ކޮލަމް މާރެސް: އިންސާފެއްނެތް ތަރައްޤީ!

މާލެއާއި ވިލިނގިލި ބުރިޖުން ގުޅުވައިލުމާއިއެކު މި ސަރަހައްދުގައި އުޅޭ މީހުންގެ ދިރިއުޅުމަށް ޔަގީނުންވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ފަސޭހަވާނެއެވެ. ވަޒީފާތަ...

08 Dec 2025 | 10:09
N/A

N/A

މާލެއާއި ވިލިނގިލި ބުރިޖުން ގުޅުވައިލުމާއިއެކު

މި ސަރަހައްދުގައި އުޅޭ މީހުންގެ ދިރިއުޅުމަށް ޔަގީނުންވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ފަސޭހަވާނެއެވެ. ވަޒީފާތަކާއި ޚިދުމަތްތައް ލިބުން

އިތުރަށް ފަސޭހަވާނެއެވެ. ވިޔަފާރިތަކަށް އާ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ. މި

ހުރިހާ ކަމަކީވެސް ރަނގަޅު ކަންކަމެވެ. ނަމަވެސް، މިއާއިއެކު އަދި އެހެން ބާވަތެއްގެ

ބަދަލެއް، ހިމޭން ނަމަވެސް ވަރުގަދަ ބަދަލެއް، އަންނާނެކަމަށް ލަފާ ކުރަމެވެ.

ބްރިޖުގެ ސަބަބުން ވިލިނގިލި، މި އަވަށުގެ "ވެލިއު" ވަރަށް ބޮޑަށް

އުފުލިގެންދާނެކަމަށް ލަފާ ކުރަމެވެ. އެއީ ވިލިނގިލީގައި ބިނާކޮށްފައިހުރި ގެދޮރު

އިމާރާތްތައް ވަކި ރަނގަޅުވެގެންނެއް ނޫނެވެ.

ނުވަތަ އެތަންތަނަށް އެތަނުގެ ވެރިފަރާތުން އައު އިންވެސްޓްމަންޓްތަކެއް ކޮށްގެންނެއް

ނޫނެވެ. ނުވަތަ އަމިއްލަ ބިންތަކުގައި އައު އިމާރާތްތަކެއް

ބިނާކުރުމަކުންވެސް ނުމެނޫންމެއެވެ. ނަމަވެސް އެއީ ހަމައެކަނި ސަރުކާރުގެ މަޝްރޫޢެއް،

އާދެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓެއްގެ ސަބަބުން އެ ތަނުގެ ލޮކޭޝަނަކީ އެދެވޭ

ނުވަތަ މީހުން ބޭނުންވާ ލޮކޭޝަނަކަށް އެތަން ވުމުގެ ސަބަބުން އަތަނުގެ އަގު

އުފުލިގެންދިއުމެވެ. އިތުރު އެހެން އެއްވެސް ސަބަބެއް އޮވެގެންނެއް ނޫނެވެ.

މިއީ ސަމާލުވާން ޖެހޭކަމެކެވެ. ސަބަބަކީ، ތަރައްޤީގެ މަޝްރޫޢުތަކަކީ ބަރަކާތެއްތޯ،

ނުވަތަ އެއީ ތަރައްޤީގެ ހެދުން އަޅައިގެން އަންނަ "ތަނުން ނުކުތުމަށް އަންގާ ނޯޓިހެއްތޯ"

ކަނޑައަޅަނީ މިކަމުން ކަމަށްވާތީއެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށްފަހު ބިމުގެ އަގު ބޮޑުވަނީ ކީއްވެ؟

ސަރުކާރުން ހޮސްޕިޓަލެއް، ސްކޫލެއް، އެއަރޕޯޓެއް، ހައިވޭއެއް، ނުވަތަ ބްރިޖެއްފަދަ

މަޝްރޫޢެއް ހިންގާ ކޮންމެ ފަހަރަކު، އެ ސަރަހައްދުގެ ބިމުގެ އަގު ބޮޑުވެއެވެ. ސަބަބަކީ އެ ސަރަހައްދަކުން ލިބޭ ޚިދުމަތްތަކަށް ޑިމާންޑް އިތުރުވުމެވެ.

އަދި އިތުރުވާ ޑިމާންޑާއެކު އެތަނެއްގެ ކުލިވެސް ބޮޑުވެގެންދެއެވެ. ވެރިރަށް

މާލެއިން ފެންނަންއޮތް ހަޤީޤަތަކީ މިއީ ނޫންތޯއެވެ؟ އަދި މި ބީދައިން ކުރިއަރަމުން

އަންނަ ދުނިޔޭގެ ކޮންމެތަނަކުންވެސް ފެންނަންއޮތް ހަޤީޤަތަކީ މިއީއެވެ.

ސަފުގައި ދެން ކުރިއަށް އޮތީ ވިލިނގިއްޔެވެ. އަހަރެމެންގެ އުސޫލުތައް ބަދަލު

ނުކުރާހާހިނދަކު ވިލިނގިއްޔަށްވެސް ހަމަވާނީ މިހެންކަން ލަފާ ކުރަމެވެ.

މިކަމުގެ ޙައްލު މީގެ 140 އަހަރު ކުރިން ފެންނާން އެބައޮތް

1800 ގެ ފަހުކޮޅުގައި، ހެންރީ

ޖޯޖް ނަމަކަށް ކިޔާ އެމެރިކާގެ އިޤްތިޞާދީ މާހިރަކަށް ވަރަށް ސީދާސާދާ ކަމެއް

ފާހަގަކުރެވުނެވެ. އެއީ، ޕަބްލިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ

އިންވެސްޓްކުރާ ތަނެއްގެ ބިމުގެ އަގު ބޮޑުވުމެވެ. އަމިއްލަ ނުވަތަ ޕްރައިވެޓް

ސެކްޓަރ އިންވެސްޓްމަންޓް ތަކުގެ ސަބަބަކުން ނޫނެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްތަކުގެ

ސަބަބުންނެވެ. އެއާއިއެކު ވަރަށް ވަރުގަދަ ސުވާލެއް ޖޯޖް ކުރިއެވެ. އެ އަގު އުފުލުނީ

ރައްޔިތުންގެ ބައިތުލްމާލުން ޚަރަދުކޮށްގެން ކަމަށްވީ އިރު، އުފުލިގެންދާ އަގުގެ

ނަފާ ރައްޔިތުންނަށް ނުލިބި، އޭގެ ނަފާ ބިންވެރިންނަށް ލިބެންވީ ކީއްވެހެއްޔެވެ؟

އާދެ، މިކަމަށް އޭނާ ހުށަހެޅި އެއް  ޙައްލަކީ —  ތަންފީޒު ނުކުރިނަމަވެސް މިއަދުގެ އިޤްތިޞާދީ ދުނިޔޭގައިވެސް

ބޮޑު އިޙްތިރާމެއް ލިބިފައިވާ — "ލޮކޭޝަން-ވެލިއު ޓެކްސްއެވެ."

މާނައަކީ، ގެތައް މަރާތުކުރާ މީހުންގެ އަތުން ޓެކްސް ނުނަގާށެވެ. އިންވެސްޓްކުރާ

ވިޔަފާރިތަކުން ޓެކްސް ނުނަގާށެވެ. އިމާރާތްކުރުމަށް ޓެކްސް ނުނަގާށެވެ. އޭގެ

ބަދަލުގައި، ޕަބްލިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ބިމުގެ އަގަށް އަންނަ އިތުރުވުމުން

ޓެކްސް ނަގާށެވެ. އޭރުން، ސަރުކާރުން ބްރިޖެއް ނުވަތަ މަގެއް ނުވަތަ އެއަރޕޯޓެއް އެޅުމުގެ

ނަތީޖާއެއްގެގޮތުން އެތަނުގެ ބިމުގެ އަގުން ބޮޑުވާބައިން ކޮންމެވެސް މިންވަރެއް އަނބުރާ

ރައްޔިތުންނަށް ލިބިގެންދާނެއެވެ. ހެންރީ ޖޯޖް ގަބޫލުކުރި ގޮތުގައި މިކަމުގެ ސަބަބުން

ގެދޮރުގެ އަގު ހެޔޮވެ، ސްޕެކިއުލޭޝަން ހުއްޓި، އިޤްތިޞާދީ ގޯސް އަސަރުތައް ކުޑަވެ،

އަދި ސަރުކާރުގެ އިތުރު މަޝްރޫޢުތަކަށް ފައިނޭންސް ލިބިގެންދާނެއެވެ. މިއީ ގިނަ އޯ.އީ.ސީ.ޑީ

އިޤްތިޞާދީ މާހިރުންވެސް އެއްބަސްވާކަމެކެވެ.

ވިލިނގިއްޔަކީ މީގެ މިސާލެއް

ދެ އަވަށްޓެރިންގެ ވާހަކަ ހިތަށް ގެނެސްލަމާ ހިނގާށެވެ. އައިޝަތާއި

އަޙްމަދެވެ. އައިޝަތު ވަނީ އެތައް އަހަރެއް ވަންދެން ބުރަ މަސައްކަތްކޮށް، އޭނާގެ ގޭގެ

ފެންވަރު ރަނގަޅުކުރުމަށް އެކި ފަހަރުމަތިން އަމިއްލަ އަތުން އެތައް ޚަރަދުތަކެއް ކޮށްފައެވެ.

ގެ ދެ ބުރިއަށް ހެދުމަށްފަހު ތިރީ ބުރި ކުއްޔަށް ދިނީ ފިހާރައެއް ހިންގާށެވެ.

އައިޝަތު އޭނާގެ ދަރިން ބަލައި ބޮޑުކޮށް، ދިރިއުޅެމުން އަންނަނީ ފުރަތަމަ

ފަންގިފިލާގައެވެ.  އައިޝަތުގެ

އަވައްޓެރިޔާ އަޙްމަދަކީ ހުސް ބިމެއްގެ ވެރިއެކެވެ. އެ ބިން ތަރައްޤީ ކުރުމަށް

އަޙްމަދު އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

މާލެއާއި ވިލިނގިލި ގުޅުވައިދޭ ބްރިޖު ހުޅުވުމުމާއިއެކު އައިޝަތުގެ ގެއާއި

އަޙްމަދުގެ ހުސް ބިމުގެވެސް އަގު ނުވަތަ "ވެލިއު" އުފުލޭނެއެވެ. ނަމަވެސް އަޙްމަދަށް އިތުރު ފައިދާއެއް މި ލިބެނީ އެއްވެސް މަސައްކަތެއް

ކޮށްގެންނެއް ނޫނެވެ. ހަމައެކަނި ސަރުކާރުން އޭނާގެ ބިމުގެ ކައިރީގައި މަޝްރޫޢެއް

ހިންގުމުގެ ސަބަބުންނެވެ. މިއީ ބޭއިންސާފެއް ނޫންތޯއެވެ؟

ލޮކޭޝަން-ވެލިއު ޓެކްސްގެ ޒަރިއްޔާއިން، މި ބޭއިންސާފަށް އިންސާފު

ހޯދައިދެއެވެ. އައިޝަތަށް އޭނާ ކުރި ޚަރަދު ނުވަތަ އިންވެސްޓްމަންޓްގެ ބަދަލު،

އުފުލުނު އަގުން ލިބިގެންދެއެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްގެ

ސަބަބުން، ނުވަތަ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ހިންގި

މަޝްރޫޢުގެ ސަބަބުން، އަޙްމަދުގެ ބިމުގެ އަގުން އުފުލުނުބައިން އެނާ ސަރުކާރަށް

ޓެކްސް ދައްކަން ޖެހެއެވެ.

ތަރައްޤީ ހުއްޓުވުމަކާ ނުލައި ނިޒާމް އިންސާފުވެރިވެގެންދިއުން

މިއީ ދުރާލައި ވިސްނަންޖެހޭ ކަމެކެވެ. މާލެއާއި

ވިލިނގިލި ގުޅުވައިދޭ ބުރިޖް ހުޅުވުމަށްފަހު ދެން ވާގޮތެއް ބަލަން މަޑުކޮށްފިނަމަ

ބިމުގެ އަގު އުފުލި، ކުލި ބޮޑުވެ، ދިގު މުއްދަތަކަށް ވިލިނގިލީގައި

ދިރިއުޅެމުންއައި ރައްޔިތުންނަށް އެތަނުގައި ދިރިއުޅެން ދަތިވެދާނެއެވެ. އޭރުން

އޮންނާނީ މާ ލަސްވެފައެވެ. މަހުޖަނުން އިންވެސްޓްކޮށް ނަފާހޯދަފާނެއެވެ. ނަމަވެސް

ބިކަވާނީ އާދައިގެ ރައްޔިތުމީހާގެ އާއިލާއެވެ.

އެއްފަހަރު ޖެންޓްރިފިކޭޝަން (އަގުބޮޑުވުމުގެ

ސަބަބުން އެތަނުގައި ދިރިއުޅޭ މީހުން ބަދަލުވުން) ފެށިއްޖެނަމަ، ދެން އެކަން އިހު

އޮތްގޮތަށް އިއާދަ ކުރުމަކީ ގާތްގަނޑަކަށް ނުވާނެކަމެކެވެ. ލޮކޭޝަން-ވެލިއު ޓެކްސްއަކީ

މީގެ ހައްލުކަމަށް ބައެއް އިޤްތިސާދީ މާހިރުން ދެކިލައްވައެވެ. ލޮކޭޝަން-ވެލިއު ޓެކްސްގެ

ސަބަބުން މުޖުތަމަޢުގައި ހަމަޖެހުން ޤާއިމްވެ، ބިންތައް ތަރައްޤީކުރުމަށާއި،

އުފެއްދުންތެރިކަމާއިއެކު މުދާ ބޭނުންކުރުމަށް ހިތްވަރުލިބިގެންދާނެއެވެ. އަދި ތަރައްޤީގެ

ފައިދާ ލިބެނީ ހަމައެކަނި ބިންވެރިންނަށާއި މަހުޖަނުންނަށް ނޫންކަން

ކަށަވަރުކުރެވިގެންދާނެއެވެ.

ތަރައްޤީއަކީ އަދަބަކަށް ވެގެންނުވާނެ

ހަޤީޤަތުގައި މިއީ ހަމައެކަނި ވިލިނގިއްޔާ ބެހޭ

ވާހަކައެއް ނޫނެވެ. ވިލިނގިއްޔަކީ ހަމައެކަނި މިސާލެކެވެ. އަސްލު މައްސަލައަކީ، މާލޭ

ސަރަހައްދުގައި މިހާރުވެސް ކުރިއަށްދާ، އަދި މުސްތަޤްބަލުގައި ކުރިއަށްދާނެ ކޮންމެ

ބޮޑު މަޝްރޫޢަކާވެސް ގުޅޭ މައްސަލައެކެވެ. ރަސްމާލެވިޔަސް، ގުޅީފަޅުވިޔަސްމެއެވެ. ބައިތުލްމާލުން

ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކުގެ ސަބަބުން ބިމުގެ އަގު އުފުލޭނަމަ، ނުވަތަ އެ

ސަރަހައްދަކަށް އޮންނަ ޑިމާންޑް އިތުރުވާނަމަ، އޭގެ ފައިދާ ލިބެންވާނީ ކާކަށް ހެއްޔެވެ؟

ހަމައެކަނި ބިންވެރިންނަށް ނުވަތަ މަހުޖަނުންނަށް އޭގެ ފައިދާ ހޯދުމުގެ ފުރުސަތު ދީފިނަމަ،

ތަރައްޤީ ވެގެންދާނީ ބިންވެރިން ނޫން މީހުންނަށް، ނުވަތު ޢާންމު މީހާއަށް ދެވޭ

އަދަބަކަށެވެ.

ތަރައްޤީ ވާންޖެހޭނީ އެންމެންނާއި ހިއްސާކުރެވޭ

ތަނަވަސްކަމަކަށެވެ. އާދެ، އެންމެންނަށް ލިބޭ ބަރަކާތަކަށެވެ. މިބުނަނީ މަޝްރޫޢުތައް

ނުހިންގާށެކޭ ނޫނެވެ. މިބުނަނީ ތަރައްޤީއަކީ އިންސާފުވެރި ތަރައްޤީއަށް

ވާންޖެހޭނެއޭ އެވެ. އަދި އެކަން ކަށަވަރުވެސް ކުރަން ޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް