ކޮވިޑް-19: ކުރެއްދޫން ޕޮސިޓީވްވި މީހުންނާއި ގުޅުންހުރި 173 މީހަކު އެބަތިބި

ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަސްއަށް ޕޮސިޓީވްވި ދެ މީހުންނާއި ކޮންޓެކްޓް ޓްރޭސިން ނުވަތަ ގުޅުން ހުރި173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ...

09 Mar 2020 | 02:34

ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮރޯނާ ވައިރަސްއަށް ޕޮސިޓީވްވި ދެ މީހުންނާއި ކޮންޓެކްޓް ޓްރޭސިން ނުވަތަ ގުޅުން ހުރި173 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެމީހުންނަކީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށެވެ. އޭގެ ތެރެއިން93 މީހަކު މިވަގުތު ތިބީ ކަރަންޓީން ކޮށްފައިވާ ކުރެއްދޫ ކޮޓަރިތަކުގައި އައިސޮލޭޓްކޮށްފައި ކަމަށެވެ. އަނެއް80 މީހުން ތިބީ ކޮންތަނެއްގައި ކަމެއް ވިދާޅެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ އެ ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު މިވަގުތު ނުވަތަ އެ މުއްދަތުގައި ރަށްރަށަށް ދިޔަ މީހުން ދެނެގަންނަމުންދާ ކަމަށާއި އަދި އެ ރަށްރަށް ފާހަގަކޮށް އެތަންތަނުގައި މީހުންގެ ބަލިވެގެން ނުވަތަ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދައްކާތޯ ކޮންމެ ދުވަހަކު އެ ރަށްރަށުގެ ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ.

އެގޮތުން ރޭ ވަނީ ށ. ފޯކައިދޫގައި ހުރި ކުރެއްދޫގެ މުވައްޒަފަކު ވައިރަހަށް ޓެސްޓު ކުރުމަށް ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައި އެވެ.

ކުރެއްދޫގެ އިތުރުން ސޭޑީޒް ބަތަލާ ރިސޯޓުގެ ރޫމްތަކުގައިވެސް11 މީހަކު އައިސޮލޭޓް ކޮށްފައި އެބަ ތިއްބެވެ. އެއީ އެ ރިސޯޓުން ކޮރޯނާއަށް ޝައްކު ކުރެވުނު ތިން ފަތުރުވެރިންނާއި ގުޅުން ހުރި މީހުންނެވެ.

އިއްޔެ ރެއިން ފެށިގެން އެ ރިސޯޓަށް އަރާ ފޭބުން ހެލްތް މިނިސްޓްރީން އޮތީ މަނާކޮށްފައި އެވެ. ރޭ މެންދަމު އެޕްޕީއޭއިން ވަނީ އެ ތިން މީހުންގެ ތެރެއިން ދެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓީވް ވެފައިވާކަން އިއުލާނުކޮށްފައި އެވެ.

އެ ދެމީހުންނާއި އެކު ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ޖުމްލަ ހަތަރު މީހުން އެބަ ތިއްބެވެ. އެމީހުންނަށް ފަރުވާ ދެމުންދަނީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީންް ފެސިލިޓީގައި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް ސަރުކާރަށް އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް