އަހަރަކަށް ފަހު މަރު ކޮމިޝަން "ދިރި" ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވަނީ

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރު ކޮމިޝަން އަހަރަކަށް ފަހު ދިރިއްޖެ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގޮތް ނޭގޭ ގޮ...

09 Feb 2021 | 06:37

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރު ކޮމިޝަން އަހަރަކަށް ފަހު ދިރިއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގޮތް ނޭގޭ ގޮތްގޮތަށް ގެއްލިފައިިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކެއް އެ ކޮމިޝަން އުފެއްދި ދުވަސްވަރު ހުށަހެޅި އެވެ. އެކަމަކު އެ ކޮމިޝަނުން ބަލާކަން ހާމަކޮށްފައިވަނީ ޑރ. އަފްރާޝީމް އަލީގެ މަރާއި، ޔާމީން ރަޝީދުގެ މަރުގެ އިތުރުން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އެވެ.

މަރުކޮމިޝަނުން އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ 2019 ވަނަ އަހަރުގެ ސެެޕްޓެމްބަރު މަހުގެ ތެރޭގައި އެއީ ރިލްވާން ގެއްލުނު މައްސަލައިގައި ހޯދިފައިވާ މައުލޫމާތު ހާމަ ކުރުމަށް އެ ކޮމިޝަނުގެ އޭރުގެ ރައީސް ހުސްނުއް ސުއޫދު ބޭއްވެވި ބައްދަލުވުމެކެވެ.

ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރި ކަމަށް އައްޔަން ކުރީންސުރެ މަރުކޮމިޝަނުގެ އަޑެއް ނުވަތަ ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތެއް ނޭނގެ އެވެ. އެކަމަކު އެ ބޭފުޅުންނަށް މަހުން މަހަށް ދައުލަތުން މުސާރަ ލިބިވަޑައިގެންނަވަ އެވެ.

ގިނަ ބަޔަކު މަރު ކޮމިޝަން މަރުވެއްޖެ ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނިކޮށް މިދިޔަ ހަފްތާގައި ރައީސްގެ ގަރާރަކުން ވަނީ ކޮމިޝަނުގެ ރައީސް ކަމަށް ފަރީޝާ އަބްދުﷲ އަައްޔަން ކުރައްވާފައި އެވެ. އަދި އިއްޔެ ވަނީ ރިލްވާން ގެއްލުނު ރޭ މަގުމަތިން ފެނުނު ވަޅިއެއްގެ ފޮޓޯ އާންމުކޮށް އެ ވަޅީގެ މައުލޫމާތައި ވެރިފަރާތުގެ މައުލޫމާތު އެ ކޮމިޝަނާއި ހިއްސާ ކުރާ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ އިނާމެއް ހުށަހަޅާފައި އެވެ.

މީގެ އިތުރުން މިއަދު އެކޮމިޝަނުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި އެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 1:00 ގައި އެވެ.

ބެލެވޭ ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ އެ ކޮމިޝަނުން އާންމު ކުރި ވަޅީގެ ފޮޓޯ އާއި ގުޅޭ އިތުރު މައުލޫމާތު ހާމަ ކުރާނެ އެވެ.

މަރުކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. މަރުތަކުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް