 04:49

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް ސަރުކާރުން ގެންދަނީ ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ.

ސަރުކާރަށް މި ބަލި މުޅި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބައޮތް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ތަކުރާރުކޮށް ގެންދަނީ ވިދާޅުވަމުންނެވެ. އެކަމަކު ރައްޔިތުންގެ ތެރޭގައި މި ބައްޔާމެދު އޮތް ހާސްކަން ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ.

މި ހާސްކަން ރައްޔިތުންގެ ކިބައިން ފިލުވާލައި ބައްޔާއި މެދު އާންމުން ދެކޭ ގޮތް ބަދަލު ކުރުމުގެ އެންމެ ބޮޑު އެހިތެރިކަމެއް ވެދެވޭނެ ބަޔަކީ ނޫސްވެރިންނެވެ. އެކަން މި ވައިރަސްއާއި ގުޅޭގޮތުން އޮންލައިން ނޫސްތަކާއި ޓީވީން އާންމު ކުރަމުންދާ ރިޕޯޓުތަށް އަޑުއަހާ ކިޔުމަށް އާންމުންދޭ ސަމާލުކަމުން އެނގެ އެވެ.

އެކަމަކު މިފަހަރު އޮންލައިން ނޫހެއްގައި ލިޔެވިފައި މިވަނީ ވަގުތާއި ހާލަތަށް ބަލާއިރު އާންމު ކުރުން ރަނގަޅު މައުލޫމާތުތަކެއް ނޫނެވެ.

ކުރެއްދޫ ރިސޯޓުން ވައިރަށް އަށް ޕޮސިޓިވްވި ދެ މީހުންނާއި ގުޅުންހުރި173 މީހަކު ދެނެގަތުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ކުރަމުންނެވެ. އޭގެތެރެއިން ށ. ފޯކައިދޫގައި ހުއްޓަ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީއަށް ގެންދަން ރޭ ނިންމި އެ ރިސޯޓުގެ މުވައްޒަފަކު ވަނީ ވައިރަސްއަށް ޓެސްޓު ކުރަން ނިންމާފައި އެވެ.

މި މީހާ ރިސޯޓުގައި ހުރެފަ ޗުއްޓީއަށް ރަށަށް ދިޔަ ގޮތާއި ގުޅޭގޮތުން އޮންލައިން ނޫހެއްގައިވަނީ އެ ނޫހަށް ލިބިފައިވާ މައުލޫމާތުތަށް ކަމަށްބުނެ ވަރަށް ތަފްސީލީ މައުލޫމާތުތަކެއް ގެނެސްދީފަ އެވެ. ޗުއްޓީއަށް ރަށަށް ދިއުމުގެ ކުރިން މާލޭގައި އޭނަ ދިޔަ ތަންތަނާއި، ރަށަށް ދަތުރު ކުރި އިރު ލޯންޗު ފެރީ މަޑު ކުރި ރަށްރަށާއި ބާޒާރު ކުރަން އެ އަތޮޅުން ދިޔަ ރަށްރަށުގެ މައުލޫމާތުތައްވެސް އެ ރިޕޯޓުގައި ހުއްޓެވެ.

މިކަމުން އެ ރަށްރަށުގެ ރައްޔިތުން ވެއްޓުނީ ބޮޑު ހާސްކަމެއްގެ ތެރެއަށެވެ. ރަށްރަށުގައި ގިނަ ބަޔަކު އެކުވެގެން ސޯޝަލް މީޑިއާގައި ހަދާފައި ހުންނަ ގްރޫޕުތަކުގައި އާއި ކަންމަތީ އެއްވުންތަކުގައި އެނޫން ވާހަކައެއް ނުދައްކައެވެ. އެ ރަށްރަށަށް އެ ލޯންޗު މަޑު ކުރިތޯ ބަލަން ފެށި އެވެ. އެ ދުވަހު އެ ލޯންޗުގައި އެ ރަށަކަށް ދިޔަ މީހުން ހޯދަން ފެށި އެވެ.

އެމައުލޫމާތުތައް އެހާ ތަފްސީލް ކޮށްދިނުމުގެ ބޭނުމެއް މިވަގުތަކު ނެތެވެ. އެއީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ފޯކައިދޫގައި ހުރި މީހާ ކަރަންޓީންއަށް ގެންދިޔަޔަސް އެ ރަށް އޮތީ އަރާ ފޭބުން މަނާ ކުރާ ފަދަ ހާލަތެއްގައި ނޫންކަމަށް ޓެކްނިކަލް ބޭފުޅުން ލަފާ ދެއްވާފައިވާ ކަމަށެވެ.

ވައިރަސް ރާއްޖެއިން ފެނުމާއި އެކު ހެލްތް މިނިސްޓްރީ އާއީ ކަމާ ބެހޭ ތަޖުރިބާކާރު ޑޮކްޓަރުން ވިދާޅުވެފައިވަނީ ބައްޔާ ގުޅޭ މައުލޫމާތާއި ރައްޔިތުންނަށް އެނގެން ބޭނުންވާނެ މައުލޫމާތު އާންމު ކުރާނީ އެ ބޭފުޅުން ކަމަށެވެ. އަދި އިތުރު ފަރާތްތަކުން ލިބޭ މައުލޫމާތުތަކަށް ބަރޯސާބެ ހާސް ނުވުމަށް އިލްތިމާސްކޮށްފައިވެ އެވެ. ހާއްސަކޮށް އެޗްޕީއޭ ފިޔަވާ ދޭ ސިއްހީ އެއްވެސް މައުލޫމާތަކަށް ބަރޯސާ ނުވުމަށް އިލްތިމާސްކޮށްަފައިވެ އެވެ.

އެހެން ކަމުން އެޗްޕީއޭއިން ދޭ އިރުޝާދުތަކާއި އެއްގޮތަށް ނޫސްތަކުގައި ކޮށްފައި ހުންނަ މިފަދަ މައުލޫމާތުތަކަށް އާންމުން ސަމާލުކަން ނުދިނުމަކީ ރައްޔިތުންގެ ފަރުދީ ޒިންމާއެކެވެ. މިހާތަނަށް ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް