''އެކްސިޑެންޓެއް ދޯ....... ގަބޫލުކޮށްފިން........ އެކަމަކު ފަހުދު ގެ ހަރަކާތްތައްހުރި ގޮތެއްދޯ...... އިމްރާނަށް ފެނުނުނަމަ ކިހިނެއްބާ ވާނީ......އަދި މިއަދު ފަހުދުގެ ކޮޓަރީގައި ހިނގާދިޔައީ ކިހާބޮޑު އެކްސިޑެންޓެއްކަން އެނގޭނީ ފެނުނުނަމަ......ގައިމު އަޑުއެހިން ދޫކުރާށޭ ގޮވާއަޑު........'' ނާޒިމާ ހީނގަތެވެ.
''މަންމާ...... މަންމަ ތި ހީކުރާކަހަލަ އެއްވެސް ކަމެއް ނުހިނގާ.......'' ޒާރާއަށް ބުނެވުނީ ބުނަން ބޭނުންވި ވަރަށްވުރެ ބާރަށެވެ.
އެންމެ ރަނގަޅު.........ޒާރާ ބޭނުމިއްޔާ ދެން އެވާހައެއް ނުދައްކާނަން..............'' ނާޒިމާ އެނދުން ތެދުވިއެވެ.
''ކޮން ވާހަކައެއް އަނެއްކާ......'' ކޮޓަރިއަށް ވަދެގެންއައި އިމްރާނަށް އަޑުއިވުނީ ނާޒިމާ އެންމެ ފަހުންބުނި ޖުމްލަ އެވެ.
އިމްރާނަށް ދޭނެ ޖަވާބެއް އެކަކަށް ވެސް ނޭނގުނެވެ.
'' ޒާރާ ގާތު މަންމަ މިކިޔަނީ ރަނގަޅަށް އަރާމު ކުރާށޭ........ ރަނގަޅު އެއްޗިހި ކާށޭ....... މިކަހަލަ ވާހަކަތައް މަންމަ ދައްކާތީ ޒާރާ ހިތްހަމަ ނުޖެހިފަ ހުރިހެން ހީވެގެން މިބުނީ..... ދެން އެވާހަކައެއް ނުދައްކާނަމޭ މަންމަ އެއް......'' ނާޒިމާ ނިކަން ފުރިހަމައަށް އިމްރާނުގެ ސުވާލަށް ޖަވާބު ދީފިއެވެ. އެހެންނަމަވެސް ނާޒިމާ ދެއްކި އެއްވެސް ވާހަކައަކަށް އިމްރާން ސަމާލުކަން ދިންހެނެއް ހިޔެއް ނުވެއެވެ. ހަރުގަނޑުން ތުވާލި ނަގައިގެން ފާހާނާއާ ދިމާއަށް ހިނގައިގަތެވެ. ނާޒިމާއަށް މަޖްބޫރުވީ ކޮޓަރިން ނިކުމެގެންދާށެވެ.
ޒާރާގެ ސިކުނޑި ހާސްވާން ފަށައިފިއެވެ. އެހެންނަމަވެސް ޒާރާ އިސްކުރީ ކެތްތެރިކަމެވެ. އެއްވެސްކަމެއް ގޯސްވިޔަ ނުދިނުމަށްޓަކައި އެފަދަ ފުރުސަތެއް އެކަކަށްވެސް ނުދޭން ޒާރާ އަޒުމް ކަނޑައެޅިއެވެ.
**************
މެންދަމުގެ ހަމަހިމޭންކަން ދުނިޔެމަތީގައި ރަސްކަންކުރަމުންދަނީއެވެ. ގަޑިން މެންދަމުން އަލިވެ ދެގަޑި ބައިވެއްޖެއެވެ. ޒާރާ ނިދޭތޯ ފޮރޮޅި ފުރޮޅި ވަރުބަލި ވެއްޖެއެވެ. އޮށޯވެ އޮންނަންވެސް އުނދަގޫ ވަނީއެވެ. އެހެންކަމުން ގިނަވަގުތު އޭނާ އިންނަނީ އިށީނދެއެވެ. ބައެއްފަހަރު ސޯފާގައެވެ. އަނެއްބައިފަހަރު އެނދުގައެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގަނީވެސް ލުއިކަމެއް ލިބޭތޯއެވެ. ފަހަކަށްއައިސް އެންމެ ރެއަކުވެސް އޭނާއަށް ރަނގަޅަކަށް ނުނިދެއެވެ. ބަނޑުގައި ރިހުން ހުންނާތީއާއި މެޔަށް އާދަޔާ ޚިލާފަށް އުނދަގޫތަކެއް ވާތީއެވެ. ޒާރާ ބަލާލީ ގާތުގައި ނުހަނު ފުން ނިންޖެއްގައި ނިދާލާފައި އޮތް އޭނާގެ ފިރިމީހާއަށެވެ. ޒާރާ ނުނިދިގެން އުޅުނުކަމުގައި ވިޔަސް އިމްރާނުގެ ނިދި ހަލާކުވެދާނެތީ އޭނާއަކަށް ނުގޮވައެވެ. އެހެންނަމަވެސް މިރޭ ބަނޑުގައި ރިއްސަނީ މާ ގަދަޔަށް ކަމުގައިވާތީ އޭނާއަށް މަޖުބޫރުވީ އިމްރާނަށް ގޮވާށެވެ.
އެނދުގައި އިށީދެލުމަށްފަހު އިމްރާންގެ ކޮނޑުގައި ޒާރާ ކޮއްޓާލިއެވެ. ފުން ނިދީގެ މަސްތުގައި އޮތް އިމްރާނަށް އެކަމުން އެއްވެސް އަސަރެއް ނުކުރިއެވެ. ދެވަނަފަހަރަށްވެސް ޒާރާ ކޮއްޓާލިއެވެ. އަތުގައިހިފާ ތަޅުވާލިއެވެ. އިމްރާން ފުރޮޅިލިއެވެ. ޒާރާއާ ގާތަށް ޖެހިލިއެވެ. އެހެންނަމަވެސް އެވަރުންވެސް ނުހޭލައެވެ.
''އިމްރާން......'' ޒާރާ އިމްރާނަށް ގޮވާލިއެވެ. އެ އަޑުގައިވަނީ ރިހުމާ ވޭނެއްގެ އަސަރެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު އިމްރާން ލޯ ހުޅުވާލިއެވެ. އޭރު ޒާރާއަށް އިނދެވެނީކީ ނޫނެވެ. އެއްއަތުން ބަނޑުގައި ހިފަހައްޓައިގެން އަނެއްއަތް އެނދުގައި ވިއްދާލައިގެންއިން ޒާރާގެ ހަށިގަނޑު ތުރުތުރު އަޅަމުން ދެއެވެ.
''ކިހިނެތްވީ.......'' ލޯ ހުޅުވާލެވުމާއެކު އިމްރާން ފުންމައިގެން ތެދުވިއެވެ. ޒާރާގެ ގާތަށް ޖެހިލާ އޭނާގެ ހަށިގަނޑާ ޒާރާ ކައިރިކޮއްލިއެވެ. ވިހުރުވިފައިވާ ފަން އިސްތަށިގަނޑު ރީތިކޮއްލާދިނެވެ. ޒާރާގެ މޫނުގައި ނުހަނު ލޯބިން ފިރުމާލިއެވެ. ނިދާބޮކީގެ ފަނޑުއަލިކަމުގެ ތެރެއިން އެ މޫނަށް އިމްރާން ބަލާލިއެވެ. އެ މޫނުން އިމްރާނަށް ފެނުނީ ވޭނާ ރިހުމުގެ އަސަރުތަކެވެ. ޒާރާގެ ރީތި ދެލޯ މަރާލާފައިވާއިރު އެ ދެލޮލުން ފާއްދާލާފައިވާ ކަރުނަގެ އަސަރުން އެސްފިޔަތައް ވަނީ ތެންމާލާފައެވެ. އެ ރީތި ދެތުންފަތުގައި އެކުލެވިފައިވަނީ މަޑު ތުރުތުރެކެވެ.
''ޒާރާ..........'' އިމްރާން ނުހަނު ހާސްވެއްޖެއެވެ. ޒާރާގެ ހަށިގަނޑުން ވާގި ދޫވާހެން އޭނާއަށް ހީވަނީއެވެ.
''ބަނ.....ޑުގައި...... ރިއްސަނީ........'' ޒާރާ ލަސްލަހުން ބުނި ޖުމްލައިން އިމްރާނަށް ތެޅިގަނެވެ. މަޑުމަޑުން ޒާރާ އެނދުގައި ބޭއްވުމަށްފަހު އަވަސްވެގަތީ މަންމަ އަށް ގުޅާށެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ގޭތެރެވަނީ ހަލަބޮލިވެފައެވެ. އެންމެން ޒާރާގެ ކޮޓަރިއަށް ޖަމާވެއްޖެއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާ ހާސްކަމުގެ އަސަރުތަކެވެ. ނާޒިމާ ފިޔަވައެވެ.
''ދަރިފުޅާ ...........އެމްބިއުލާންސަށް ގުޅައިފިންތަ.......'' ބޭބީއަށް ބޭނުންވާ ސާމާނުތައް އަޅާފައިވާ ދަބަހުގެ ޒިބު އަޅުވާލަމުން ސަރީފާ ބަލާލީ އިމްރާނުގެ މޫނަށެވެ.
''ނޫން......ޒާރާ ބޭނުމެއްނޫން އެމްބިއުލާސްގަ ދާކަށް..... އެހެންވެ ކާރުގަ ދާންކަމަށް...... މަންމަމެން ތިރިއަށް ފައިބާ.......ފަހުދު ވެއްޖެ ތިރީގަ....'' އިމްރާން ބަލާލީ ނާޒިމާ އާއި ހާމިދުގެ މޫނަށެވެ.
އިމްރާނާއި ސަރީފާގެ އެހީތެރި ކަމާއެކު ޒާރާ ލިފުޓަށް އެރިއެވެ. ލިފްޓްގެ ދޮރު ހުޅުވުނު އިރު ފަހުދު ހުރީ ދޮރުމަތީގައެވެ. ދެ ކާރު ސްޓާޓް ކޮއްފައި އޮތެވެ.
އެއްކާރުގައި ފަހުދާއެކު ދިޔައީ ނާޒިމާގެ ދެމަފިރިންނެވެ. ޒާރާ ގޮވައިގެން ދިޔައީ އިމްރާނެވެ. ސަރީފާ ގެ ގައިގައި ލައްވެލައިގެން އިން ޒާރާގެ ބަނޑުގައި ރިހުން ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. ވޭން ނަގަމުންދާ ކޮންމެ ފަހަރަކު ޒާރާ ކުކުރާލައެވެ. އެހެންނަމަވެސް އެއީ ކެތްތެރި އަންހެނެކެވެ. ސަރީފާގެ ފަރާތުން ލިބެމުންދިޔަ ފިރުމުންތަކުގެ ސަބަބުން ޒާރާއަށް ހިތްހަމަޖެހުން ލިއްބައިދެއެވެ.
މާގިނައިރެއްނުވެ ހޮސްޕިޓަލުގެ ޕޯޓިކޯއަށް ކާރު މަޑުކޮއްފިއެވެ. ނަރުހުންގެ އެހީތެރިކަމާއެކު ޒާރާ އެތެރެއަށް ވެއްދިއެވެ. ހުރިހާކަމެއްގައިވެސް ފަހުދުގެ އެހީތެރިކަން އިމްތިހާ ދަރަޖައަށް ލިބުނެވެ.
ޑޮކްޓަރު ބެލުމަށްފަހު ވިހާކޮޓަރިއަށް ޒާރާ ވައްދައިފިއެވެ. ވިހާކޮޓަރީގެ ބޭރުގައި ކެތްތެރިކަމެއްނެތި އެންމެން އިންތިޒާރު ކުރަމުންދިޔައީ ޒާރާ ވިހާނެ އިރަކަށެވެ. ހާމިދު ހުރީ އެހެންމީހުނާ ތަންކޮޅެއް ދުރުގައެވެ. ލޯމަރާލައިގެން ފާރުގައި ލެނގިލައިގެންހުރި، އިރު މީގެ ސައްބީހަކަށް އަހަރުކުރިން ހިނގާދިޔަ ހާދިސާ ހާމިދުގެ ލޯކުރިމަތީގައި އެނބުރެމުންދަނީއެވެ. އޭނާގެ ލޯބިވާ އަންހެނުން އޭނާއާ ވަކިވެދިޔަ ހިތްދަތި ހާދިސާއެވެ. އެ ދެމަފިރިން ކުރަމުންދިޔަ ފޮނިފޮނި އެތައް އުންމީދެއް ވަޅުލެވިގެން ދިޔަ ހިތާމަވެރި ހާދިސާއެވެ. އެވެސް ހަމަ މިކަހަލަ ދުވަހެކެވެ. އެހެންނަމަވެސް އެދުވަހު ހާމިދު ހުރީ އެކަނި މާ އެކަންޏެވެ. ހުރިހާ ހިތާމައެއް ތަހަންމަލުކުރީ އޭނާ އެކަނި މާ އެކަންޏެވެ. އެދުވަހު ހާމިދުގެ ހިތް ކުދިކުދި ވިއެވެ. އަލުން އެ ހިތަށް ދިރުން ނާންނަ ވަރަށެވެ. އެދުވަހު ހާމިދުގެ ހަޔާތުގެ ހުޅުކޮޅު ކަނިވެގެން ދިޔައެވެ. އަލުން އެ ހުޅުކޮޅަށް އުޖާލާކަން ނާންނަވަރަށެވެ. އޭނާގެ ހަޔާތަކީ، އެ ޙަޔާތެއްގައި މިއަދާހަމައަށް ދަރިން ފިޔަވާ އެއްވެސް އުފާވެރިކަމެއް ނެތް ހަޔާތެކެވެ.
ހާމިދު ލޯ ހުޅުވާލިއެވެ. ޖީބުގައި އޮތް ރުމާ ނަގައިގެން މޫނުފޮހެލިއެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެއްވެސް މީހަކަށް ދައްކަން ބޭނުން ނުވާތީއެވެ. ހިތާހިތުން ދުޢާކުރަމުން ދިޔައީ ޒާރާގެ ދެމައިން ހެޔޮހާލުގައި ލެހެއްޓެވުން އެދިއެވެ. ހާމިދަށް އޭނާގެ ހަޔާތުގައި ދިމާވިފަދަ ހިތްދަތިކަމެއް އަލުން ތަކުރާރުވާކަށް އޭނާ ނޭދެއެވެ.
ވިހާކޮޓަރީގެ ދޮރު ހުޅުވުމާއެކު ހުރިހާ މީހުނަށްވެސް ބަލާލެވުނީ އެދިމާއަށެވެ. ނަރުސްކުއްޖަކު އެތެރެއިން ނިކުތެވެ.
''ކޮބާ ޕޭޝަންޓްގެ ފިރިމީހާ.......'' ނަރުސްކުއްޖާ ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެކުއްޖާގެ މޫނުމަތިން ހާސްކަމެއް ފެންނަންހުއްޓެވެ.
''އަޅުގަނޑު...... '' އިމްރާން މޭގާއި އަތް ޖައްސާލަމުން ކުރިއަށް ޖެހިލިއެވެ. ނަރުސްކުއްޖާ އިމްރާން ތަންކޮޅެއް ދުރަށް ގެންގޮސްގެން ވާހަކަތަކެއް ދެއްކުމަށްފަހު އެތެރެއަށް ވަދެގެން ދިޔައީއެވެ. އިމްރާން ހުއްޓުން އަރާފައި ހުރިގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ސަރީފާއަށް އެނގިއްޖެއެވެ. އިމްރާން ގާތަށް ދިއުމަށްޓަކައި ސަރީފާ ހިނގައިގަތެވެ. އެހެންނަމަވެސް ހަމަ އެވަގުތު ވިހާކޮޓަރީގެ ދޮރު ހުޅުވުނެވެ. ހަމަ ކުރިންވެސް ނިކުތް ނަރުސްކުއްޖާ ނިކުތެވެ. އަތުގައި ކަރުދާހެއް އޮތެވެ. ނަރުސްކުއްޖާ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ހިނގައިގަތެވެ. އިމްރާންއާ އަރާ ހަމަވެފައި ކޮންމެވެސް އެއްޗެކޭ ބުނެފިއެވެ. އެވަގުތު އިމްރާން ބޯޖަހާލަމުން އެކުއްޖާގެ ފަހަތުން ހިނގައިގަތެވެ.
ކަންތައް ވަމުންދާގޮތް އަންދާޒާކޮއްލަންވެސް ނޭނގިފައިވާހާލު، އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. އެވަގުތު ޒާރާއަށް ވަމުންދާގޮތް ނޭނގޭތީ އެންމެންވެސް ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ސަރީފާ ދެކޮޅަށް ހިނގަންފެށިއެވެ. ހާމިދު ހަމަ އެފަދައެވެ. އަލިބެ ބެލީ ކެތްތެރިކަން އިސްކޮށް ސަރީފާއަށް ހިތްވަރުދެވޭތޯއެވެ.
ހާމިދު ބަލާލީ ނާޒިމާއަށެވެ. އޭނާގެ މޫނުމަތިން އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ނުފެނެއެވެ. އޭނާ އިނީ ވިހާކޮޓަރި ބޭރުގައިހުރި ގޮނޑިބަރީގައެވެ. އިރުއިރުކޮޅާ ފޯނުން ކޮންމެވެސް ނަމްބަރަކަށް ގުޅާލައެވެ. ކަންފަތުގައި ޖައްސައިގެން އިރުކޮޅަކު މަޑުކުރުމަށްފަހު ކަންފަތުން ނައްޓާލައެވެ. ހީވަނީ ކޮންމެވެސް މީހަކަށް ނުގުޅިގެން އުޅޭހެނެވެ. އެވަގުތު އެގުޅަނީ ކާކަށް ބާވައޭ ހާމިދުގެ ހިތަށް އެރިއެވެ.
ކުއްލިއަކަށް ސަރީފާ ހަނދާންވީ ފަހުދު މަތިންނެވެ. ޒާރާ ވިހާކޮޓަރިއަށް ވެއްދިފަހުން ފަހުދެއް ނުފެނެއެވެ. ޒާރާއަށް ވަމުންދާގޮތެއްވެސް ބަލާލެވޭނީ ފަހުދު ހުރިނަމަ ނޫންހެއްޔޭ ސަރީފާގެ ހިތަށް އެރިއެވެ. އެވަގުތު ފަހުދަށް ގުޅާލަން އޭނާ ބޭނުންވިއެވެ. ފޯނުނަގާ ފަހުދުގެ ނަމްބަރަށް ގުޅާލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް