ފިލިޕީންސް ނަރުސް ކުއްޖާ މޭރީ ގްރޭސް މަރުވީ ލިބުނު އަނިޔާ ތަކެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ފިލިޕީންސް ނަރުސް ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓަށް ރިޔާޢަތް ކޮށެވެ.
ފުލުހުން ބުނެފައިވަނީ ޕޯސްޓުމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރުވީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ.
މިދިޔަ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު ފުލުހަށް ހުށަހެޅި މި މައްސަލައިގެ ތަހުގީގަށް ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ މި ނޮވެމްބަރ މަހުގެ އެއްވަނަ ދުވަހު އެވެ.
ފިލިޕީންސަށް ނިސްބަތްވާ ނަރުސް ކުއްޖާއަކީ އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ ކުއްޖެކެެވެ. އަދި އޭނާ ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި އޭރު ވަނީ ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް މި މައްސަލައިގައި، މޭރީ މަރުވީ ދަންޖެހިގެން ކަން ކަށަވަރު ވެފައި ނުވާ ކަމަށާއި އޭނާގެ ކަރުގައި ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ކުރިން ވެސް ވަނީ ރިޕޯޓް ކޮށްފަ އެވެ.
އެހެންނަމަވެސް މިކަމުގައި ފުލުހުން ރަސްމީކޮށް އޭރވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މޭރީ ގްރޭސް އަކީ ކައިވެނި ކޮށްގެން ދަރިއެއް ވެސް ހުންނަ މީހެކެވެ. އަދި އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގެ އީއާރްގައި ނަރުހެއްގެ ގޮތުގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހު އެވެ.
މި މައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ، މޭޜީގެ ފިރިމީހާ ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާގެ ބަންދަށް ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް