ރައްޔިތުން އަނގަޔާއި އަތާ ދިމާނުވެގެން އުޅޭ އިރު، މުލިއާގޭގެ ޚަރަދުތަކަށް ދުވާލަކަށް 75،000 ރުފިޔާ ޚަރަދުކުރާކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެ، ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ތަޅުމުގައި ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ރައްޔިތުން ނުކައިނުބޮއި ތިއްބާ އެންމެ މީހަކަށް އެވަރުގެ ބޮޑު އަދަދެއް ޚަރަދު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އަންނަ ރޯދަމަހުގެ ތެރޭގައި ތަކެތީގެ އަގުތައް އަތްނުފޯރާ މިންވަރަށް މައްޗަށްދިއުމަކީ އެކަށީގެންވާ ކަމެއް. މި ލެވެލަށް ކަންކަން ދާން ފެށުމުން އަޅުގަނޑުމެން އަމިއްލައަށް ފައިސާގެ އަގު ވައްޓާލާ ޑޮލަރުގެ އަގު 19 އާ 20 އާއި ހިސާބަށް ދިޔައީމަ އަނެއްކާ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދާނެ،" ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދަރަނި ބޮޑުވަމުން އަންނަ ވަރަކަށް ޑޮލަރުގެ އަގު ބޮޑުވަމުން އަންނާނެ ކަމަށާއި އެއީ ވެސް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުގައި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދަ އާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާއެކު ބަޖެޓުގެ ޖުމްލަ އަކީ 36.9 ބިލިއަން ރުފިޔާ އެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް 24.2 ބިލިއަން ރުފިޔާ ލަފާކޮށްފައިވާ އިރު، މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.
އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އެއީ ބަޖެޓު ޑެފިސިޓްގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާއާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.8 ބިލިއަން ރުފިޔާއާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް