އައިލެންޑް ބެވަރޭޖާސް މޯލްޑިވްސް (އައިބީއެމް) ގެ އާ ސޭލްސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ތާޒާ ބްރޭންޑުގެ ފެން އުފައްދާ އައިބީއެމްއިން ބުނީ މި ސެންޓަރު ހުޅުވުމުން ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކުންފުނީގެ އުފެއްދުންތައް ގާތުން ފޯރުކޮށްދިނުމަށް ފަސޭހަ ވާނެ އެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ ހުޅުމާލޭއަކީ ކުރިން މީހުން ނިދަން ދާ ރަށަކަށް ވިޔަސް މިހާރު މާލެ ސަރަހައްދުގައި އެންމެ ބާރަށް ތަރައްގީވަމުންދާ ތަނަކީ ހުޅުމާލެ ކަމަށެވެ. އޭނާ ވިދާޅުވީ އުންމީދަކީ އައިބީއެމްއިން ޕްލާސްޓިކް ދޫކޮށްލައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އުފެއްދުންތައް ފަރުމާ ކުރަން ފެށުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށެވެ. އެކަމަކު ގޮން ޖެހުންތަކާއި އެކުވެސް އަހަރު ނިންމާލީ 2019 ވަނަ އަހަރަށްވުރެ ކާމިޔާބު އަހަރެއްގެ ގޮތުގައި ކަމަށް އަންވަރު ވިދާޅުވި އެވެ.
އައިބީއެމްއިން ބުނީ މިއަހަރު އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ތިމާވެއްޓާއި ރައްޓެހި ފެނުގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ގިނަ ފަހަރު ބޭނުން ކުރެވޭ 18 ލީޓަރުގެ ހަމާއި އެއް ލީޓަރުން ދަށުގެ ބިއްލޫރި ފުޅި ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އައިބީއެމްއަކީ ހަމައެކަނި ފެން އުފައްދާ ކުންފުންޏެއްގެ ގޮތުގައި އޮތުން ނިމުމަކަށް ގެނެސް އެހެން އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް