ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގެ ޖަލްސާގައި - ފޮޓޯ: ރައީސް އޮފީސް
ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް
ކަމަށް ބުނާ ބުނުމަކީ ގޯހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް
ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްސަ ޙަފުލާގައި
ވާހަކަފުޅުދައްކަވަމުންނެވެ.
ތިން ބާރު ވަކިވެފައިވާއިރު، ކައުންސިލުތަކަކީ، ވެރިކަން
ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއްކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
އަދި ކައުންސިލް އިންތިޚާބުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަޤްޞަދުގައި ބަޔަކު
އިންތިޚާބުކުރެވިއްޖެނަމަ، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ހިނގާނީ މުނިސިޕަލް އަދި
ތަރައްޤީގެ މަސައްކަތްތުގެ ބަދަލުގައި ސިޔާސީ މަސައްކަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތްކުރައްވަމުން
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ރާއްވަވާފައިވާ، ފައްޓަވާފައިވާ އަދި ބަޖެޓުކުރައްވާފައިވާ
ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި،
ހުރިހާ ފެންވަރެއްގައިވެސް ރައްޔިތުންގެ މަންދޫބުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާކަމަށެވެ.
ތަރައްޤީއަށް މިހާރުވެސް ކުރައްވަމުންގެންދަވާ އެކި މަސައްކަތްތަކާއި އިޖުތިމާޢީ މައްސަލަތައް
ޙައްލުކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ ފަދަ ޢަމަލުތައް
ބައެއް ކައުންސިލްތަކުން ހިންގުމުން، ބުރެކިޖެހި، މަޑުޖެހި ފަހަތަށް ޖެހެނީ ރައްޔިތުންގެ
ތަރައްޤީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އިންތިޚާބަކީ، އިދިކީލި
ސިޔާސީ ފިކުރުގެ ސަބަބުން ތަރައްޤީގެ ދުވެއްޔަށް ހުރަސް ނޭޅޭނޭ ފަދަ ގޮތަކަށް ކައުންސިލްތަކަށް
މެންބަރުން އިންތިޚާބުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ މަންސައެއްކަން އެމަނިކުފާނު
ފާހަގަކުރެއްވިއެވެ.
މި ސަރުކާރަކީ، ފަރުދީ މަސްލަހަތަށްވުރެ، ޤައުމީ މަސްލަހަތު
އިސްކުރާ، އަދި ރައްޔިތުންނާ އެކު، ރައްޔިތުންގެ ފަޅީގައި މަސައްކަތްކުރާ ސަރުކާރެއްކަމަށް
ވިދާޅުވާ ވިދާޅުވުން، މިރޭގެ ޙަފުލާގައިވެސް އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
މިރޭގެ ޙަފުލާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ސާޖިދާ މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ޕީ.އެން.ސީގެ
އިސް އޮފިޝަލުންނާއި ގިނަ ޢަދަދެއްގެ ޢާންމު މެންބަރުން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް