ދެއްވަދޫ ކްލަސްޓާ އާއި ގުޅުން ހުރި ބަޔަކު ފޮނަދޫއިން ޕޮސިޓިވް ވެއްޖެ

ލ. ފޮނަދޫއިން ހަތަރު މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މި  ހަތަރު މީހުންނަކީ ގއ. ދެއްވަދޫއަށް ދަތުރު ކުރި ބައެއް ކަމަށް ފޮނަދޫ ހެލްތް ސެންޓަރުން މައުލޫމާތު ދެއެވެ. ފޮނަދޫ ހެލްތް ސެންޓަރުން ބ...

09 Jan 2021 | 13:16

ލ. ފޮނަދޫއިން ހަތަރު މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މި  ހަތަރު މީހުންނަކީ ގއ. ދެއްވަދޫއަށް ދަތުރު ކުރި ބައެއް ކަމަށް ފޮނަދޫ ހެލްތް ސެންޓަރުން މައުލޫމާތު ދެއެވެ.

ފޮނަދޫ ހެލްތް ސެންޓަރުން ބުނީ އެމީހުން ދެއްވަދޫއަށް ދަތުރު ކުރުމަށް ފަހު އެނބުރި އެ ރަށަށް ދިޔައީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެމީހުން ކޯވިޑަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ކަމަށް ސިއްހީ މަރުކަޒުން ބުނެ އެވެ.

އޭގެ ތެރެއިން ފުރަތަމަ ޕޮސިޓިވް ކަމަށް ބުނެފައިވަނީ ދެ މީހުންނެވެ. ފަހުން އެ ސެންޓަރުން ވަނީ އެ ރަށަށް ގޮސް އައި އިތުރު ދެމީހަކު ޕޮސިޓިވްވެފައިވާ ކަމަށް ބުނެފައިވެ އެވެ.

"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮސިޓިވްވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ. އަދި އޭގެ ތެރޭގައި ދެއްވަދޫ މީހަކާއި އިނދެގެން އުޅޭ ފޮނަދޫ މީހަކު ހިމެނޭ ކަމަށާއި އެމީހުން އެ ރަށަށް ދިޔައީ ސްކޫލް ބަންދާއި ދިމާކޮށް ކަމަށްވެ އެވެ.

ދެއްވަދޫގައި ކޯވިޑް-19 އަށް ޕޮސިޓިވް ހަތް މީހުން ތިބި އިރު އެންމެ ފުރަތަމަ ޕޮސިޓިވްވެފައވަނީ ހަތަރު މަހުގެ ކުޑަ ކުއްޖެކެވެ. ޕޮސިޓިވްވި އަނެއް ހަ މީހުންނަކީ އެ ކުއްޖާ އާއި ގުޅުން ހުރި ނުވަތަ އެކުއްޖާ އުރައި، ގެންގުޅުނު މީހުންނެވެ.

އެޗްއީއޯސީން ބުނީ އެ ކުޑަކުއްޖާ އަކީ މާލެއިން އާއިލާ އާއި އެކު ގޮސް ހޯމް ކަރަންޓީންގައި ހުރި ކުއްޖެއް ކަމަށެވެ. އެކުއްޖާ ކަރަންޓީން ނިންމައި ބޭރަށް ނުކުތީ މައުލޫމާތުގެ ކުށަކުން އެ ކުއްޖާވެސް ނެގެޓިވް ކަމަށް އާއިލާއަށް އެންގުމުން ކަމަށް ބުނެ އެވެ.

އެޗްއީއޯސީން ދަނީ ދެއްވަދޫގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ރަށްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް