ލ. ފޮނަދޫ އާއި ގަން މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެ ދެ ރަށް މޮނިޓަރިން އަށްލީ ގއ. ދެއްވަދޫއަށް ދަތުރުކޮށްފައިވާ ހަތަރު މީހަކު ފޮނަދޫއިން ކޯވިޑަށް ޕޮސިޓިވް ވުމުންނެވެ. އެމީހުން ދެއްވަދޫއިން ފޮނަދޫއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
އެ ހަތަރު މީހުން ކޯވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ. އެމީހުން ޕޮސިޓިވްވުމާއި އެކު މިއަދު އެޗްއީއޯސީން ފުރަތަމަ ބުނީ ފޮނަދޫ އާއި އެ ރަށާއި އެއްފަސްވެފައިވާ ހުރިހާ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެކަމަކު ފަހުން ބުނީ މޮނިޓަރިންގެ ހާލަތަށް ގެނައީ ފޮނަދޫ އާއި ގަން އެކަނިކަމަށެވެ. ފޮނުދޫ އާއި އެއްފަސްކޮށް އޮންނަ ރަށްތަކުގެ ތެރޭގައި ގަމުގެ އިތުރުން ކައްދޫ އާއި މާންދޫ ހިމެނެ އެވެ.
“ދުވަސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮސިޓިވްވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ. އަދި އޭގެ ތެރޭގައި ދެއްވަދޫ މީހަކާއި އިނދެގެން އުޅޭ ފޮނަދޫ މީހަކު ހިމެނޭ ކަމަށާއި އެމީހުން އެ ރަށަށް ދިޔައީ ސްކޫލް ބަންދާއި ދިމާކޮށް ކަމަށްވެ އެވެ.
ދެއްވަދޫގައި ކޯވިޑް-19 އަށް ޕޮސިޓިވް ހަތް މީހުން ތިބި އިރު އެންމެ ފުރަތަމަ ޕޮސިޓިވްވެފައވަނީ ހަތަރު މަހުގެ ކުޑަ ކުއްޖެކެވެ. ޕޮސިޓިވްވި އަނެއް ހަ މީހުންނަކީ އެ ކުއްޖާ އާއި ގުޅުން ހުރި ނުވަތަ އެކުއްޖާ އުރައި، ގެންގުޅުނު މީހުންނެވެ.
އެޗްއީއޯސީން ބުނީ އެ ކުޑަކުއްޖާ އަކީ މާލެއިން އާއިލާ އާއި އެކު ގޮސް ހޯމް ކަރަންޓީންގައި ހުރި ކުއްޖެއް ކަމަށެވެ. އެކުއްޖާ ކަރަންޓީން ނިންމައި ބޭރަށް ނުކުތީ މައުލޫމާތުގެ ކުށަކުން އެ ކުއްޖާވެސް ނެގެޓިވް ކަމަށް އާއިލާއަށް އެންގުމުން ކަމަށް ބުނެ އެވެ.
އެޗްއީއޯސީން ދަނީ ދެއްވަދޫގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ރަށްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް