ދިވެހި ޕްރިމިއާ ލީގުގެ އައު ސީޒަން ފެށުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު މިރޭ ކުޅޭނެއެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދްޓޭޑިއަމްގައި މިރޭ ކުޅޭ މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ރަނަރަޕް ކުލަބު އީގަލްސްއެވެ.
މިރޭ 9:00 ގައި ކުޅޭ މި މެޗުގައި ރެފްރީ އެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ފީފާ ވޯލްޑް ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށްފައިވާ ތަޖުރިބާކާރު ރެފްރީ ހަންގޭރީގެ ވިކްޓަ ކަސާއީއެވެ.
ކަސާއީ ވަނީ 2011 ވަނަ އަހަރު އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 ން ބާސެލޯނާ މޮޅުވި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ އިތުރުން ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރުގެ ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ 2012 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށްފައެވެ. ވިކްޓަ ކަސާއީ އަކީ މިވަގުތު ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ހެޑް އޮފް ރެފުރީސްއެވެ.
މި މެޗުގެ ޕާޓްނަރުންގެ ގޮތުގައި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވިއަން ބްލަޑް ޑޯނާސް ވަނީ ހަމަޖައްސާފައެވެ. ޗެރިޓީ ޝީލްޑް މެޗުން މޮޅުވާ ޓީމަކަށް އާންމު ގޮތެއްގައި 100،000ރ. ލިބޭއިރު، މި މެޗުން ލިބޭ ފައިސާ ތަފާތު ޗެރިޓީ ޖަމުޢިއްޔާތަކަށް ހަދިޔާކުރެއެވެ.
ޗެރިޓީ ޝީލްޑް މެޗަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ތާވަލުކޮށްފައިވާއިރު، ލީގުގެ ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީއެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ސަސް ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް