އާ ވޭރިއެންޓުގެ އަސަރު ހުރިތޯ ބަލަން އަދިވެސް ސާމްޕަލްތައް ބޭރަށް ނުފޮނުވާ

ކޯވިޑް-19 ގެ އާ ވޭރިއެންގެ އަސަރު ހުރިތޯ ބަލަން ޕޮސިޓިވް މީހުންގެ ސާމްޕަލްތައް އަދިވެސް ރާއްޖެއިން ބޭރަށް ނޮފޮނުވޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. އާ ވޭރިއެންޓުގެ އަސަރު ހު...

09 Jan 2021 | 03:31

ކޯވިޑް-19 ގެ އާ ވޭރިއެންގެ އަސަރު ހުރިތޯ ބަލަން ޕޮސިޓިވް މީހުންގެ ސާމްޕަލްތައް އަދިވެސް ރާއްޖެއިން ބޭރަށް ނޮފޮނުވޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އާ ވޭރިއެންޓުގެ އަސަރު ހުރިތޯ ބަލަން ރާއްޖެއިން ބޭރަށް ސާމްޕަލެއް ފޮނުވަން ނިންމާފައިވާކަން އެޗްއީއޯސީން ހާމަ ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ކޯވިޑަށް ޕޮސިޓިވްވުމުންނެވެ. އެމީހާ އަކީ މިދިޔަ މަހު އޮތް ކައިވެނި ޕާޓީން ޕޮސިޓިވްވި ބައެއްގެ އާއިލާ މީހަކަށް ވުމުން އޭނާއަށް ކޯވިޑް ޖެހުނީ ރާއްޖެ އައި ފަހުން ކަމަށް ބެލުމުގެ ފުރުސަތު އޮތަސް ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމީ އެމީހާ އިނގިރޭސިވިލާތަށް ދަތުރުކޮށްފައިވާތީ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އާ ވޭރިއެންޓުގެ އަސަރު ހުރިތޯ ދެނެގަތުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމާފައިވަނީ ހަމައެކަނި އެ މީހާ ސާމްޕަލް އެކަނި ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ނަގަމުންދާ ސާމްޕަލްތަކުގައި އާ ވޭރިއެންޓުގެ އަސަރު ހުރިތޯ ބެލުމަށް ރާއްޖެެއިން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އެކަމަކު ބައެއް ސާމްޕަލްތައް އަދިވެސް މާލެ ގެނެވިފައި ނުވުމާއި ވަކި ގައުމެއްގެ ވަކި ހޮސްޕިޓަލަކަށް ފޮނުވަން ޖެހޭތީ ލަސްވުމެއް އުޅެނީ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ ސާމްޕަލްތައް ފޮނުވަނީ ކޮން ގައުމަކަށް އައި ކޮން ހޮސްޕިޓަލަކަށް ކަމެއް ޑރ. ނަޒްލާ ވިދާޅެއް ނުވެ އެވެ.

އިނގިރޭސިވިލާތުން ފެށުނު ކޯވިޑް-19 ގެ އާ ވޭރިއެންޓު ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު ވަނީ ފެނިފައި އެވެ. އެހެންވެ ރާއްޖެއިން ވަނީ އިނގިރޭސިވިލާތުން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން ކަރަންޓީން ވާން ޖެހޭ ގޮތަށް ހަމަޖައްސާފައި އެވެ.

އާ ވޭރިއެންޓުގެ ސަބަބުން ކޯވިޑްގެ ނުރައްކާތެރިކަން އިތުރު ނުވާކަމަށް މީގެ ކުރިން ޑރ. ނަޒްލާ ވިދާޅުވި އެވެ. އާ ވޭރިއެންޓުގެ ތަފާތަކީ ބަލި ފެތުރުން އަވަސްވެފައި ކުޑަކުދިންނަށް ޖެހުން އަވަސްވުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް