ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަ ނުކުރީ ގާނޫނާއި އެއްގޮތަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައެޅި މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ މައްސަލަ ބަލައިގެންފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަ ކޮށްދިނުމަށް ޑިފެންސް މިނިސްޓްރީގައި އެދުމުން އެ ކަމަށް ދެކޮޅު ހެދުމުން އެ މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅި ދިޔަސްރެސް އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އަޒާން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައި އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބެލުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ނިންމާފައިވަނީ ޑިފެންސް މިނިސްޓްރީ އާއި އެއްކޮޅަށެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ މައްސަލަ މިއަދު ބަލައިގެންކަން މައްސަލަ ހުށަހެޅި ދިޔަރެސް އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އަޒާން ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ.
މި މައްސަލައިގަ އޭނާގެ ފަރާތުން ހައި ކޯޓުގައި ވަކާލާތު ކުރައްވާނީ "ދިވެހި ޗެމްބާސް" ޤާނޫނީ ފާމްގެ ފަރާތުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތެވެ.
އަޒާން ބުނީ މި މައްސަލަ އިސްތިއުނާފު ކުރަން ނިންމީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތަކީ އާންމު ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތެއް ކަމަށް ގަބޫލު ކުރާތީ ކަމަށެވެ. އަދި އައިކޮމްއިން އެ މައްސަލަ ނިންމި ގޮތް ބަލައި ނުގަންނަ ކަމަށް އަޒާން ބުންޏެވެ.
މި މައްސަލަ ބެލުމަށް ފަހު އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވީ ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިންނާއި ގުޅޭ މައުލޫމާތު ހާމަނުކުރަން ޑިފެންސުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށްވާތީ އެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ. ފިޔާޒު ވިދާޅުވީ އައިކޮމްގެ ނިންމުމާއި މެދު އިއުތިރާޒުވާ ނަމަ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހައްގު އަޒާންއަށް ލިބިގެންވާ ކަމަށެވެ.
މި މައްސަލައިގަ އައިކޮމްގައި ބޭއްވި އަޑުއެހުންތަކުގައި ޑިފެންސް މިނިސްޓްރީން ވަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތަކަށް ވާތީ ހާމަކުރެވެން ނެތްކަން ލިޔުމުން އަޒާންއަށް އަންގާފައިވާނެ ކަމަށް ބުނެފައި އެވެ. އަދި އެ މައުލޫމާތު ދޭން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދީ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން އެ މައުލޫމާތު ދޭން ދެކޮޅު ހެދުމުންނެވެ.
މި މައުލޫމާތު ދޭން ޑިފެންސުން ދެކޮޅު ހަދަނީ ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްފި ނަމަ އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއްކަމަށް ގަބޫލު ކުރެވޭ ކަމަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖެއަކީ އެއްވެސް ގައުމަކާއި އަރާރުން ނުއުފެދޭ، ވަރަށް ޑިޕްލޮމެޓިކް ގައުމެއް ކަމަށާއި ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރާކަށް ބޭނުން ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް