މިސްކިތްތަކަށް ކުޑަކަމު ގޮސް ޚަތިމަށް ކުޅު ޖެހި މީހާއަށް ހައްގު އަދަބު ދިނުމަށް ޕީޕީއެމް އިން ގޮވާލައިފި

މިސްކިތްތަކަށް ކުޑަކަމު ގޮސް ޚަތިމަށް ކުޅު ޖެހި މީހާއަށް ހައްގު އަދަބު ދިނުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ. އެ ޕާޓީން މިހެން ގޮވާލީ މިރޭ ނެރުނު ބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ ދިވެހި ފިރ...

08 Nov 2021 | 17:33

މިސްކިތްތަކަށް ކުޑަކަމު ގޮސް ޚަތިމަށް ކުޅު ޖެހި މީހާއަށް ހައްގު އަދަބު ދިނުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.

އެ ޕާޓީން މިހެން ގޮވާލީ މިރޭ ނެރުނު ބަޔާނެއްގަ އެވެ.

އެބަޔާނުގައި ބުނެފައިވަނީ ދިވެހި ފިރިހެނަކު މިސްކިތްތަކަށް ކުޑަކަމުގޮސް ޚަތިމަށް ކުޅު ޖަހާ ހިންގި ޢަމަލާއި އެ ޢަމަލު ހިންގި މީހާގެ ޢަމަލުތައް ދިފާޢު ކުރުމަށް ސަރުކާރުގެ ފަރާތުން ދައްކަމުން ގެންދާ ތަފާތު ވާހަކަތަކާއި ބަހަނާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެމީހާއަކީ ނަފްސާނީ ބަލީގެ މީހެއްކަމަށް ބުނިނަމަވެސް، އެމީހާގެ ނަފްސާނީ އެއްވެސް މައްސަލައެއް ހުރި ކަމަށް ފާހަގަވެފައި ނުވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

"ދީނީ ކަންކަމަށް ހަޖޫ ޖަހާ، ދީނީ ޝިޢާރުތަކާއި ދެކޮޅަށް އަޑު އުފުލަމުން ގެންދާ އެންމެހާ ފަރާތްތަކުގެ ހިމާޔަތުގައި މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ތަކުރާރުކޮށް މިސްކިތްތަކަށް ކުޑަކަމުގޮސް ޚަތިމަށް ކުޅު ޖެހި މީހާގެ ވެސް ދިފާޢުގައި ސަރުކާރުން މަސައްކަތް ކުރާކަމީ ވަރަށް ހިތާމަ ހުރި އަދި އެހާމެ ލަދުވެތި ކަމެއްގެ ގޮތުގައި މިކޯލިޝަނުން ފާހަގަ ކުރަމެވެ." ޕީޕީއެމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އޭނާއަކީ އެއްވެސް ކަހަލަ ބައްޔެއް ހުރި މީހަކަށް ނުވާއިރު، އޭނާއަކީ ނަފްސާނީ ބަލި ހުރި މީހެއްކަމުގައި ދައްކާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރި ހުރުން ވެސް އެކޯލިޝަނުން ބަލައިނުގަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ދީނަށް ފުރައްސާރަކޮށް މާތްﷲ ގެ ކަލާމްފުޅަށް ކުޅު ޖަހާ ހެދި މީހެއްގެ ދިފާޢުގައި ތަފާތު ވާހަކަތައް ދެއްކުމުގެ ބަދަލުގައި، އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް އެމީހާއަށް ޤާނޫނުތަކުން ކަނޑައަޅާފައިވާ އަދަބު ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް