ދޮންކެޔޮ ތޮށި ކޮންޓެއިނަރެއްގެ ތެރެއިން ޔޫކޭ ފުލުހުން 100 މިލިއަން ޑޮލަރުގެ ކޮކެއިން އަތުލައިގެންފި

އިނގިރޭސިވިލާތުގެ އެސެކްސް ބަނދަރުގައި އޮތް ދޮންކެޔޮ ތޮށި ކޮންޓެއިނަރެއްގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ކޮކެއިން އަތުލައިގަނެވިއްޖެ ކަމަށް އެ ގައުމުގެ ދާހިލީ ވުޒާރާއިން ހާމަކޮށްފި އެވެ. މަސްތުވާތަކެ...

08 Dec 2020 | 15:00

އިނގިރޭސިވިލާތުގެ އެސެކްސް ބަނދަރުގައި އޮތް ދޮންކެޔޮ ތޮށި ކޮންޓެއިނަރެއްގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ކޮކެއިން އަތުލައިގަނެވިއްޖެ ކަމަށް އެ ގައުމުގެ ދާހިލީ ވުޒާރާއިން ހާމަކޮށްފި އެވެ.

މަސްތުވާތަކެތި ފޮރުވާފައިވާ ކޮންޓެއިނަރު ފުލުހުންނަށް ފެނިފައިވަނީ، އެސެކްސްގައި ހުންނަ ލަންޑަން ގޭޓްވޭ ޑީޕޯގައި އަޅާފައިއޮތް އާގުބޯޓަކުން ނެވެ. ބެލްޖިއަމްގެ އެންޓްވަރޕަށް ދަތުރުކުރަމުން ދިޔަ މި ބޯޓުގެ ކޮންޓެއިނަރެއްގެ ތެރެއިން ނެގި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1060 ކިލޯ ހުރިކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ "ސްކައިނިއުސް" ގައި ރިޕޯޓްކޮސްފައި ވެއެވެ.

މަސްތުވާތަކެތި އަތުލައިގަތުމުން ހިތްހަމަޖެހިވަޑައިގެން ހުންނެވިކަން ފާހަގަކުރައްވަމުން އިނގިރޭސި ދާހިލިއްޔާގެ ވެރިޔާ ޕްރިޓީ ޕަޓޭލް މި އޮޕަރޭޝަންގެ ކާމިޔާބީ ސިފަކުރެއްވީ ޓްރެފިކްކުރާ ފަރާތްތަކަށް ދެވުނު މެސެޖެއްގެ ގޮތުގަ އެވެ.

އެގޮތުން އިނގިރޭސިވިލާތަށް ވަންނަ މަސްތުވާތަކެތި ހުއްޓުވަން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެންމެ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހޭނެކަމަށް ވިދާޅުވި އެވެ.

މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެސެކްސްގެ ބަނދަރުން މިހާ ގިނަ އަދަދެއްގެ ކޮކެއިން އަތުލައިގަނެވުނު ދެވަނަ ފަހަރެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 150 މިލިއަން ޑޮލަރާ ގާތްކުރާކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އީޔޫގެ ޑްރަގް އެޖެންސީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮކެއިން ބޭނުންކުރަނީ އިނގިރޭސިވިލާތުގަ އެވެ. އަދި ނިމިދިޔަ އަހަރުގެ ތެރޭގައި އެ ގައުމުން މަސްތުވާތަކެތި ބޭނުންކޮށްގެން މަރުވި މީހުންގެ އަދަދުތައްވަނީ އެހެން އަހަރުތަކުގެ އަދަދުތައް މުގުރާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް