އައްޑޫގެ ސްކޫލް، ކޮލެޖު، ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން މަނާކޮށްފި

އައްޑޫ ސިޓީގެ ހުރިހާ ސްކޫލްތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައި ދިނުން މަނާކޮށްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރު...

09 Feb 2021 | 15:05

އައްޑޫ ސިޓީގެ ހުރިހާ ސްކޫލްތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައި ދިނުން މަނާކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާ އެޗްޕީއޭއިން އެންގުމުގައި ބުނެފައިވަނީ އެ ތަންތަނުގައި ދަރިވަރުން ކްލާސްތަކަށް ހާޒިރުވެގެން ކިޔަވައި ދިނުން ހުއްޓާލަން އަންގާ ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެ އެންގުމުގައި ވާގޮތުން އައްޑޫ ސިޓީގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މި ފިޔަވަޅު އަޅާފައިވަނީ ކުރިޔަށް އޮތް ހަތް ދުވަހުގެ މުއްދަތަށެވެ.

މިދިޔަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ސްކޫލްތަކުގައި އަންނަނީ ނިއު ނޯމަލްގައި ސްކޫލަށް ކުދިން ހާޒިރުކޮށްގެން ކިޔަވައިދެމުންނެވެ. އެ ސިޓީގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހަކާއި އަމިއްލަ ގިނަ ކޮލެޖުތަކުގެ ކެމްޕަސްތައް ހުރެއެވެ.

ސްކޫލްތައް ބަންދު ކުރަން އެންގުމުގެ އިތުރުން ކުޅިވަރު މުބާރާތްތައް ބޭއްވުން މަނާ ކުރުމުގެ އިތުރުން ހަފްލާތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައި އެވެ. އަދި ރޭގަނޑު 8:00ން ފަތިހު 4:00 ން ސިޓީގެ ހުރިހާ ރަށެއްގައި ކާފިއު ހިންގާއިރު އާންމު ތަންތަނުގައި ތިން މީހުންނަށްވުރެ ގިނައިން އެއްކޮށް އުޅުން ވަނީ މަނާކޮށްފައި އެވެ.

މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް އެޗްޕީއޭގެ އެންގުމުގައި ވަނީ އަންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް