2020 ގެ ދިރާސީ އަހަރު ޖޫން2021 އާއި ހަމަޔަށް ގެންދިއުމަށް ނިންމާފައި ވާއިރު، އެކަޑަމިކް ކަލަންޑަރަށް މި ބަދަލު ގެނެވުނީ އެހެން ގައުމުތަކުގައުވެސް މިފަތަ ޙާލަތްތަކުގައި ކަންކުރާ އުސޫލު ވަރަށް ބޮޑަށް ބަލައި ދިރާސާ ކުރުމަށްފަހިގައި ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަލްފާޟިލާ ފާތިމަތު ނަސީރު ވިދާޅުވެއްޖެއެވެ.
މިއީ ރާއްޖޭގެ ސްކޫލް ތަކުގެ ދިރާސީ އަހަރު މިފަދަ ގޮތަަކަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ. ފާތިމަތު ނަސީރު ވިދާޅުވީ، މި ނިންމުން ނިންމާފައިވަނީ ވަރަށް ގިނަ މަޝްވަރާތަކާއި ރޭވުންތަކާ އެކުގައި ކަމަށެވެ. އެގޮތުން، ކަމާގުޅޭ އެންމެހާ ފަރާތަކާ މަޝްވަރާ ކުރުމުގެ އިތުރުން، ބޭރުގެ ބައެއް ސެމިނާތަކާއި ވެބިނާ ތަކުގައި ބައިވެރިވެ، އެހެން ގައުމުތަކުގައި މިކަން ކުރަމުން ދިޔައީ ކިހިނެތްތޯ ބަލާފައިވާކަމަށެވެ.
މިއީ ކުދިންނަށް އެކަމުގެ ސަބަބުން ފައިދާ ކުރާނެ ނިންމުމެއްކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ކުރީގައި ނަމަ ދަރިވަރުން އޮކްޓޯބަރ/ ނޮވެމްބަރ ގައި އޯލެވެލް އިމްތިޙާމް ހަދާ ނިންމުމަށް ފަހު، އޭލެވެލް އިމްތިޙާނަށްް5 މަސް ވަރު އިންތިޒާރު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މި ބަދަލާއެކު، ޖޫން/ ޖުލައިގައި އޯލެވެލް އިމްތިޙާން ނިމުމަށްފަހު، މާ ގިނަ ދުވަހު މަޑުކުރުމެއް ނެތި އޯގަސްޓްގައި އޭލެވެލް ފެށޭނެއެވެ. އެހެންކަމުން މިކަމުންވެސް ކުދިންނަށް ގެއްލުން ނުވާނެކަމަށް ފާތިމަތު ނަސީރު ވިދާޅުވިއެވެ.
ކޮވިޑްގެ ދަތި ދުވަސްވަރު ރާއްޖެވެސް ތަަހައްމަލް ކުރަމުން ދާއިރު، ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔެވުމުގެ ބަދަލުގައި އޮންލައިންކޮށް ކިޔަވަން ޖެހުނެވެ. އަދި ބައެއް ގްރޭޑްތައް އެއްވެސް ވަރަކަށް ސްކޫލަށް ގެންގޮސްފައެއް ނުވެއެވެ. ދަރިވަރުން ސްކޫލަށް ހާޒިރު ނުވެ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ގެއްލުންތަކެއް ވުމުގެ އިތުރަށް، ދަރިވަރުންގެ އިޖުތިމާއީ ހުނަރުތަކާއި، ދުވަހުގެ ތާވަލް ރޭވިފައިވާ ގޮތް މުޅިން ގެއްލިފައިވާކަމަށް އެކަމަނާ ފާހަގަކުރި އިރު، މިއީ ތައުލީމީ ދާއިރާގެ ވަރަށްގިނަ ފަރާތްތަގެއްވެސް ފާހަގަކުރާ ނުކުތާއެކެވެ. އަދި ބައެއް ގްރޭޑްތަކުގެ ދަރިވަރުން އޮންލައިންކޮށް ކްލާސް ނެގިކަމަށް ވިޔަސް އެއީ އެހާ ފައިދާހުރި ގޮތެއްކަމަށް ވެފައެއް ނުވެއެވެ. އެގޮތުން މުދައްރިސުންނާއި ކްލާހުގެ އެހެން ދަރިވަރުންނާ ދުރުގައި ހުރެ އެކަނި ކިޔަވަން ޖެހުން ވެގެން ދިޔައީ ދަރިވަރުން ކިޔެވުން މަތުިން ފޫހިވި ސަބަބަކަށެވެ. އަދި ސްކޫލަށް ހާޒިރުވެ ކިޔަވާއިރު ދަރިވަރުން ނެރޭ ނަތީޖާ، އޮންލައިންކޮށް ކިޔަވައިގެން ނުނެރެވޭކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން އޮންލައިންކޮށް ކިޔަވައިދިނުން ވެގެން ދިޔައީ މުދައްރިސުންނަށްވެސް ކުރިމަތިވި ގޮންޖެހުމަކަށެވެ. އެގޮތުން ދަރިވަރުންނަށް ދަސްވިވަރު ދެނެގަތުމުގެ ފުރުސަތުވެސް އެހާބޮޑަކަށް ނޯންނަކަމަށް ފާތިމަތު ނަސީރު ފާހަގަކޮށްލިއެވެ.
މި ހުރިހާ ކަމަކަށް ބެލުމުން، މި އިތުރުވެގެން ދިޔަ 6 މަސް ދުވަހަކީ، ކުދިންނަށް ކިޔެވުމުން ގެއްލުނުގައި އަލުން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ދުވަސްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް