ރާއްޖޭގެ މިވަގުތުގެ ހާލަތު ހުރިގޮތުން ހަޔަސްގެ އެކްސްޓެންޝަންއެއްގެ ގޮތުގައި މިއަހަރު "ރެޕިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ އިން މޯލްޑިވްސް" ގެ ނަމުގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ސަރވޭއެއް ކުރަން ބޭނުންވާ ކަމަށް އެ ބިއުރޯއިން ބުނެއެވެ. މިސަރވޭ ކުރެވޭނީ ފޯނު މެދުވެރިކޮށެވެ.
2019/2020ގައި ކުރިއަށް ގެންދެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ" މިހާރުވަނީ ކޮށް ނިމިފައި ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެއެވެ.
މިގޮތުން މާލެއާއި އަތޮޅުތެރެއިން ހޮވާލެވޭ ގޭބިސީތަކަކަށް އަމާޒްކޮށްގެން ކުރެވޭ މިސަރވޭގެ މަސައްކަތް ފެބްރުއަރީ މަހުން ފެށިގެން އެބިއުރޯގެ ފަރާތުން ކުރިޔަށް ގެންދެވޭނެއެވެ. މިސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ މިބިއުރޯގެ ފަރާތުން ކުރެވުނު 'ހަޔަސް 2019/2020' ގައި ހޮވިފައިވާ ގޭބިސީތަކުގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ 600 ގޭބިސީއެއްގައެވެ.
މިމަސައްކަތުގައި ހަރަކާތްތެރިވާނީ މިބިޔުރޯއިން ތަމްރީންކުރެވިފައިވާ އެނިއުމަރޭޓަރުންނެވެ. މިގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު ނެގުމަށްޓަކައި ގޭބިސީތަކަށް ގުޅަމުން ގެންދާނެ އެވެ.
މިސަރވޭއަކީ ގަވާއިދު ނަންބަރ: 2013/R-4 "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012"ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެކެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.
މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއިއެކު، އާއްމުންގެ ފުރިހަމަ އެއްބާރުލެއްވުންް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް އެ ބިއުރޯއިން ބުނެއެވެ. އަދި މިހާތަނަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.
މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ މި އެބިއުރޯގެ ސްޓެޓިސްޓިކަލް ސަރވޭސް އެންޑް ރިސަރޗް ސެކްޝަންގެ ނަންބަރ 3008457 / 3008455 އަށް ގުޅުއްވުން އެފަރާތުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް