ވިޓަމިންސް: ހަށިގަނޑަށް ބޭނުންތެރި މާއްދާތަކެއް

ތަފާތު ވިޓަމިން ތަކަކީ ވެސް ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާތަކެކެވެ. ވިޓަމިން-އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާޢުކުރުމަށް އެހީތެރިވެދޭ އެންޓި އޮކްސިޑެންޓެކެވެ. މީގެ އިތުރުން ލޮލުގެ ފެ...

08 Jan 2021 | 20:36

ތަފާތު ވިޓަމިން ތަކަކީ ވެސް ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާތަކެކެވެ. ވިޓަމިން-އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާޢުކުރުމަށް އެހީތެރިވެދޭ އެންޓި އޮކްސިޑެންޓެކެވެ. މީގެ އިތުރުން ލޮލުގެ ފެނުން ރަގަޅު ކޮށްދީ، ހަންގަނޑު ރައްކާތެރިކަންމަތީ ބެހެއްޓުމަށާއި، ކަށިތަކުގެ ހެދި ބޮޑުވުމަށް ވެސް ވިޓަމިން-އޭ ބޭނުންވެއެވެ. ވިޓަމިން އޭ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކެރެޓް، ކައްޓަލަ، ބިސް، ބްރޮކޮލީ، ސްޕިނެޗް އަދި ބައެއް ކަހަލަ ފަތުގެ ބާވަތްތައް ހިމެނެއެވެ.

ވިޓަމިން-ބީ އަކީ އޭގައި ތަފާތު ވައްތަރުތައް ހިމެނޭ ވިޓަމިނެކެވެ. މިގޮތުން ވިޓަމިން-ބީ6 އަކީ ލޭގެ ރަތް ސެލްތައް އުފެދުމަށާއި، ސިކުނޑިއާއި، ނާރުތައް އުފެދި ފުރިހަމަވުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ދޮންކޭލަކީ ވިޓަމިން-ބީ6 ހިމެނޭ ކާނާގެ މިސާލެކެވެ. ވިޓަމިން-ބީ12 އަކީ ލޭގެ ރަތް ސެލްތައް އުފެދުމަށާއި، ނާރުތަކުގެ ނިޒާމް ފުރިހަމަ ކަންމަތީ ބެހެއްޓުމަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން-ބީ12 ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކަނޑުމަސް، އަދި ކިރު ހިމެނެއެވެ. ވިޓަމިން-ބީގެ ތެރޭގައި ހިމެނޭ ރައިބޯފްލެވިން އަދި ސިއެމިން އަކީ ވެސް ކުޑަދަރިފުޅުގެ ހަށިގަނޑުގައި އެކިއެކި ބައިތައް އުފެދުމުގައި އެހީތެރިވެދޭ މާއްދާތަކެކެވެ.

ވިޓަމިން-ބީގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްވައްތަރަކީ ފޮލިކް އެސިޑެވެ. ފޮލިކް އެސިޑަކީ ސިކުނޑި އާއި، އޭގެ ވަށައިގެންވާ ފަށަލަތައް، އަދި މައިބަދައިގެ ތެރޭގައިވާ ސްޕައިނަލް ކޯޑްގައި އުފެދޭ ޢައިބުތަކުން ސަލާމަތްކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަމަމިހެން އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކާއި އެހެނިހެން ޢައިބު ތަކުން ނަޖާވުމުގައި ވެސް ފޮލިކް އެސިޑްގެ މުހިއްމު ދައުރެއްވާކަމަށް ގަބޫލު ކުރެވެއެވެ. ފޮލިކް އެސިޑް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ސްޕިނެޗް ފަދަ ފަތްޕިލާވެލީގެ ބާވަތްތަކާއި، ތޮޅި، ފަޅޯ، ފުށް، ހަނޑޫ، ޕާސްޓާ، ގެރިމޭ، ކުކުޅު އަދި ކުކުޅު ބިހުގެ ގޮބޮޅި ފަދަ ބާވަތްތައް ހިމެނެއެވެ.

ވިޓަމިން-ސީ އަކީ ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދީ ބަލިތަކުން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަންގަނޑާއި، ކަށިތައް، ދަތްތަކާއި ހިރުގަނޑު ސަލާމަތް ކަންމަތީ ބެހެއްޓުމުގައި ވިޓަމިން-ސީ ބައިވެރިވެއެވެ. ވިޓަމިން-ސީ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އޮރެންޖް، ފަޅޯ، ސްޓޯބެރީ، ކަރާ، ޓޮމާޓޯ، މިރުސް، ކައްޓަލަ، ބޮޑި ކޮޕީ، އަދި ބްރޮކޮލީ ފަދަ ބާވަތްތައް ހިމެނެއެވެ.

ދަތްތަކާއި ކަށިތަކުގެ ދިރުމަށް ވިޓަމިން-ޑީ ބޭނުންވާއިރު މާބަނޑު ދުވަސްވަރު ތުއްތު ދަރިފުޅުގެ ސެލްތަކާއި، ޓިޝޫތައް އަދި ފުއްޕާމޭ ހެދިބޮޑުވުމަށް ވިޓަމިން-އީ ބޭނުންވެއެވެ. ކިރާއި، ޔޯގަޓް، ޗީޒް އަދި ޕާން ގައި ވިޓަމިން-ޑީ ހިމެނިގެންވާއިރު، ގޮދަން، ފެހިފަތާއި ތަރުކާރީ، އަދި ބަދަން ފަދަ ބާވަތްތަކުގައި ވިޓަމިން-އީ އެކުލެވިގެންވެއެވެ.

މަޝްދަރު: ވިކިޕީޑިއާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް