ދެ ފަރާތަކުން މަޝްވަރާ ކޮށްލައިގެން ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލު ނުުކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން އިންތިޒާމްކޮށްގެން ބޭއްވި "އާސްކް ސްޕީކާ" ގައި ވާހަކަފުޅުދައްކަވަމުން ރޭ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރައްވައި ރަނގަޅު ގޮތަކަށް އެކަން ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދުގެ މި ވާހަކަ އަށް ރައްދު ދެއްވައި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ، އެމަނިކުފާނު ވިދާޅުވީ ދެ މީހަކު މަޝްވަރާކޮށްފައި އެ ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށެވެ.
https://twitter.com/maumoonagayoom/status/1336179534509445121
ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން މިހާރު އަމަލު ކުރަމުންދާ ރިޔާސީ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ނިޒާމު ބަދަލު ކުރަން ފާސްކޮށް ރައްޔިތުންގެ ވޯޓަކުން އެގޮތަށް ފާސްވެއްޖެ ނަމަ ކަމަށެވެ.
ރާއްޖޭގައި ނިޒާމު ކަނޑައެޅުމަށް ވޯޓު ނެގީ 2007 ވަނަ އަހަރު އެވެ. އެ ފަހަރު ނެގި ވޯޓުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމު ކަމަށް ނިންމިޔަސް އެމްޑިޕީ މިހާތަނަށްވެސް ބުނަމުން ދަނީ އެ ވޯޓު އޭރުގެ ރައީސް މައުމޫން ސަރުކާރުން އޮޅުވާލީ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީން ދަނީ ރާއްޖޭގައި އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވަކާލާތު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް