އެމްޑީޕީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ދީފިނަމަ، ޚުދުމުހުތާރު ވެރިކަމަކަށް މިގައުމު ފުރޮޅިގެންދާނެ ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް. ޕީއެންސީ ކޯލިޝަނުން މިރޭ ހއ. ކެލާގައި ބޭއްވި ޖަލްސާގައި ޕީޕީއެމް އޮފީހުގައި ވާހަކަ ދައްކަވަމުން ނެވެ.
ޑރ. ޚަލީލު ވިދާޅުވީ އެމްޑީޕީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ދީފިނަމަ، މިރާއްޖޭގައި ރައްޔިތުންގެ ބާރުވެރިކަން ގެއްލޭނެ ކަމަށެވެ. އަދި މި ވެރިކަން ހަމަ މަގަށް އަޅުވައި ރައްޔިތުންގެ ބާރުވެރިކަން ހޯދޭނީ ކައުންސިލް އިންތިޚާބު ކާމިޔާބްކޮށްގެން ކަމަށެވެ.
" އެކަން ކުރުމަށް ޕީޕީއެމްގެ މެމްބަރުން ހުރި ޖޯޝާއި ފޯރި މުޅި ރާއްޖެއިން ފެންނަމުންދާކަމީ އިންތިޚާބު ބޭއްވުމަށް މިސަރުކާރުން ފަސްޖެހޭ އެންމެ ބޮޑު ސަބަބު. އިންތިޤާލީ އިންސާފުގެ ބިލުގެ ތެރެއިން ބަލަންޖެހޭ ނިކަން ގިނަ މައްސަލަތަކެއް އެބަހުރި. ޚާއްސަކޮށް، ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު މިރާއްޖޭގެ ބައިތުލް މާލުން އަންދާލި ފައިސާގެ ބަދަލު ހޯދުމަކީ ކުރަންޖެހޭ ކަމެއް." ޑރ. ޚަލީލު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް އިދިކޮޅު ކޯލިޝަނުން އެފައިސާ ދައުލަތުގެ މާލިއްޔާއަށް ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"ކައުންސިލަށް ބާރު ދޫކުރާނެކަމަށް ވިދާޅުވެ ހުރިހާ ބާރެއް އެއްކޮށް ޖަމާކޮށް، ރައްޔިތުންގެ ބާރު މިއަދު ވަނީ ކަނޑުވާލާފަ." ޑރ. ޚަލީލު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް