ހަންގޭރީގެ ސަރުކާރުން ރާއްޖެއަށް 60 ސްކޮލަރޝިޕް ދިނުމަށް ނިންމާ އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ.
މި ފަހުމުނާމާގެ ދަށުން ހަތަރު އަހަރު ވަންދެން ކޮންމެ އަހަރަކުވެސް 15 ސްކޮލަރޝިޕް ރާއްޖެއަށް ލިބޭނެ އެވެ.
އެގޮތުން ފުރަތަމަ ޑިގްރީ އާއި މާސްޓަރސް، ޕީއެޗްޑީ އަދި ކުރު މުއްދަތުގެ ކޯސްތައް ހެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އަދި މިއަހަރު ލިބޭނީ ފުރަތަމަ ޑިގްރީގެ ހަ ފުރުސަތަކާއި މާސްޓަރސް ޑިގްރީގެ ހަތް ފުރުސަތާއި ޕީއެޗްޑީގެ ދެ ފުރުސަތު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ހަޔަރ އެޑިއުކޭޝަނުން ބުނީ ސްކޮލަރޝިޕްތަަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓް ދިވެހި ސަރުކާރުން ދޭ އިރު، އެހެން ހުރިހާ ޚަރަދެއް ހަމަަޖައްސާނީ ހަންގޭރީގެ ސަރުކާރުން ކަމަށެވެ. އަދި މި އަހަރަށް ކަނޑައަޅާފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ ފަހު ކޮޅު ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ.
ކޯސްތައް ހިމެނިފައިވާ ދާއިރާތަކުގެ ތެރޭގައި ޓީޗިންގ ޓްރެއިނިންގ، އާޓްސް އެންޑް ހިއުމެނިޓީޒް، ސޯޝަލް ސައިންސް، ސްޕޯޓްސް ސައިންސް، ނޭޗަރަލް ސައިންސް، އެގްރިކަލްޗަރ ސައިންސް ފަދަ ދާއިރާތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް