ސިލްސިލާ ވާހަކަ: ޒާރާ – ހަތްދިހަ ދެވަނަބައި

ވަގުތު ފާއިތުވަމުންގޮސް މެންދަމުގެ ވަގުތުތައް ފެށިއްޖެއެވެ. ގަޑިން އެއްގަޑި ބައިވީއެވެ. އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތް ފަހުދު އެނދުން ތެދުވިއެވެ. ފެންވަރާ ތާޒާވެލިއެވެ. އަލަމާރި ހުޅުވާލުމަށްފަހު ޓީޝ...

09 Feb 2021 | 09:16

ވަގުތު ފާއިތުވަމުންގޮސް މެންދަމުގެ ވަގުތުތައް ފެށިއްޖެއެވެ. ގަޑިން އެއްގަޑި ބައިވީއެވެ. އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތް ފަހުދު އެނދުން ތެދުވިއެވެ. ފެންވަރާ ތާޒާވެލިއެވެ. އަލަމާރި ހުޅުވާލުމަށްފަހު ޓީޝާޓެއް ނެގިއެވެ. އެއީ އިމްރާން އޭނާއަށް ދިން ޓީޝާޓެކެވެ. އެއްވަތަރު ދެ ޓީޝާޓް ގަނެވުމުން ފަހުދަށް އެކަތި ދިނީއެވެ. ސެންޓް ފުޅިތަކުގެ ތެރެއިން ސެންޓްފުޅިއެއް ނެގިއެވެ. މުޅިގަޔަށް ސެންޓް ބުރުވާލިއެވެ. އެއީ ހަމަ އެވަހެވެ. އިމްރާންގައިން ދުވާ މަޑުމަޑު މީރުވަހެވެ. ފަހުދު ހިނިތުން ވެލިއެވެ. ޑްރެސިން ޓޭބަލް މަތީގައި އޮތް ތަޅުދަނޑި ނެގުމަށްފަހު އެ ތަޅުދަނޑިއަށް ބަލާލިއެވެ. އެއީ މީގެ ކުޑަ އިރުކޮޅެއް ކުރިން ފަހުދު އޭނާގެ ބޮޑުދައިތަގެ ތަޅުދަނޑިފަތިން ވަކިކޮއްލި ތަޅުދަނޑިއެކެވެ. ތަޅުދަނޑި ޖީބަށް ލުމަށްފަހު ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. މަޑުމަޑުން މިސްރާބު ޖެހީ ލިފުޓާ ދިމާއަށެވެ.

އިމްރާނުގެ އެޕާޓްމަންޓް ދޮރަށް ތަޅުދަނޑި ޖަހާލުމަށްފަހު ފަހުދު ދޮރު ހުޅުވާލިއެވެ. އެއްވެސް ކަމަކާ އޭނާ ޖެހިލުން ވާހެނެއް ހީޔެއް ނުވެއެވެ. އޭނާގެ ހަރަކާތްތަކުގައި އެއްވެސް ވަރެއްގެ އަވަސްކަމެއް ނެތެވެ.

ދޮރުން އެތެރެއަށް ވަނުމަށްފަހު ލެއްޕެމުން ދިޔަ ދޮރުގައި އަތް ޖައްސާލީ ދޮރު ލެއްޕޭއިރު އެއްވެސް އަޑެއް އިވުނަ ނުދިނުމަށެވެ.

ތަނަށް ވެރިވެފައިވަނީ ފުން އަނދިރިކަމާ ހަމަހިމޭން ކަމެވެ. އައިސްއަލަމާރީގެ މަޑުމަޑު އަޑުފިޔަވާ އިތުރު އެއްވެސް އަޑެއް އެތަނަކުން  ނީވެއެވެ. ފަހުދު ބޭނުންވީ ލައިޓް ދިއްލާށެވެ. އެހެންނަމަވެސް ދެވަނަ  ސިކުންތުގައި ޚިޔާލު ބަދަލުވިއެވެ.  ބޮކި ދިއްލައިފިނަމަ އެހެން މީހަކަށް ޝައްކު ވެދާނެތީއެވެ.

ޖީބުގައި އޮތް ފޯނު ނަގާ ސްކްރީން ދިއްލާލިއެވެ. އެވަރުގެ އަލިކަމެއް ފުދޭހާވެއެވެ. ކުރިއަށްދާން ފަސޭހަވިއެވެ. ޒާރާގެ ކޮޓަރީގެ ދޮރުކައިރިއަށް ދިއުމަށްފަހު މަޑުކޮއްލިއެވެ. ދޮރުފަތުގައި ކަންފަތް ޖައްސާލިއެވެ. އެތެރެއިން އެއްވެސް އަޑެއް އިވޭތޯ ބަލާލުމަށެވެ. ކުޑަމީހާގެ ކަމެއްގައިވެސް ޒާރާ ހޭލާ އުޅެންޏާ ކޮންމެވެސް އަޑެއް އިވޭނެކަމަށް ވިސްނާފައެވެ. އެއްވެސް އަޑެއް ނީވުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނެވެ.

ހިތުގެ ހިނގުން އަވަސްވަމުންދަނީ ކީއްވެބާވައެވެ. ފަހުދަކަށް ނުވިސްނުނެވެ. ހަމަ ހިތް ތެޅެނީއެވެ. ކޮންމެވެސް ގޯހެއް ވާން އުޅޭކަމަށް އޭނާގެ ސިކުނޑި އޭނާއަށް ވިސްނާދެމުންދާތާ އިރުކޮޅެއް ވެއްޖެއެވެ. ކަމެއް ގޯސްވަންޏާ އެކަމެއް ނިމިގެންދާނީ އޭނާ ފަޟީހަތް ވެގެންކަންވެސް ރަނގަޅަށް އެނގެއެވެ. ޒާރާ ނުނިދިފައިވެސް އޮވެދާނެއެވެ. އެހެންވެއްޖެއްޔާ ހުރިހާކަމެއް ގޯސްވީއެވެ. ފަހުދުގެ އަގު ވެއްޓޭކަށް ލަހެއް ނުވާނެއެވެ.

ނޫނެކެވެ. މިރޭ ނުނިދާ ހުރުމަކީ ޒާރާއަށްވެސް އަދި ބޮޑުދައިތައަށްވެސް އެމީހުންގެ އަމިއްލަ އިޚްތިޔާރު އޮތް ކަމެއް ނޫނެވެ. ފަހުދު އެމީހުންގެ ކިރުތައްޓަށް އެޅި ބޭހަކީ ނިދިއައުމަށް މަގުފަހިކޮއްދޭ ބޭހެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގަދަ ނިދީގެ ތެރެއަށް މީހާ ގަންބާލާފަދަ ބާރުގަދަ ބޭހެކެވެ.

ޒާރާއަކީ ގާތުން ކިރުދޭ މަޔަކަށްވާއިރު އެފަދަ ބޭހެއް ފަހުދު އޭނާއަށް ދިނީ ހަމަ ގަސްދުގައެވެ. ކުޑަކުޑަ ޒިލީއަށްވެސް ކިރުގެ ޒަރީއާއިން ބޭހުގެ އަސަރު ކުރާނެކަން ހަމަރަނގަޅަށް ފަހުދަށް އެނގިއެނގި ހުރެއެވެ. އެކަން ނޭނގި އޮންނާނީ ކިހިނެތް ހެއްޔެވެ. ފަހުދަކީ ޑޮކްޓަރެކެވެ.

ފަހުދު ޗޮކެއް ކަނޑާލިއެވެ. އޭނާ ބޭނުންވީ ސިކުނޑީގައި އުފެދެމުންދިޔަ ހައިޖާނުތައް އެއްފަރާތް ކޮއްލާށެވެ. މިރޭ މީ އޭނާއަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމުގައި އޭނާ ގަބޫލުކުރެއެވެ. އެ ފުރުސަތު ނަގާލާކަށް ފަހުދު ބޭނުމެއް ނޫނެވެ. ވާނެ އެއްޗެއް ވާނީ ފަހުން ނޫންހެއްޔެވެ. ޒާރާގެ ތުނިތުނި ހަށިގަނޑު އަތުރެތޭގައި ބޮޑިކޮއްލުމަށް އެދުންވެރިވެފައިވާ ފަހުދުގެ ބޮލަށް ވަނީ ޝައިތާނާ ސަވާރުވެފައެވެ. ވާނީވެސް އެހެންނެވެ. ފަހުދު ކަހަލަ ދީނީ އަޅުކަންތައްތަކާ ބީރައްޓެހި ކޮންމެ މީހެއްގެ ނަފުސު ކޮންޓްރޯލް ކުރާނީ ޝައިތާނާއެވެ. އެފަދަ މީހުންނަށް ފެންނާނީ ޝައިތާނާ ދައްކާ ނުބައިމަގެވެ. އެފަދަ މީހުންގެ އަމަލުތައް ބިނާވެފައި އޮންނާނީ ޝައިތާނާ ބޭނުންވާ ގޮތަކަށެވެ.

މަޑުމަޑުން ދޮރުގެ އަތްގަނޑުގައި ހިފާ ފަހުދު އަނބުރާލިއެވެ. ހިތް އުފަލުން ފުރުނު ކަހަލައެވެ. އޭނާ އުންމީދުކުރަމުންދިޔަ ފަދައިން ދޮރު ހުރީ ތަޅު ނުލައެވެ. ކުޑަކޮށް ދޮރު ހުޅުވާލުމަށްފަހު ސިއްރު ސިއްރުން އެތެރެ ބަލާލިއެވެ.

ކޮޓަރިތެރޭގައި ވަނީ އޮރެންޖު ކުލައިގެ މަޑު އަލިކަމެކެވެ. ފަހުދު ވަށައިގެން ލޯހިންގާލިއެވެ. ޒާރާ ހޭލާ އުޅެދާނެކަމަށެވެ. އަލި މަޑުކަމުން މާ ސާފުކޮއް ނޭނގުނުކަމުގައި ވިޔަސް ޒާރާ އޮތީ އެނދުގައި އޮށޯވެގެންކަން ޔަގީންވިއެވެ. އެހެންނަމަވެސް އޭނާ އޮތީ ހޭލާކަމެއް ނުވަތަ ނިދާފައިކަމެއް ޔަގީނެއް ނޫނެވެ.

ފަހުދު ކުޑަކޮށް ވިސްނާލުމަށްފަހު ޖީބުގައި އަތް ޖައްސާލިއެވެ. އެވަރުން ހިތްހަމަ ނުޖެހިގެން ޖީބު ތެރެއަށް އަތް ކޮއްޕާލިއެވެ. ޖީބުން އޭނާ ނެގީ އަނގޮޓިއެކެވެ. އެ އަނގޮޓިއަކީ ޒާރާގެ އިނގިލީގައި އަޅުވާލަން ފަހުދު ގަތް ޑައިމަންޑް ރިންގެކެވެ. އަގުބޮޑު އަނގޮޓިއެކެވެ. މިރޭ އެ އަނގޮޓި ޖީބައްލައިގެން އައި އެންމެބޮޑު ބޭނުމަކީ ކަމެއް ގޯސްވެއްޖެއްޔާ ބަހަނާއެއްގެ ގޮތުގައި އެ އަނގޮޓި ބޭނުން ކުރުމެވެ. ޒާރާއަށް ހަދިޔާ ދޭން އައި ކަމުގައި ބުނުމުން މާ ބޮޑު އެއްޗެއް ފަހުދާމެދު ހީނުކުރާނެ ޖާގައެއް ނޯންނާނެއެވެ. އެއީ  އޭނާއަށް ގަބޫލު ކުރެވޭގޮތެވެ.

ވަގުތުތައް ހިނގަމުންދިޔައެވެ. ފާއިތުވަމުންދާ ކޮންމެ މިނެޓަކީވެސް ފަހުދަށް ވަރަށް މުހިންމު ވަގުތުކޮޅެކެވެ. އިތުރަށް ވިސްނަން ބޭރުގައި މަޑުކުރާކަށް ފަހުދު ގަސްދެއް ނުކުރިއެވެ. މަޑުމަޑުން އެތެރެއަށް ފައިއެޅިވަގުތު ސިއްސައިގެން ދިޔައީ ބޭރުން އަޑެއް އިވުމުނެވެ. އެތެރެއަށް އެޅިފައި ބޭރަށް ނެރުމަށްފަހު ދޮރު ލައްޕާލެވުނީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އިވުނު އަޑާދޭތެރޭގައި ވިސްނާލަން މަޖުބޫރުވިއެވެ. ދެވަނަ ފަހަރަށް އަޑެއް އިވޭތޯ އޭނާ މަޑުކޮއްގެންހުރީ ދެކަންފަތް ކޮޅަށް ޖަހައިގެންނެވެ. މޭގަނޑު އަތަށް އަންނަވަރަށް ތެޅެމުންދިޔައެވެ. މީހާއަށްވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ވެރިވެފައެވެ.

ބޭރުން ބުޅަޅެއް ކޯޅިގަތް އަޑު އިވުމުން މޭގަތް އަތް ޖައްސާލާފައި ހަމަޖެހިލިއެވެ. ޓެރަސްގައި ބުޅަލެއް އުޅެނީކަމުގައި ހީކޮއް ހިތްހަމަޖައްސާލިއެވެ.

ލައްޕާލިދޮރު އަލުން ހުޅުވާލީ އިތުރު ހިތްވަރަކާއެކުގައެވެ. މަޑުމަޑުން އެތެރެއަށް ވަނުމަށްފަހު ދޮރު ލައްޕާލިއެވެ. ދުވަމުން ދިޔަ ހިތްގައިމު މިރުވަހާ އޭސީ މަޑުމަޑު ފިނިކަން އެކުވުމުން ކޮޓަރިތެރޭގެ މާހައުލު ކިތަންމެ ހައިވެސް ހިތްގަމު ކަމުގައި ފަހުދަށް ގަބޫލު ކުރެވުނެވެ. މަޑުމަޑުން ފައި އަޅަމުން ޒާރާގެ އެނދާ ފަހުދު ކައިރިވެލިއެވެ. ކޮޓަރިތެރޭގައިވާ ފަނޑު އޮރެންޖު އަލި ޒާރާގެ ދޮން މޫނަށް އެޅިފައިވާއިރު ނުހަނު ރީއްޗެވެ. އަސަރުގަދައެވެ. އެ ފަން އިސްތަށިގަނޑު ބާލީސް މައްޗައް ވަނީ ވިހުރުވިފައެވެ. ގައިމަތިން އަޅާފައިވާ މަޑުމަޑު ރަޖާގަނޑު އެއްފަރާތަށް ކެހިފައި ވުމުގެ ސަބަބުން ހަށިގަނޑުގެ ބޮޑުބައި އޮތީ ހާމައަށެވެ. ޒާރާ ލައިގެން އޮތް މަޑުފެހި ކުލައިގެ ތުނިތުނި ނިދާހެދުމުގެ ތެރެއިން އެ ނާޒުކު ހަށިގަނޑުގެ ކުލަޔާ ބައްޓަން ރީތިކޮއް ފެންނަމުން ދިޔައެވެ. ނައިޓީގެ މޭމަތިން ލާފައި އިން ގޮއްފަތީގެ ގޮއްތައް ހުރީ ނާޅުވާކަމުން މޭމަތިން ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ.

ޒާރާގެ ރީތިކަން ފެނި އާޝޯޚް ވެފައި ފަހުދަށް ހުރެވުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. އިމްރާންގެ ނަސީބާމެދު ހަސަދަވެރި ވެވުނެވެ.  ޒާރާފަދަ ރީތި، ހިތްހެޔޮ ރަނގަޅު ކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ލިބޭނީ ނަސީބު ރަނގަޅު މީހަށެވެ.  ޒާރާގެ ހުރިހާ އުފަލެއް ލިބެންޖެހޭނީ އިމްރާނަށް އެކަނި ކަމަކަށް ފަހުދަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ދެކޭގޮތުގައި އޭނާއަށް އިމްރާނަށްވުރެ ބޮޑަށް ޒާރާ ދެކެ ލޯބިވެވިއްޖެއެވެ. އަދި ޒާރާއާ އެންމެ އެކަށީގެންވަނީވެސް އޭނާ ދެކޭގޮތުގައި ހަމަ އޭނާއެވެ. އަދި ޒާރާއަށްޓަކައި ވަގުތު ހުސްކޮއްގެން އެންމެ އެދެވޭގޮތުގައި ޒާރާ ގެންގުޅެވޭނީވެސް ފަހުދު ކަހަލަ 'ޓެލެންޓް' ހުރި މީހަކަށެވެ.

ފަހުދު މަޑުމަޑުން ޒާރާގެ މޫނާދިމާއަށް ގުދުވެލިއެވެ. ޒާރާގެ މޫނާ އޭނާގެ މޫނު ކައިރި ކޮއްލިއެވެ. އެވަގުތު ފަހުދަށް ކުރެވުނު އިހްސާސަކީ މީގެ ކުރިން ދުވެހަކުވެސް ކުރެވިފައިނުވާ ފަދަ އިހްސާސެކެވެ. އޭނާގެ ހަޔާތަށް އައި އެތައް ސަތޭކަ އަންހެންކުދިންނާ ޒާރާ ހާސްބައި ތަފާތު ކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ.

ފަހުދުގެ ހިތް ކުރަމުން ދިޔަ އާދޭސްތަކަށް އޭނާއަކަށް ފުރަގަހެއް ނުދެވުނެވެ. އޭނާގެ ހިއްސުތައް އަމިއްލަ ކޮންޓްރޯލުން ނެއްޓެމުން ދަނީއެވެ.

މަޑުމަޑުން ޒާރާގެ ގާތުގައި ފަހުދު އޮށޯވެލިއެވެ. ފުން ނިދީގެ މަސްތުގެ ތެރެއަށް ގެބިފައިވާ ޒާރާއަށް އެކަމުގެ އެއްވެސް ހިލަމެއް ވީހެނެއް ހިޔެއް ނުވެއެވެ. ޒާރާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ.

ފަހުދު އެނބުރިލީ ޒާރާއާ ދިމާއަށެވެ. ނުހަނު ގާތުން ޒާރާގެ މޫނަށް ފަހުދު ނަޒަރު ހުއްޓާލިއެވެ. މީގެ ކުރިން އެފަދަގޮތަކަށް އެހާ ކައިރިން ޒާރާގެ މޫނު އޭނާއަށް ފެނިފައި ނުވާކަމުން އެ މޫނުން ނަޒަރު ވަކިކޮއްލުމަކީ ފަހުދަށް އުނދަގޫކަމަކަށް ވިއެވެ. ޒާރާގެ ފަން އިސްތަށިގަނޑު ތެރެއަށް މޫނު ކޮއްޕާލާ ނޭވާ އެތެރެއަށް ދަމާލިއެވެ. ދުވި ހިތްގައިމު މީރުވަހުން ފަހުދުގެ ހަށިގަޑުގައި ތޫފާނެއް އުފައްދައިފިއެވެ. ދެލޯ މަރާލެވުނީ އެ ހިތްގައިމު ވަހުގެ ތެރެއަށް ގެބިގެން ދިއުމަށް އެދެވޭތީއެވެ.

ޒާރާގެ މޫނުގައި ފަހުދު އިނގިލިތައް ބީއްސާލިއެވެ. ނުހަނު މަޑުމަޑުންނެވެ. އެހާމެ އޯގާތެރި ކަމާއެކުގައެވެ. އުޑުތިލަމަތިން އޮތް ޒާރާގެ ކޮނޑުގައި ހިފާ ފަހުދާ ދިމާއަށް އަނބުރާލިއެވެ. އެވަގުތު ޒާރާގެ އަތް ފަހުދުގެ ހަށިގަނޑު ވަށާލީ ފަހުދު ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ފަހުދުގެ މޭގައި ޒާރާ މޫނު ފޮރުވާލީ ނިދީގެ ތެރޭގައި އޮވެގެންކަން ފަހުދަށް ޔަގީންވީ ޒާރާ އެއްވެސް ވަރަކަށް ލޯ ހުޅުވާ ނުލާތީއެވެ.

ޒާރާގެ ހަށިގަނޑުގައި  ފަހުދު ފިރުމާލިއެވެ. އެ ފިރުމުމުގެ އަސަރު ނިދީގެ މަސްތުގައި އޮތް ޒާރާއަށްވެސް ކޮއްފިކަން ޔަގީނެވެ. ޒާރާއަދިވެސް ބޮޑަށް ފަހުދާ ގާތްވެލިއެވެ. އެ ތުނިތުނި ހަށިގަނޑު ފަހުދުގެ ހަށިގަނޑާޖެހި ފިތި ބާރުވެގެން ދިޔައެވެ.

އިމްރާން...............'' ޒާރާގެ އަނގައިން މަޑުމަޑު އާހެއްގެ ގޮތުގައި އަޑު ނިކުތެވެ. އޭނާ އެ ގޮވާލީ އިމްރާނަށެވެ. އެވަގުތު ފަހުދަށް ލިބުނު މެސެޖުގެ ބޭނުން އޭނާ ދެނެގަތީ ނުހަނު އަވަހަށެވެ. ވަގުތު ނަގާލާކަށް ފަހުދު ބޭނުމެއް ނޫނެވެ. އެހެންކަމުން ފަހުދުގެ ބާރުގަދަ ދެއަތުގެ ތެރޭގައި ޒާރާގެ ނާޒުކު ހަށިގަނޑު ގައިދު ކޮއްލީ ނުހަނު ހުޝިޔާރުކަމާއެކުގައެވެ.

---------------------------------

ނުނިމޭ... ވާހަކައިގެ އާ ބައެއް އިންޝާﷲ، 11 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް