ސްރީލަންކާގައި މިރޭ ފަށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު މާދަމާ ރޭ ކުޅެގޮތަށް ފަސްކޮށްފި އެވެ.
މި މެޗާއި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ރެއަށް ފަސްކޮށްފައިމިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ނެވެ.
މީގެ އިތުރުން ބަންގުލަދޭޝްއާއި ސީޝެލްސް މިއަދު ހަވީރު ކުޅެން އޮތް މެޗުވެސް މިހާރު ވަނީ މާދަމާ ހަވީރަށް ފަސްކޮށްފަ އެވެ.
މިރޭ ބާއްވަން ކުރިން ރާވާފައި އޮތް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަދު ލަންކާއަށް ވަޑައިގެންފަ އެވެ.
ލަންކާއަށް ރައީސް ވަޑައިގަތުން އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާ އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ގައުމީ ޓީމުގެ ކޯޗު ވެސް ވަނީ ރައީސަށް މަރުހަބާ ދަންނަވާފަ އެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ލަންކާގެ އެފްއޭއިން ވަނީ ރާވާފަ އެވެ. އެ ރަސްމިއްޔާތުގައި ލަންކާގެ މަޝްހޫރު އާޓިސްޓުން ކަމަށްވާ ބަތިޔާ، ސަންތޫޝް، އުމައިރާ އަދި ރަންދީރާއި ޓީމުގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
މި މުބާރާތް ކުޅުމަށް ނިންމާފައިވަނީ ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގަ އެވެ. މި މުބާރާތަކީ ފީފާ ކަލަންޑަރުގެ ތެރެއިން އެގައުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ.
މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު، ފައިނަލް މެޗުގެ ޚާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު މިހާރު ޝެޑިއުލް ކޮށްފައި ވަނީ ލަންކާ ގަޑިން މާދަމާ ރޭ 9:00 އަށެވެ. އެއީ ރާއްޖެ ގަޑިން މާދަމާ ރޭ 8:30 އެވެ.
ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯގެ ބޮޑު ޓީވީންނާއި ކާނިވާ ސަރަހައްދު އަދި ޒުވާނުންގެ މަރުކަޒުގައި ހުންނަ ބޮޑު ސްކްރީނުން ދައްކާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް