މާދަމާރޭއިން ފެށިގެން ހަތް ދުވަހަށް އައްޑޫ ސިޓީގައި ކާފިއު ހިންގަނީ

މާދަމާ ރޭ އިން ފެށިގެން އައްޑޫ ސިޓީގައި ކާފިއު ހިންގަން ފަށަން ނިންމައިފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާ އެޗްޕީއޭއިން އެންގުމުގައި ބުނެފައިވަނީ...

09 Feb 2021 | 14:54

މާދަމާ ރޭ އިން ފެށިގެން އައްޑޫ ސިޓީގައި ކާފިއު ހިންގަން ފަށަން ނިންމައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާ އެޗްޕީއޭއިން އެންގުމުގައި ބުނެފައިވަނީ މާދަމާ ރެއިން ފެށިގެން ކޮންމެ ރެއަކު 8:00 ން ފަތިހު 4:00 އަށް އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަށެވެ. މި ވަގުތުތަކުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި އާންމު ތަންތަނުގައި މީހުން ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މި ފިޔަވަޅު އަޅާފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ އެންގުމުގައި ވާގޮތުން އައްޑޫ ސިޓީގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކަކީ ކުރިޔަށް އޮތް ހަތް ދުވަހުގެ މުއްދަތަށެވެ.

އެޗްޕީއޭގެ އެންގުމުގައި ވާގޮތުން މާދަމާއިން ފެށިގެން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ކައިވެހި ހަފްލާތަކާއި ޕާޓީތަކާިއ ރަސްމިއްޔާތުތައް ބޭއްވުން މަނާ ވާނެ ކަމަށެވެ. އަދި އާންމު ތަންތަނުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް އުޅުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން ސިއްހީ ފަރުވާ އާއި ޒަރޫރީ ބޭނުމެއްގައި ނުނީ އެއްގެއިން އަނެއް ގެޔަށް ދިއުމާއި މަގުމައްޗަށް ނުކުމެ ނޫޅުމަށް އަންގާފައިވެ އެވެ. އެޗްޕީއޭގެ އެންގުމާއި އެކު މާދަމާއިން ފެށިގެން އެ ސިޓީގެ ސެލޫންތަކާއި ބޯކޮށާ ތަންތަނާއި ޖިމްތައް ބަންދުކޮށް ކުޅިވަރު ހަރާކާތްތަކާއި ކަސްރަތު ހަރަކާތްތައް ހަތް ދުވަސް ވަންދެން ހިންގުން ވަނީ މަނާކޮށްފައި އެވެ.

ކެފޭ ރެސްޓޯރެންޓުތަކުގައި ހިދުމަތް ދިނުން ހުއްޓާލައި ހަމައެކަނި ޑެލިވެރީގެ ހިދުމަތް އެތަންތަނުން ދިނުމަށް އަންގާފައިވެ އެވެ.

މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް އެޗްޕީއޭގެ އެންގުމުގައި ވަނީ އަންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް