ވަޅި އަކީ މުހިންމު ހެއްކެތް، ރިލްވާން މައްސަލައިގަ ހިމެނޭ މީހުން ހޯދޭނެ

ވަގަށް ނަގައި މަރާލި ކަމަށް ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގަ އިއްޔެ މަރު ކޮމިޝަނުން ފޮޓޯ އާންމު ކުރި ވަޅި އެ މައްސަލައިގަ މުހިންމު ހެއްކަކަށް ވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވ...

09 Feb 2021 | 08:57

ވަގަށް ނަގައި މަރާލި ކަމަށް ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގަ އިއްޔެ މަރު ކޮމިޝަނުން ފޮޓޯ އާންމު ކުރި ވަޅި އެ މައްސަލައިގަ މުހިންމު ހެއްކަކަށް ވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެ ވަޅިއަކީ ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓުނު ވަޅިއެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަރު ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ އެ ވަޅީގެ ފޮރެންސިކް ތަހުލީލުތައް ފުލުހުން ކުރަމުންދާ ކަމަށެވެ. އެގޮތުން ވަޅީގެ ފޮރެންސިކް ތަހުލީލު ކުރުމަށް އެ ވަޅި ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި މިހާތަނަށް ލިބިނު މައުލޫމާތައް ބަލާއިރު ވަޅިއަކީ ރިލްވާން މައްސަލައިގަ މުހިންމު ހެއްކަކަށް ވެފައިވާ ކަމަށާއި ފޮރެންސިކް ތަހުލީލު ނިމުމުން މައްސަލަގެ ތަހުގީގަށް ބޮޑެތި ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މަރު ކޮމިޝަނުން އިއްޔެ ވަނީ މި ވަޅި އާއި ގުޅޭ މައުލޫމާތާއި ގަދަކަމުން ކާރަށް އަރުވައިގެން ރިލްވާން ގެންދިއުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާކޮށްދޭން އެދިފައި އެވެ. ކޮމިޝަނުން ވަނީ ވަޅިއާ ގުޅޭ ގޮތުން ޝަރީއަތަށް ސާބިތުކުރެވޭ ފަދަ ސައްހަ މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް 500،000 ރުފިޔާގެ އިނާމެއް ހުށަހަޅައިފަ އެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް