30 ނޮވެމްބަރަށްފަހު ދެއްވަދޫން އެހެން ރަށަކަށް ގޮސްވައިވާ ފަރާތެއްވާނަމަ އެންގުމަށް އިލްތިމާސްކޮށްފި

އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރ 2020 އަށް ފަހު ގއ. ދެއްވަދޫއިން ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖ...

09 Jan 2021 | 15:55

އަތޮޅުތެރޭގެ އެއްވެސް ރަށަކަށް 30 ނޮވެމްބަރ 2020 އަށް ފަހު ގއ. ދެއްވަދޫއިން ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ގއ. ދެއްވަދޫއިން މިމުއްދަތުގައި ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެވުމަށް ދަންނަވާކަމަށެވެ.

"30  ނޮވެމްބަރ 2020 އަށް ފަހު ގއ. ދެއްވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ވަޑައިގެން ސާމްޕަލް ނެންގެވުމަށް ދަންނަވަމެވެ. އަދި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބެވުމަށް ދަންނަވަމެވެ. މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެއެވެ." އެޗްޕީއޭއިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ 30  ނޮވެމްބަރުގެ ފަހުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް ދަންނަވާކަމަށާއި އަދި ޑިސެމްބަރ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށް ދަންނަވާކަމަށެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވާއިރު ދެއްވަދޫން ލ. ފޮނަދުއަށް ދިޔަ ބަޔަކު މިހާރު މިވަނީ ޕޮޒިޓިވް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް