އައްޑޫ ހިތަދޫ ކްލަސްޓާއިން އިތުރު ބަޔަކު ޕޮސިޓިވް، ކޮންޓެކްޓުންގެ އަދަދު 100 އަށް

އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން އިތުރު ހަތަރު މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްއީއޯސީން މިއަދު އާންމު ކުރި އެ ކްލަސްޓާގެ އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވަނީ މިދިޔަ އާދިއްތަ ދު...

09 Feb 2021 | 07:24

އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން އިތުރު ހަތަރު މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީން މިއަދު އާންމު ކުރި އެ ކްލަސްޓާގެ އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ފަހުން އިތުރު ހަތަރު މީހަކު އެ ކްލަސްޓާއިން ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި ޖުމްލަ ޕޮސިޓިވް އަދަދު 19 އަށް އަރާފައިވާ ކަމަށެވެ.

އެޗްއީއޯސީން ބުނީ ހިތަދޫ ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި 100 މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އެ ކްލަސްޓާއިން ޕޮސިޓިވްވި 18 މީހުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ތިބި އިރު އެކަކު ހުރީ ގދ. ތިނަދޫގައި އެވެ.

އައްޑޫގެ ހުޅުމީދޫ ކްލަސްޓާއިން އިތުރު މީހަކު ޕޮސިޓިވްވެފައެއް ނުވެ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ކްލަސްޓާއިން ޕޮސިޓިވްވެފައިވަނީ 25 މީހުންނެވެ.

މި ދެ ކްލަސްޓާ އާއި ގުޅިގެން އައްޑޫ ސިޓީ އެއްކޮށް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އަދި އާންމު ދަތުރު ފަތުރު ހުއްޓުމަކަށް އައިސްފައިވާއިރު ކެފޭ ރެސްޓޯރެންޓުތަކުގައި ޑެލިވަރީގެ ހިދުމަތް އެކަނި ދެވޭ ގޮތަށް އޮތީ ނިންމާފައި އެވެ.

އެޗްއީއޯސީން ވަނީ ހިތަދޫ ކްލަސްޓާ އާއި ގުޅުން ހުރި މީހުން އަދިވެސް ދެނެގަންނަމުން ދާކަމަށް ބުނެފައި އެވެ. އަދި ޕޮސިޓިވްވި މީހުންނާއި ބައްދަލުވި މީހަކު ހުރި ނަމަ އައްޑޫ ޓާސްކް ފޯސްއަށް އެންގުމަށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް