މުޒާހަރާއިން ހައްޔަރު ކުރި މީހުންނާއި މެދު ފުލުހުން ކަންތައް ކުރީ އިހާނެތިކޮށް

ބުރާސްފަތި ދުވަހު އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންނާއި މެދު ފުލުހުން އަމަލު ކުރީ އިހާނެތިކޮށް ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ. އިދިކޮޅު ކޯލިޝަނުނ...

09 Jan 2021 | 03:54

ބުރާސްފަތި ދުވަހު އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންނާއި މެދު ފުލުހުން އަމަލު ކުރީ އިހާނެތިކޮށް ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން އެދުވަހު އެއްވުން ބޭއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ވަގުތާއި ދިމާކޮށެވެ. އެ އެއްވުމުން ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރު ކުރި މީހުންނާއި މެދު އިންސާނީ ހައްގުތަކާއި ހިލާފަށް އަމަލު ކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. އެ ކޯލިޝަނުން ބުނީ އިހާނެތިކޮށް އަމަލު ކޮށްފައިވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން ތިން އަންހެނުންނާއި މެދު ކަމަށެވެ.

އެގޮތުން އެމީހުންނަށް ކާންދިނުން ލަސް ކުރުމާއި، ނަމާދު ކުރެވޭނެ ގޮތެއް ނުދެއްކުމާއި އިންސާނުން ބައިތިއްބުން ހެޔޮނުވާވަރު ތަނެއްގައި ބައިތިއްބާފައިވާ ކަމަށް އެމީހުން ބުނި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ހިމެނޭއިރު އެމީހާ އާއި މެދުވެސް އަމަލު ކޮށްފައިވަނީ އިހާނެތިކޮށް ކަމަށް ބުނެ އެވެ.

ކޯލިޝަނުން ބުނީ ފުލުހުންނަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށްވަރުކޮށްދޭން ތިބޭ ބައެއް ކަމަށެވެ. އެކަމަކު ރައްޔިތުންނާއި މެދު އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ފުލުހުންގެ އިސްވެރިންގެ ޣައިރު ގާނޫނީ އަމުރަށް އަމަލު ކުރަން ޖެހުމުން މުޅި ފުލުހުންގެ މުއައްސަސާ އައި އާންމު ފުލުހުންގެ އަގުވެއްޓިފައިވާ ކަމަށެވެ.

އަދި މުޒާހަރާއިން ހައްޔަރު ކުރި މީހުންނާއި މެދު ފުލުހުން އަމަލު ކުރިގޮތް ބެލުމަށް އެޗްއާރުސީއެމަށް ގޮވާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް