މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވާފައިވާ މަރު ކޮމިޝަނުގެ އެދުމަށް 11 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައި ވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. މި ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން މަރު ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ އެ ކޮމިޝަނުން ބަލާ މައްސަލަތަކާއި ގުޅިގެން 11 މީހަކަށް ރާއްޖެއިން ފުރައިގެން ނުދެވޭނެ ގޮތަށް ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ.
މިސްބާހު ވިދާޅުވީ އެ 11 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ވަކިވަކި މައްސަލަތަކުގެ މައުލޫމާތު ހާމަ ކުރެވެން އަދި ނެތް ކަމަށެވެ. ފަހުން އެމީހުންގެ ތަފްސީލީ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މަރު ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިސްބާހު ވިދާޅުވީ އެ ކޮމިޝަނަށް 27 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ނިންމައި މައްސަލަތަކުގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ކަމަށް މިސްބާހު ވިދާޅުވި އެވެ.
މިސްބާހު ވިދާޅުވީ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ސުވާލުކުރަން ޖެހޭ ހުރިހާ ފަރާތްތަކާއި ސުވާލުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އަޅަން ޖެހޭ އެހެން ފިޔަަވަޅުތައްވެސް އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން މިހާރު ބަލަމުންދަނީ ނޫސްވެރިޔާ އަހުމަދު ރިލުވާނު ގެއްލުވާލި މައްސަލަ ކަމަށެވެ. އަދި އެ މައްސަަލައިގަ ހިމެނޭ މީހުން ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް