އާލިއާ އެކުވެރިންނާއި އެކު ރާއްޖޭގައި ނަށާ ވީޑިއޯއެއް ވައިގަ ހިފައިފި

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އާއި ދެ އެކުވެރިން އާންމު ކުރި ވީޑިއޯއެއް އިންޑިއާ މީޑިއާގައި ވައިގަ ހިފައިފި އެވެ. އާލިއާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދަނީ ޝ...

09 Feb 2021 | 08:26

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އާއި ދެ އެކުވެރިން އާންމު ކުރި ވީޑިއޯއެއް އިންޑިއާ މީޑިއާގައި ވައިގަ ހިފައިފި އެވެ.

އާލިއާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދަނީ ޝެވަލް ބްލޭންކް ރަންދެލި ރިސޯޓްގައި އެވެ. އޭނާ ރާއްޖެ އައިސްގެން އުޅެނީ އެންމެ ގާތް ދެ އެކުވެރިން ކަމަށްވާ އަކަންޝާ ރަންޖަން ކަޕޫރާއި އަނުޝްކާ ރަންޖަން އާއި އެކު އެވެ.

މީޑިއާގައި ވައިގަ ހިފީ ތިން މީހުން ރިސޯޓު ގޮނޑުށުގައި ނަށާ ވީޑިއޯ އެކެވެ. އެމީހުން ނަށަނީ 2000 ވަނަ އަހަރު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ކަހޯނާ ޕިޔާރު ހޭ" ގެ ލަވަޔަކަަށެވެ.

މި ނެށުމުގެ އިތުރުން އެ ތިން މީހުން ދަނީ ރާއްޖޭގެ ރީތި ހިތްގައިމު މަންޒަރުތައް ފެންނަގޮތަށް ރިސޯޓުގެ ސްވިމިން ޕޫލާއި ގޮނޑުދޮށާއި ސްޕާ ފަދަ ތަންތަނުގަ ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އާންމު ކުރަމުންނެވެ. އަދި ދެ މިލިއަނަށްވުރެ ގިނަ މީހުން އެ ފޮޓޯތަކާއި ވީޑިއޯތައް ބަލާފައިވެ އެވެ.

އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯއިން އެމީހުންގެ ޗުއްޓީ އާއި މެދު ހިތްހަމަ ޖެހިފައި ތިބި ވަރު އެނގެ އެވެ.

https://www.instagram.com/p/CK_auxjoaOO/

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބްރޭކެއް ނަގައިގެން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދަނީ ސަންޖޭ ލީލާ ބަންސާލީގެ “ގަންގްބާއީ ކަތިއަވާޅީ” ގެ މަސައްކަތް ކުރިޔަށްދަނިކޮށެވެ. އެ ފިލްމު އެއްކޮށް ޝޫޓުކޮށް އަދި ނުނިމެ އެވެ.

ގަންގްބާއީ” ގެ އިތުރުން އާލިއާ ސޮއިކޮށް މަސައްކަތް ފަށާފައިވާ ފިލްމުތަކުގެ ތެރޭގައި އެސްއެސް ރާޖަމޯލީގެ “އާރްއާރްއާރް” އާއި އަޔާން މުކަރްޖީގެ “ބުރައްމަސްތުރާ” ހިމެނެ އެވެ. އެންމެ އަވަހަށް ރިލީޒް ކުރާނެ ކަމަށް ބެލެވެނީ އާލިއާ އާއި ލޯބިވެރިޔާ ރަންބީރު އެއްކޮށް ފެނިގެންދާ “ބުރައްމަސްތުރާ” އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރަންބީރާއި އާލިއާގެ ކައިވެނި މިއަހަރު އޮންނާނެ އެވެ. އެ ދެ ތަރިންގެ ކައިވެނި ލަސްވީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ބަލިވެ އުޅުމުގެ ސަބަބުންނެވެ. ރިޝީ ވަނީ މިދިޔަ އަހަރު ކެންސަރަށް ފަރުވާ ހޯދަނިކޮށް މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް