ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ހާމަކޮށްފި

ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނު ކޮށްފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓު ލިބުނު ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި އަމަލު ކޮށްފައިވާ މިންގަނޑު އާންމުކޮށްފި އެވެ. ފްލެޓު ލިބުނު މީހުންނަށް ޕ...

08 Dec 2020 | 06:13

ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނު ކޮށްފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓު ލިބުނު ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި އަމަލު ކޮށްފައިވާ މިންގަނޑު އާންމުކޮށްފި އެވެ.

ފްލެޓު ލިބުނު މީހުންނަށް ޕޮއިންޓު ދިންގޮތް ހާމަ ކުރީ ޕޮއިންޓު ދިން ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ޝަކުވާ ކުރަން ފެށުމުންނެވެ.

ރައީސް އޮޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދިރިއުޅުމުގެ ހާލަތު ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ޕޮއިންޓު ދެވޭނީ ގޭގެއަށް ގޮސް ހާލަތު ބަލައިގެން ކަމަށް ވާތީ، ޕޮއިންޓު ދޭނެ މިންގަނޑެއް އެކުލަވައިލީ ހައުސިން މިނިސްޓްރީގެ ލަފައަ އެކު ކަމަށެވެ. ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓު ދޭން އެކުލަވާލާފައިވާ މިންގަނޑު ކުރިން އާއްމު ނުކުރީ އެ މައުލޫމާތު ކުރިން ހާމަކޮށްފި ނަމަ އެންމެ އިންސާފުވެރިކަމާ އެކު ޕޮއިންޓު ދޭން ހުރަސް އެޅޭނެތީ ކަމަށް ވެސް ކޮމިޓީން ބުންޏެވެ.

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމުގައި މިންގަނޑުގައި 13 ކަމަކަށް ބަލާފައިވެ އެވެ. އޭގެ ތެރޭގައި ކޮޓަރިއެއްގައި ނިދާ މީހުންގެ އަދަދާއި ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންނަށް ވަކި ކޮޓަރިއެއް ހުރިތޯ އާއި ފާޚާނާ ބޭނުންކުރާ މީހުންގެ އަދަދާއި ގޭގައި ކެއްކުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަ ގޮތާއި ފެން ލައިޓް ބޭރަށް ހުޅުވޭ ގޮތަށް ހުރިތޯ ބެލުމާއި ކާރިސާއެއް ދިމާވެއްޖެ ނަމަ ފަސޭހައިން ސަލާމަތްވާނެ ގޮތެއް ހުރިތޯ އާއި ދިރިއުޅޭ ތަނުގެ އެތެރޭގެ ފާރުތަކުގައި ރެނދުލައި ވީރާނާވެފައި ހުރިތޯ ބެލުމާއި ފެންބޮޑުވާ ގޮތަށް ހުރިތޯ އާއި ސީލިންގު ހަލާކުވެފައި ހުރިތޯ ބެލުން ފަދަ ކަންކަން ހިމެނެ އެވެ.

މީގެ އިތުރުން ޕޮއިންޓް ދިނުމުގައި ބަލާފައި ވަނީ ކައިވެނީގެ މުއްދަތަށާއި ވަޒީފާ އަދާކުރި މުއްދަތާއި ލިބޭ އާމްދަނީ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް