ރޭގެ މާރާމާރީގައި މަރާލި އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

ރޭގެ ގއ. މާމެންދޫގައި ހިންގި ގްރޫޕު މާރާމާރީގައި މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި އެވެ. ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނައު...

09 Feb 2021 | 13:28

ރޭގެ ގއ. މާމެންދޫގައި ހިންގި ގްރޫޕު މާރާމާރީގައި މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މާރާމާރީގައި މަރާލާފައިވަނީ އެ ރަށު ލިލީ އޮފްފަ ވިލާ، އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު އެވެ. އެ ކުއްޖާ މަރުވެފައިވަނީ ލިބުނު ޒަހަމް ތަކަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މާރާމާރީ ހިންގާފައިވަނީ ރޭ 10:10 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގަ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ ތިން މީހަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ 18 އަހަރާއި 23 އަހަރާއި 27 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

އެމީހުން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ.

މަރުވި އުދައްޔުގެ ބޭބެވަނީ މި މާރާމާރީގައި ޒަހަމްވެފައެވެ. އޭނާ އަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ގއ. މާމެންދޫގައި ރޭ ހިންގި މާރާމާރީގައި މަރާލި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައި ވެއެވެ.

"ދިވެހި ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހައްމަލު ކުރާނެ ކަމެއް ނޫން". މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް