އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމުގެ އޯޕަން ޑޭ ފުވައްމުލައް ސިޓީގައި ކުރިއަށް ދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން ފަށާފައިވާ "ހުނަވަރު" ޕްރޮގްރާމުގެ އޯޕަން ޑޭ ފުވައްމުލައް ސިޓީގައި މިއަދު ކުރިއަށް އެބަދެ އ...

09 Jan 2021 | 10:55

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން ފަށާފައިވާ "ހުނަވަރު" ޕްރޮގްރާމުގެ އޯޕަން ޑޭ ފުވައްމުލައް ސިޓީގައި މިއަދު ކުރިއަށް އެބަދެ އެވެ.

އެ ސިޓީގައި މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ވެސް އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެސިޓީގައި އޯޕަން ޑޭ ބާއްވާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 އިން މެންދުރުފަހު 3:00 އަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިޔަށް ގެންދާ ހުނަވަރު ޕްރޮގްރާމް ގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.

އެ ކުންފުނިން ބުނެފައިވަނީ މި އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދާނީ އެ ކުންފުނިން އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށް ކަމަށާއި ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވަ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހުނަވަރު ޕްރޮގްރާމުގައި އެ ކުންފުނީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގް، ބާޖު، ބަސް، ލޮރީ، ބުލްޑޯޒަރ، އެކްސްކަވޭޓަރ، ކްރޭން، ލޮރީ، ރޯލަރ، ޕޭވަރ، ލޯޑަރ އަދި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އޮޕަރޭޓްކުރުމަށް ދަސްކޮށްދޭނެ އެވެ.

ކޮންމެ މަހަކު 5000 ރުފިޔާ އެލަވަންސެއް ލިބޭގޮތަށް މިތަމްރީންތައް ހެދުމަށް ފަހު، ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

https://twitter.com/MTCCPlc/status/1347817495323807747

2018 ވަނަ އަހަރު އެމްޓީސީސީއިން އިފްތިތާހުކުރި ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ބައެއް ދާއިރާތަކުން މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި އެމްޓީސީސީއިން ތަޢާރަފްކުރި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެތެރެއިން ހެވީވެހިކަލް އޮޕަރޭޓްކުރުމާއި، ކަނޑުގައިދުއްވާ އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، އިންޖިނިއަރިން، ވެލްޑިން، ޑްރެޖިން އަދި އެންވަޔަރމެންޓަލް ސާވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީނުކުރެވިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް